ޕާކިސްތާނުގެ ލާހޯރުގައި ފުލުހުން ޕީޓީއައިގެ ސަޕޯޓަރަކު ހައްޔަރުކުރަނީ. (ފޮޓޯ/އޭޕީ)

ޕާކިސްތާން

މުޒާހަރާ ކުރަން ރޭވުމުން އިމްރާންއަށް ތާއީދު ކުރާ 4000 މީހުން ހައްޔަރުކޮށްފި

ޕާކިސްތާނުން ވަނީ "ސަލާމަތީ ކަންކަން ހުރި ސަރަހައްދުތަކުގައި" މޯބައިލް އަދި އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލައިފައި
26 ނޮވެމްބަރު 2024

ޕާކިސްތާންގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ވެރިރަށް އިސްލާމްއާބަދަށް، ކުރީގެ ބޮޑުވަޒީރު އިމްރާން ހާނަށް ތާއީދުކުރާ އެތައް ހާސް ބަޔަކު އެއްވާތީ، ވެރިރަށް ބަންދުކޮށްފައި ވަނިކޮށް، ވެރިރަށަށް އެއްވަން މަސައްކަތް ކުރި އިމްރާނަށް ތާއީދު ކުރާ 4000އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި އެވެ.

އިރުމަތީ ޕަންޖާބު ޕްރޮވިންސްގެ ސެކިއުރިޓީ އޮފިސަރު ޝާހިދު ނަވާޒް އިއްޔެ ވިދާޅުވީ އިމްރާންއަށް ތާއީދު ކުރާ 4،000އަށް ވުރެ ގިނަ ސަޕޯޓަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަކު ވެސް ހިމެނޭ ކަމަށެވެ.

ޕާކިސްތާނުގެ ދާހިލީ ވަޒީރު މުހްސިން ނަކްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އިމްރާންގެ އިތުރު ސަޕޯޓަރުން އިސްލާމްއާބާދުގެ ރެޑް ޒޯނަށް ހިނގައްޖެ ނަމަ އެ ބަޔަކު ކަމާ ބެހޭ ފަރާތްތަކުން ހައްޔަރުކުރާނެ ކަމަށެވެ.

"އެ ތަނަށްދާ ކޮންމެ މީހަކު ހައްޔަރު ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ނަކްވީ ވިދާޅުވީ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ވަނީ ރައްޔިތުންނާއި މުދާ ހިމާޔަތް ކުރުމަށް ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، އިމްރާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީން މަސައްކަތް ކުރަނީ ރައްޔިތުންނާއި ވިޔަފާރިތަކަށް ނުތަނަވަސްކަން ދިނުމަށެވެ.

އިމްރާންގެ އެތައް ސަތޭކަ ސަޕޯޓަރުން އިއްޔެ ވަނީ އިސްލާމްއާބާދާ ދިމާއަށް މިސްރާބު ޖަހައިފަ އެވެ. އެއީ ވެރިރަށުގެ ބޭރަށް އެެއްވުމަށެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އިމްރާންގެ ބައިވެރިން ގޮވަމުން ދިޔައީ، ކުރިއަށް ގޮސް ވެރިރަށަށް އެރުމަށެވެ. އޭގެ ތެރޭގައި އެތައް ސަތޭކަ ކާރުތަކެއްގެ ގާފިލާތައް ވެސް ހިމެނެ އެވެ.

ޕެޝާވަރުގައި އިމްރާނަށް ތާއީދުކުރާ މީހުން ތިބީ އުފާވެރިކޮށެވެ. ޕީޓީއައިގެ އެކްޓިވިސްޓުން އިސްލާމްއާބާދަށް ކާރުތަކުގައި ފުރަން ފެށީ އެ މީހުންގެ ލީޑަރުގެ ފޮޓޯތައް ބެރު ދުންމާރި ތާޅަފިލީގައި ނަށަމުންނެވެ.

އިމްރާންގެ އަނބިކަނބަލުން ބުޝްރާ ބީބީ އާއި ހައިބަރު ޕަހުތޫންހުވާ ޕްރޮވިންސްގެ ޗީފް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ އަމީން ގަންދާޕޫރު އިސްލާމްއާބާދުގެ ބޭރަށް އާދީއްތަ ދުވަހުގެ ރޭ ވަޑައިގެންފައިވާ ކަމަށް ޕީޓީއައިން ބުނެ އެވެ.

އިމްރާން ޖަލުގައި ހުންނަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު، އޭނާގެ މައްޗަށް ޖިނާއީ 150އަށް ވުރެ ގިނަ ދައުވާ ވަނީ އުފުލައިފަ އެވެ. ނަމަވެސް ގިނަ ބައެއްގެ މެދުގައި އޭނާ ވަރަށް މަގްބޫލެވެ. އެ މައްސަލަތަކަކީ ސިޔާސީ މަގްސަދެއްގައި ހިންގާފައިވާ މައްސަލަތަކެއް ކަމަށް އޭނާގެ ޕާޓީން ވަނީ ސިފަކޮށްފަ އެވެ.

ހޮނިހިރު ދުވަހުން ފެށިގެން ކަމާ ބެހޭ ފަރާތްތަކުން ވަނީ އިސްލާމްއާބާދުގެ މަގުތައް ކޮންޓެއިނަރުތަކުން ބަންދުކޮށްފަ އެވެ. އަދި އިމްރާންގެ ސަޕޯޓަރުން އިސްލާމްއާބާދަށް އެރިޔަނުދިނުމަށް ޕަންޖާބާއި ހުޅަނގު އުތުރު ހައިބަރު ޕަހްތޫންހުވާ ޕްރޮވިންސްގެ ސަރަހައްދުތަކާއި އެ ސިޓީ ގުޅުވައިދޭ ބޮޑެތި މަގުތަކާއި ހައިވޭތައް ބަންދުކުރުން ހިމެނެ އެވެ. އެއީ އިމްރާންގެ ތާއީދު ބޮޑު ތަންތަނެވެ.

"ފައިނަލް ކޯލް"ގެ ގޮތުގައި އިމްރާން ސިފަކުރައްވާ މި ހިނގާލުމަކީ އޭނާ މިނިވަން ކުރުމަށް އޭނާގެ ޕާޓީން ބާއްވަމުން އަންނަ ގިނަ މުޒާހަރާތަކުގެ ތެރޭގައި ހިމެނޭ ހިނގާލުމެކެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު އިސްލާމްއާބާދުގައި އެ ޕާޓީން އެންމެ ފަހުން ކުރި މުޒާހަރާތައް ވަނީ ހަމަނުޖެހުންތަކަށް ބަދަލުވެފަ އެވެ.

މީގެ ކުރިން މިދިޔަ އާދީއްތަ ދުވަހު ޕާކިސްތާނުން ވަނީ "ސަލާމަތީ ކަންކަން ހުރި ސަރަހައްދުތަކުގައި" މޯބައިލް އަދި އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް