އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ.
އިޒްރޭލުގެ ބޮޑުވަޒީރާއި ކުރީގެ ޑިފެންސް މިނިސްޓަރު ހައްޔަރުކުރަން އަމުރު ނެރެފި
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ދިފާއީ ވަޒީރު ޔޯއަވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރު ބައިނަލްއަގުވާމީ ޖިނާއީ ކޯޓް، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ން މިއަދު ނެރެފި އެވެ.
މީގެ އިތުރަށް ހަމާސްގެ ކޮމާންޑަރެއް ކަމަށްވާ މުހައްމަދު އަލް-މަސްރީ ހައްޔަރު ކުރުމުގެ އަމުރު ވެސް އައިސީސީން މިއަދު ވަނީ ނެރެފަ އެވެ.
އައިސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ ތިން ބޭފުޅުން ހައްޔަރުކުރުމުގެ އަމުރު ނެރުނީ އިޒްރޭލާއި ހަމާސްއިން މިހާރު ކުރާ ހަނގުރާމައިގެ ތެރޭ ހިންގަމުންދާ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ކަންތައްތަކުގެ ޖިނާއީ ޒިންމާ އެ ތިން ބޭފުޅުން އުފުލަން ޖެހޭ ކަމަށް ފަނޑިޔާރުންނަށް ގަބޫލުކުރެވޭނެ "އެކަށީގެންވާ ސަބަބުތަކެއް" ހުރުމުން ކަމަށެވެ. އެގޮތުން ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ބަޑުހައި ހޫނުކަން ބޭނުން ކުރުމާއި އާންމުންނަށް އަމާޒުކޮށް ގަސްތުގައި ހަމަލާދީ އެ މީހުން މަރާލައި ދަރިފަސްކޮޅެއް ނައްތާލުގެ ޖަރީމާތައް ހިންގާ ކަމުގެ ޒިންމާ ނަތަންޔާހޫ އުފުލަން ޖެހޭ ކަމަށް ފަނޑިޔާރުންނަށް ގަބޫލުކުރެއްވޭ ކަމަށް ބަޔާނުގައިވެ އެވެ.
އެ ކޯޓުގެ މެންބަރު ގައުމެއްގެ ގޮތުގައި އިޒްރޭލް ނުހިމެނޭތީ އެ ކޯޓަށް އިޒްރޭލުގެ މައްޗަށް އަމުރެއް ނެރުމުގެ ބާރެއް ނެތް ކަމަށް ބުނެ އެ ގައުމުން އެ ކޯޓަށް ހުށަހެޅި މައްސަލައިގައި ފަނޑިޔާރުން ނިންމާފައި ވަނީ އިޒްރޭލުގެ ވެރިން ހައްޔަރުކުރުމުގެ އަމުރު އެ ކޯޓަށް ނެރެވޭނެ ކަމަށާއި އެ ބާރު އެ ކޯޓަށް ލިބިދޭ ކަމަށެވެ.
އެ ކޯޓުގެ އިސް ޕްރޮސިކިޔުޓާ ކަރީމް ހާންގެ އޮފީހުން އިޒްރޭލާއި ހަމާސްގެ ވެރިން ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައި ވަނީ މިދިޔަ މޭ މަހު އެވެ.
އައިސީސީގެ އަމުރުތައް ތަންފީޒުކުރުން އެ ކޯޓްގެ މެންބަރުންގެ ގޮތުގައި ތިބި 124 ގައުމުގެ މައްޗަށް ލާޒިމްވާނެ އެވެ. އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އަކީ އެ ކޯޓުގެ މެންބަރު ގައުމެއް ނޫނެވެ.