ނިއު ޒީލެންޑުގެ ވެލިންޓަންގައި ކުޑަކުދިންނަށާއި ބެލެހެއްޓުމުގައި ނާޒުކު ބޮޑެތި މީހުންނަށް އަނިޔާކުރި މައްސަލާގައި އެ ގައުމުގެ ބޮޑުވަޒީރު ކްރިސްޓޯފާ ލަކްސަން މައާފަށް އެދިވަޑައިގަންނަވަނީ.
ދައުލަތުގެ ހިޔަލުގައި ތިބި މީހުންނަށް އިހާނެތިކޮށް ހިތުމުން ނިއު ޒީލެންޑްގެ ބޮޑުވަޒީރު މައާފަށް އެދިވަޑައިގެންފި
ދައުލަތުގެ ހިޔާވެހިކަމުގައި ތިބި އެތައް ހާސް ކުޑަ ކުދިންނާއި ބޮޑެތި މީހުންނަށް ބޮޑެތި އަނިޔާތަކާއި އިހުމާލުވަމުން ދިޔަ މައްސަލަތަކެއް ފެންމަތިވުމުން ނިއު ޒިލޭންޑްގެ ބޮޑުވަޒީރު ކްރިސްޓޯފާ ލަކްސަން މައާފަށް އެދިވަޑައިގެންފި އެވެ.
"އެއީ ބިރުވެރި ކަމެއް. ހިތްފަޅައިގެންދާ ވަރުވި. އެއީ ގޯހެއް. އަދި އެއީ ދުވަަހަކު ވެސް ހިނގައިގެންވާނެ ކަމެއް ނޫން،" ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި އަނިޔާގެ ޝިކާރައަކަށްވި މީހުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ލަކްސަން ވިދާޅުވި އެވެ.
ނިއު ޒިލޭންޑްގައި މިހާތަނަށް ހިންގި އެންމެ ބޮޑު އިންކުއަރީ މިދިޔަ ޖުލައި މަހު ނިމި، ނެރުނު ރިޕޯޓްގައިވާ ގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ގާތްގަނޑަކަށް 200،000 މީހުންނަށް ހަތް އަހަރުދުވަހުގެ ތެރޭގައި "ހީ ވެސް ނުކުރެވޭ ވަރުގެ" ގޯނާތަކެއް ވަނީ ކޮށްފަ އެވެ.
"ތިޔަބޭފުޅުންގެ ތެރެއިން ގިނަ ބަޔަކަށް އެކަމުގެ ސަބަބުން ދިރިއުޅުމުގެ މިސްރާބު ބަދަލުވެގެން ދިޔަ. އެކަމަށް ސަރުކާރުން ޒިންމާ ނަގަން ޖެހޭނެ،" ލަކްސަން ވިދާޅުވި އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ނިކަމެތި މީހުންނަކީ "ރައްކާތެރިވެ، އިހްތިރާމާއި ކަރާމާތާއި އޯގާތެރިކަމާ އެކު އަމަލުކުރަން ޖެހޭ ބައެއް" ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އޭގެ ބަދަލުގައި ގިނަ ބަޔަކު އަނިޔާ އާއި އިހުމާލުގެ ޝިކާރައަކަށްވި ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.
"އެ ހަގީގީ އަދަދު އަޅުގަނޑުމެންނަކަށް ދުވަހަކު ވެސް ނޭނގޭނެ،" އިދިކޮޅު ލީޑަރު ކްރިސް ހިޕްކިންސް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި އެވެ.
"ދައުލަތުގެ ބޯހިޔާވަހި ކަމުގެ ތެރެއަށް ވަންނަ ގިނަ މީހުންނަކީ އަގީދާގެ މައްޗަށް ބިނާވެފައިވާ މުއައްސަސާތަކަށް ވަންނަ ގިނަ ލިޔެކިޔުމެއް ނެތް ބައެއް. ރެކޯޑްތައް ފުރިހަމަ ނުވެ، ގެއްލުނު އަދި ބައެއް ހާލަތްތަކުގައި. އެ ރެކޯޑްތައް ހަލާކުކޮށްލީ ގަސްތުގައި."
ކޮމެންޓް