މިއަދު ނެރުނު ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) އީސްޓަން ތިއޭޓާ ކޮމާންޑުގެ މި ފޮޓޯ އިން ފެންނަނީ ޓައިވާނުގެ ވަށައިގެން ޗައިނާއިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކުގެ ޗާޓު.
ޗައިނާއިން ޓައިވާނުގެ ވަށައިގެން ކަނޑާއި ވައިގެ ތަމްރީންތަކެއް ފަށައިފި
ޓައިވާނުގެ މިނިވަންކަމަށް އިންޒާރު ދިނުމުގެ ގޮތުން ޓައިވާނާއި އެ ގައުމުގެ ބޭރުގެ ރަށްތައް ވަށައިގެން ބޮޑެތި އަސްކަރީ ތަމްރީނުތަކެއް ޗައިނާ އިން ފަށައިފި އެވެ.
ޗައިނާގެ ދިފާއީ ވުޒާރާއިން ބުނީ މި ތަމްރީނުތަކަކީ ކޮމިއުނިސްޓް ޕާޓީގެ ވެރިކަމެއްގައި ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ބެއިޖިންއިން އެދުނު އެދުމަށް ޓައިވާނުގެ ރައީސް ލައި ޗިންގް-ޓޭ ދެކޮޅު ހެއްދެވުމުން އެ ކަމަށް ރައްދު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ތަމްރީނުތަކެއް ކަމަށެވެ.
ޓައިވާނުގެ ދިފާއީ ވުޒާރާއިން ބުނީ މި ތަމްރީނުތަކަކީ ނުތަނަވަސްކަން އުފެއްދުމަށް ހިންގާ ތަމްރީނުތަކެއް ކަމަށާއި އެ ގައުމުގެ ސިފައިން ތިބީ ތައްޔާރަށް ކަމަށެވެ.
ޗައިނާ ކޮމާންޑްގެ ތަރުޖަމާނު ނޭވީ ސީނިއާ ކެޕްޓަން ލީ ޝީ ވިދާޅުވީ އެ ތަމްރީނުތަކަކީ ކަނޑުގެ ސިފައިންނާއި އަސްކަރިއްޔާގެ ވައިގެ ސިފައިންނާއި މިސައިލް ކޯޕްސް އެންމެން ބައިވެރިވާ ތަމްރީނުތަކެއް ކަމަށެވެ.
"މިއީ ޓައިވާނުގެ މިނިވަންކަމަށް ތާއީދުކުރާ ފަރާތްތަކަށް ދިން ވަރަށް ބޮޑު އިންޒާރެއް އަދި ގައުމީ ސިޔާދަތު ހިމާޔަތް ކުރުމުގެ އަޒުމް ދައްކުވައިދޭ ކަމެއް،" ލީ ޝީ ވިދާޅުވި އެވެ.
ދެ ވަނަ ބޮޑު ހަނގުރާމަ ނިމުނު އިރު ޓައިވާނަކީ ޗައިނާއާ އެއްބައިވަންތަވުމުގެ ކުރިން ޖަޕާނުގެ ކޮލޮނީއެކެވެ. ޓައިވާން ބައިވީ 1949 ވަނަ އަހަރު ޗިއާންގް ކައި-ޝޭކްގެ ނޭޝަނަލިސްޓުން މާއޯ ޒޭޑޮންގްގެ ކޮމިއުނިސްޓުން ޗައިނާގެ ވެރިކަމަށް އައުމުން ޗައިނާ ދޫކޮށް ދިއުމުންނެވެ.
ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ޗައިނާއިން އެދުމުން އެކަން ގަބޫލުނުކޮށް ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީގެ އަށް އަހަރުގެ ވެރިކަން ކުރިއަށް ގެންދަވަމުން ލައި ވެރިކަމާ ހަވާލުވެވަޑައިގަތީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. ޓައިވާނުން މިނިވަންކަމަށް ދައުވާ ކުރުމަކީ "މަރުވެފައިވާ ނިމުމެއް" ކަމަށާއި ބެއިޖިން އިން ޓައިވާން ހިފުމަކީ ތާރީހު އިއާދަކޮށްދޭ ލާޒިމު ކަމެއް ކަމަށް ޗައިނާއިން ގަބޫލުކުރެ އެވެ.