މަހިންދަ ރާޖަޕަކްސަ އާއި އޭނާގެ ކޮއްކޮ ގޯތާބަޔަ ރާޖަޕަކްސަ.
ލަންކާގެ އާންމު އިންތިހާބުގައި ރާޖަޕަކްސާގެ އާއިލާއިން ބައިވެރިއެއް ނުވޭ
ސްރީ ލަންކާގެ ސިޔާސީ މައިދާނުގައި 2022 ވަނަ އަހަރު ވެރިކަމުން ދުރުކުރުމާ ހަމައަށް އެތައް ޒަމާނެއް ވަންދެން ވެރިކަން ކުރެއްވި ރާޖަޕަކްސަ އާއިލާގެ އެއްވެސް ބޭފުޅަކު އަންނަ މަހު އެ ގައުމުގައި ބާއްވާ އާންމު އިންތިހާބުގައި ވާދަނުކުރައްވަން ނިންމައިފި އެވެ.
އަންނަ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވީ މިދިޔަ ހުކުރު ދުވަހު އެވެ.
އެ އިންތިހާބުގައި ރާޖަޕަކްސަގެ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ އިން ނެރޭ ކެންޑިޑޭޓުންގެ ލިސްޓުގައި ކުރީގެ ރައީސް އަދި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، 78، ކުރީގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ، 75، ކުރީގެ އިރިގޭޝަން މިނިސްޓަރު ޗަމަލް ރާޖަޕަކްސަ، 81، ކުރީގެ ފިނޭންސް މިނިސްޓަރު ބާސިލް ރާޖަޕަކްސަ، 73، ވާދައެއް ނުކުރައްވަ އެވެ.
މީގެ އިތުރުން، މަހިންދަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ވާދަނުކުރެއްވި ނަމަވެސް އެ ޕާޓީގެ "ގައުމީ ލިސްޓުގައި" އޭނާގެ ނަން ވަނީ ހިމަނައިފަ އެވެ. އެއީ ޕާޓީއަށް ލިބޭ ވޯޓުގެ ނިސްބަތަށް ބަލައި އެ ޕާޓީއަށް ލިބޭނެ އިތުރު ގޮނޑިތަކަށް ނަން ހުށަހަޅަން ލިބޭ ފުރުސަތުގެ ތެރެއިންނެވެ.
މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ކަމަށް ވާދަކުރެއްވި ނަމާލް ދިޔައީ އެ ރޭހުގެ ހަތަރު ވަނައަށެވެ. އޭނާއަށް ލިބުނީ ޖުމްލަ ވޯޓުގެ އެންމެ %2.57 ވޯޓެވެ. މިދިޔަ ސަރުކާރުގައި މަތީ މަގާމުތައް ފުރުއްްވީ ރާޖަޕަކްސަގެ އާއިލާގެ ބޭފުޅުންނެވެ.
މީގެ ދެ އަހަރު ކުރިން، 2022 ވަނަ އަހަރުގެ އިގުތިސާދީ ކާރިސާއަށް ފަހު ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި އިދިކޮޅު އިއްތިހާދުގެ މެމްބަރު އަނޫރާ ކުމާރަ ޑިސަނަޔަކަ ވަނީ %42.31 ވޯޓާ އެކު އިންތިހާބު ކާމިޔާބުކުރައްވައިފަ އެވެ.
ޖަނަތަ ވިމުކްތީ ޕެރަމުނާ (ޖޭވީޕީ) އިސްވެ އޮވެ، އަނޫރާގެ ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) ކޯލިޝަނުން 225 މެމްބަރުންގެ މަޖިލީހުގެ އަގުލަބިއްޔަތު ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އުވާލި މަޖިލީހުގައި އެންޕީޕީގެ ކޮންޓްރޯލް އޮތީ ތިން ގޮނޑީގެ މައްޗަށެވެ. މުޅި މަޖިލީހުގެ އަގުލަބިއްޔަތު ހޯދުމަށް އެ ކޯލިޝަނަށް މަދުވެގެން 113 ގޮނޑި ހޯދަން ޖެހޭނެ އެވެ.
ރާޖަޕަކްސަގެ އިތުރުން ކުރީގެ ރައީސުން ކަމަށްވާ ރަނިލް ވިކްރަމަސިންހަ އާއި މައިތުރިޕާލާ ސިރިސޭނާ ވެސް ވަނީ އަންނަ މަހުގެ 14ގެ ރޭހުން ވަކިވެވަޑައިގެންފަ އެވެ. އިދިކޮޅު މަޝްހޫރު ސިޔާސީ ލީޑަރު އަދި ކުރީގެ ކެބިނެޓް މިނިސްޓަރު ޕަޓާލީ ޗަމްޕިކާ ރަނަވަކާ އާއި ހަރުކަށި ފިކުރުގެ ނޭޝަނަލިސްޓް ސިޔާސީ ބޭފުޅެއް ކަމަށްވާ ވިމަލް ވީރަވަންސާ ވެސް ވަނީ ފަހަތަށް ޖެހިވަޑައިގެންފަ އެވެ.
އެންޕީޕީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ބިމަލް ރަތުނަޔަކަ ވިދާޅުވީ އަނޫރާއަށް ވޯޓު ދީގެން އޭނާ ހޮވުމަކީ ލަންކާގެ ރައްޔިތުން ކުރި ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.
"މި ކޮރަޕްޓް އަދި ނަސްލީ ސިޔާސީ ބޭފުޅުން ވާދަ ނުކުރައްވަން ނިންމެވީ ނާކާމިޔާބީން ސަލާމަތްވުމަށް،" އޭނާ މީޑިއާއަށް ވިދާޅުވި އެވެ.
ރާޖަޕަކްސަގެ އާއިލާގެ އިސް އެއްވެސް ބޭފުޅަކު އިންތިހާބުގައި ވާދަ ނުކުރެއްވީ ކީއްވެގެންތޯ އެހުމުން އެސްއެލްޕީޕީގެ ޖެނެރަލް ސެކްރެޓަރީ ސަގަރާ ކަރިޔަވަސަމް ވިދާޅުވީ މަހިންދަ ވަނީ "އޭނާގެ ދައުރު އަދާކުރައްވާފައި" ކަމަށެވެ. ރާޖަޕަކްސާ ވަނީ 40 އަހަަރަށް ވުރެ ގިނަ ދުވަހު މަޖިލީހުގައި އިންނަވައިފަ އެވެ.
"ހަނގުރާމައިން ގައުމު ސަލާމަތްކޮށް، ގައުމުގެ ތަރައްގީގެ އެންމެ ރަނގަޅު މަރުހަލާ އިން އަޅުގަނޑުމެންނަށް މަގު ދައްކައިދިނީ އެ މަނިކުފާނު،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ޗަމަލްގެ ދަރިކަލުން ޝަޝީންދުރަ ރާޖަޕަކްސަ ދެކުނު މޮނަރަގަލާ ޑިސްޓްރިކްޓަށް ވާދަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގިނަ އޮބްޒާވަރުން ބުނާ ގޮތުގައި، ކުރީގެ ސިޔާސީ ބޮޑުން ރޭހުން ވަކިވާން ނިންމި ނިންމުން ރަމްޒުކޮށްދެނީ 2022 ވަނަ އަހަރުގެ ރައްޔިތުންގެ ޖިހާދު ނުވަތަ "ޖަނަތާ އަރަގަލަޔާ"ގެ ދިގު ނަތީޖާ އެވެ. އަދި ހަޅުތާލުގައި ގޯތާބަޔާގެ އިސްތިއުފާއަށް ގޮވާލުމުގެ އިތުރުން މުޒާހަރާގެ ބައިވެރިން ވަނީ "ނިޒާމު ބަދަލުކުރުމަށް" ވެސް ގޮވާލި އެވެ.