ޔުގެންޑާގެ އޮލިމްޕިކް އެތުލީޓް ރެބެކާ ޗެޕްޓެގީ 10 ކިލޯމީޓަރުގެ ރޭހެއް ޔޫގެންޑާގެ ކަޕަޗޯވަރުގައި ޖެނުއަރީ 20، 2023ގައި ފުރިހަމަ ކުރަނީ (ފައިލް ފޮޓޯ/އޭޕީ)
ޔުގެންޑާގެ ދުވުންތެރިޔާ ޗެޕްޓެގީއަށް ހަމަލާދިން މީހާ ވެސް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ
ޔުގެންޑާގެ ދުވުންތެރިޔާ ރެބެކާ ޗެޕްޓެގެ ގަޔަށް ޕެޓްރޯލް އަޅައި ރޯކޮށްލި އޭނާގެ ބައިވެރިޔާ ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.
ފުލުހުން ބުނީ މި މަހުގެ 1 ވަނަ ދުވަހު ކެންޔާގެ ހުޅަނގުގައި ހުންނަ ރެބެކާ ގެއަށް ޑިކްސަން އެންޑިމާ މަރަންގަޗު ވަދެ އަނިޔާކޮށްފައިވާ ކަމަށެވެ. ދެ ކުދިންގެ މަންމަގެ %80 އަނދައިގެން މިދިޔަ ހަފުތާގައި ވަނީ މަރުވެފަ އެވެ.
އެ ހަމަލާގައި މަރަންގަޗުގެ ހަށިގަނޑުގެ %30 އަނދައިގެން ކެންޔާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ދިޔައީ ފަރުވާދެމުންނެވެ.
މަރަންގަޗު މަރުވީ ރޭ ކަމަށް ހޮސްޕިޓަލުގެ ތަރުޖަމާނު ޑެނިއަލް ލަންގްއާޓް ވިދާޅުވި އެވެ.
"އޭނާ މަރުވީ ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އިތުރަށް ގޯސްވެގެން،" އޭނާ ވިދާޅުވި އެވެ.
ކެންޔާގެ ފުލުހުން ބުނީ މަރަންގަޗު ޔޫގެންޑާގެ ބޯޑަރު ކައިރީގައި ހުންނަ ޗެޕްޓެގެ ގެއަށް ވަދެފައިވަނީ އޭނާގެ ނުވަ އަހަރާއި 11 އަހަރާ ދެމެދުގެ ދެ ކުދިންނާ އެކު އަޅުކަމެއްގައި އުޅެނިކޮށް ކަމަށެވެ.
އޭނާގެ ބައްޕަ ޖޯސެފް ޗެޕްޓެގީ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ ޗެޕްޓެގީ އާއި މަރަންގަޗްއާ ދެމެދު ދެބަސްވުން އުފެދުނީ މުދަލަކާ ދޭތެރޭ ދެބަސްވުމެއް އުފެދިގެން ކަމަށެވެ. އޭރު ޗެޕްޓެގީ ދިރިއުޅެމުން ދިޔައީ އޭނާގެ ކޮއްކޮގެ ގޭގަ އެވެ. ކެންޔާގެ މީޑިއާތަކަށް މިދިޔަ ހަފުތާގައި ދިން އިންޓަވިއުއެއްގައި ޖޯސެފް ބުނީ މަރަންގަޗު ވަނީ ފަސް ލީޓަރުގެ ޕެޓްރޯލް ގަނެ، ޗެޕްޓެގީގެ ގޭގައި ރައްކާކޮށްފައި ކަމަށެވެ.
"އޭނާ ޕެޓްރޯލް އޮއްސާލައި އަދި އަލިފާން ރޯކޮށްލީ. ކޮއްކޮއަށް އެހީއަށް އެދި ގޮވާލުމުން އޭނާ އެކުއްޖާއާ ދިމާ ކުރީ ބޮޑު ކަތިވަޅިއަކުން، ދެން އޭނާ ދުރަށް ޖެހިލީ،" ޖޯސެފް ބުންނެވެ.
ފުލުހުން ބުނީ އެ ދެމަފިރިންގެ މެދުގައި "އަބަދު ވެސް އާއިލީ ކޯޅުންތަކެއް ހިނގަމުން" ދިޔަ ކަމަށެވެ.
އދ. އިން ވަނީ އެ އަނިޔާވެރި މަރު ކުށްވެރިކޮށްފަ އެވެ. އަދި އދ.ގެ ޗީފު އެންޓޯނިއޯ ގުޓަރޭޒްގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ވިދާޅުވީ ޖިންސީ އަނިޔާއަކީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ދުނިޔޭގައި އެންމެ ބޮޑަށް ހިނގަމުންދާ އެއް މައްސަލަ ކަމަށާއި އެއީ ވެސް އެފަދަ ކަމެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ.
ޕެރިހުގައި އޮތް އޮލިމްޕިކްގައި 44 ވަނަ ހޯދި ދުވުންތެރިޔާ، ޗެޕްޓެގީ އަކީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ކެންޔާގައި މަރާލި ތިން ވަނަ އެލީޓް ސްޕޯޓްސްވުމަން އެވެ. ޗެޕްޓެގީގެ މަރުގެ ސަބަބުން އިރުމަތީ އެފްރިކާގެ ގައުމުގައި، ހާއްސަކޮށް އެ ގައުމުގެ މުޖުތަމައުގެ ތެރޭގައި ހިނގާ ގެވެށި އަނިޔާގެ މައްސަލަ ވަނީ ވަރަށް ބޮޑު މައްސަލައަކަށްވެފަ އެވެ.
އެ ގައުމުގެ އޮލިމްޕިކް ކޮމިޓީން ބުނި ގޮތުގައި ޗެޕްޓެގީ ވަޅުލުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އިރުމަތީ ޔޫގެންޑާގައި ހުންނަ އޭނާގެ އާއިލީ ގެ ކައިރީގަ އެވެ.
ކެންޔާގެ އެކި ހިސާބުތަކުގައި ކައިވެނިކޮށްގެން އުޅޭ އަންހެނުންގެ ތެރެއިން %41 އަންހެނުންނަށް ވަނީ ޖިސްމާނީ އަނިޔާގެ ޝިކާރައާ ކުރިމަތިލާން ޖެހިފަ އެވެ. އަދި ކައިވެނި ނުކޮށް އުޅޭ އަންހެނުންގެ ތެރެއިން %20 މީހުންނަށް ވެސް ވަނީ ޖިސްމާނީ އަނިޔާއާ ކުރިމަތިލާން ޖެހިފަ އެވެ.
ކެންޔާގައި 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް 500 އަންހެނުންނާއި އަންހެން ކުދިން މަރާލާފައިވާ ކަމަށް އދ. އިން ބުނެ އެވެ.