ގޫގުލް

އީޔޫ

އީޔޫގެ ކޯޓަކުން ގޫގުލް 2.4 ބިލިއަން ޔޫރޯ އިން ޖޫރިމަނާކޮށްފި

10 ސެޕްޓެމްބަރު 2024

ވިޔަފާރީގެ ކޮންޓްރޯލް ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ބުނެ ޔޫރަޕްގެ އެންމެ މަތީ ކޯޓުން ގޫގުލް 2.4 ބިލިއަން ޔޫރޯ އިން ޖޫރިމަނާކޮށް އެ ފައިސާ ދައްކަން އަންގައިފި އެވެ.

ޔޫރަޕިއަން ކޮމިޝަނުން 2017 ވަނަ އަހަރު އެ ޖޫރިމަނާ ކުރުމުން އެ ޖޫރިމަނާގެ މައްސަލަ ގޫގުލް އިން އިސްތިއުނާފު ކުރި އެވެ.

އެއީ އެ ކޮމިޝަނުން މިހާތަނަށް ކުރި އެންމެ ބޮޑު ޖޫރިމަނާ އެވެ. 

މިއީ 2009 ވަނަ އަހަރު އިނގިރޭސިވިލާތުގެ ފައުންޑޭމް އިން އެންމެ ފުރަތަމަ ހުށަހެޅި މައްސަލަ އަދި ދިގު މުއްދަތަކަށް ހިނގަމުން ދިޔަ މައްސަލައަށް ނިމުމެއް ގެނެސްދޭ ކަމެކެވެ. އެ މައްސަލަ ފުރަތަމަ ހުށަހެޅީ އިނގިރޭސިވިލާތް އީޔޫގައި ހިމެނުނު ދުވަސްވަރެވެ.

އެ މައްސަލަ ހުށަހެޅި ފަރާތުން ބުނީ މިއީ "އިންސާފުވެރި ވާދަވެރިކަމާއި ކޮންސިއުމާ ޗޮއިސްއަށް ލިބުނު ކާމިޔާބީއެއް" ކަމަށެވެ.

މިއަދުގެ ހުކުމް އިއްވި ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސް (އީސީޖޭ) އިން ބުނެފައި ވަނީ ގޫގުލްގެ އަމަލުތައް "ތަފާތުކުރުން" ގެންގުޅޭ ކަމަށް އެ ކޮމިޝަނުން ބެލުމަކީ އެ ކޮމިޝަނަށް ހައްގު ކަމެއް ކަމަށާއި ގޫގުލްގެ އިސްތިއުނާފު ފުރަތަމަ ދުވަހު ވެސް "ބޭރުކޮށްލަން ޖެހޭ" ކަމަށެވެ.

ގޫގުލް އާއި އެ ކުންފުނީގެ ވެރިޔާ އަލްފަބެޓް ޔޫރަޕިއަން ކޮމިޝަނުން ކޮށްފައިވާ ހަރަދުތައް ދެއްކުމަށް ވަނީ އަމުރުކޮށްފަ އެވެ.

މިއީ ގޫގުލް އާއި ބައިނަލްއަގްވާމީ ރެގިއުލޭޓަރުންނާ ދެމެދު ދާދި ފަހުން ހިނގި އެންމެ މަތީ ހަމަނުޖެހުންތަކުގެ ތެރެއިން އެންމެ ފަހުގެ ހާދިސާ އެވެ.

ގާނޫނާ ހިލާފަށް މޮނޮޕޮލީއެއް ހިންގަމުންދާ ކަމުގެ ތުހުމަތުކޮށް އިއްޔެ އެމެރިކާ ސަރުކާރުން ވަނީ އެ ކުންފުނީގެ އެޑް ޓެކް ވިޔަފާރީގެ މައްސަލަ ކޯޓަށް ގެންގޮސްފަ އެވެ. އެ ޝަރީއަތް ދަނީ ހިނގަމުންނެވެ.

އިނގިރޭސިވިލާތުގެ ރެގިއުލޭޓަރުން މިދިޔަ ހަފުތާގައި ވަގުތީ ގޮތުން ނިންމާފައި ވަނީ އޮންލައިން އެޑްވަޓައިޒިން ޓެކްނޮލޮޖީގެ ބާޒާރުގައި ބާރު ގަދަކުރުމަށް ގޫގުލް އިން ނަހަމަ ޕްރެކްޓިސްތައް ބޭނުންކުރި ކަމަށެވެ.

މީގެ އިތުރުން، އީސީޖޭއިން ކުރި އެހެން ހުކުމެއްގައި ނިންމާފައި ވަނީ އަޔަލެންޑަށް ނުދައްކާ ހުރި ޓެކްސްގެ ގޮތުގައި 13 ބިލިއަން ޔޫރޯ އަނބުރާ ދައްކަން ޖެހޭނެ ކަމަށް އެޕަލްއަށް އަންގައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް