ޔުގެންޑާގެ އޮލިމްޕިކް އެތުލީޓް ރެބެކާ ޗެޕްޓެގީ 10 ކިލޯގެ ރޭހެއް ޔޫގެންޑާގެ ކަޕަޗޯވަރުގައި ޖެނުއަރީ 20، 2023ގައި ފުރިހަމަ ކުރަނީ (ފައިލް ފޮޓޯ/އޭޕީ)

ޔުގާންޑާ

ބައިވެރިޔާ ޕެޓްރޯލް އަޅައި ރޯކޮށްލުން ޔުގެންޑާގެ އޮލިމްޕިކް އެތުލީޓް ޗެޕްޓެގީ މަރުވެއްޖެ

ކޮންމެ 11 މިނެޓަކުން އަންހެނަކު ނުވަތަ އަންހެން ކުއްޖަކު ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި ގާތް ބައިވެރިޔަކު ނުވަތަ އާއިލާގެ މެންބަރަކު މަރާލާ ކަމަށް ޖިންސީ ހަމަހަމަކަން ޕްރޮމޯޓްކުރާ އެޖެންސީ ޔޫއެން ވިމެން އާއި އދ.ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްގެ ތަފާސް ހިސާބުތަކުން ދައްކާ
6 ސެޕްޓެމްބަރު 2024

ބައިވެރިޔާ ދިން ހަމަލާއެއްގައި ހަށިގަނޑުގެ %80 ފިހިގެން ފަރުވާދެމުން ދަނިކޮށް ޔުގެންޑާގެ އޮލިމްޕިކް ދުވުންތެރިޔާ ރެބެކާ ޗެޕްޓެގީ ކެންޔާގެ ހޮސްޕިޓަލެއްގައި އިއްޔެ މަރުވެއްޖެ އެވެ. އޭނާގެ އުމުރަކީ 33 އަހަރެވެ.

އެލްޑޯރެޓް ސިޓީގެ މޯއީ ޓީޗިން އެންޑް ރެފަރަލް ހޮސްޕިޓަލްގެ ތަރުޖަމާނު އޮވެން މެނާޗް ވިދާޅުވީ ދިގު ރާސްތާ ދުވުންތެރިޔާ މަރުވީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އޭނާގެ ގުނަވަންތައް ފެއިލްވުމުން ކަމަށެވެ. ހޮސްޕިޓަލުގައި އެނދުމަތި ކުރީއްސުރެ އޭނާ އޮތީ އިހުސާސުވުން ކުޑަކުރުމަށް ސެޑޭޓްކޮށްފަ އެވެ.

ޕެރިސް އޮލިމްޕިކްސްގެ އަންހެން މެރެތަންގައި ޗެޕްޓެގީ ވާދަކުރީ ހަމަލާގެ މަހެއްހާ ދުވަސް ކުރިންނެވެ. އޭނާ ރޭސް ނިންމާލީ 44 ވަނައިގަ އެވެ.

އޭނާގެ ބައްޕަ ޖޯސެފް ޗެޕްޓެގީ ހޮސްޕިޓަލުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އޭނާއަށް "ވަރަށް ހިދުމަތްތެރި" އަންހެން ދަރިއެއް ގެއްލުނީ ކަމަށާއި އިންސާފު ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"މިހާތަނަށް، އަޅުގަނޑުގެ އަންހެން ދަރިފުޅަށް ގެއްލުން ދިން ކުށްވެރިއަކީ މީހުން މަރާ މީހެއް، ސެކިއުރިޓީ އޮފިޝަލުން ކުރާ ކަމެއް އަދިވެސް އަޅުގަނޑަކަށް ނުފެނޭ،" އޭނާގެ ބައްޕަ ބުންޏެވެ. 

ޓްރާންސް އެންޒޯއާ އަވަށުގެ ޕޮލިސް ކޮމާންޑަރު ޖެރެމިއާ އޮލޭ ކޮސިއޯމް ހޯމަ ދުވަހު ވިދާޅުވީ ޗެޕްޓެގީގެ ބައިވެރިޔާ ޑިކްސަން އެންޑިއެމާ އާއި އޭނާގެ ބައިވެރިޔާ ދެމެދު އާދީއްތަ ދުވަހު އުފުދެނު ދެބަސްވުމެއްގައި، އެންޑިއެމާ ޕެޓްރޯލް ހަމެއް ގަނެ، އޭނާގެ ބައިވެރިޔާގެ ގަޔަށް އޮއްސާލައި އަންދާލި ކަމަށެވެ. އެ ހާދިސާގައި އެންޑިމާގެ ގައިގާ ވެސް އަލިފާން ރޯވެ، އަނދައި އެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މެނާޗް ވިދާޅުވީ އެންޑިމާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށާއި ހަށިގަނޑުގެ %30 އަށް ވުރެ ބޮޑު ބައެއް އަނދާފައިވާ ކަމަށާއި ނަމަވެސް އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ޗެޕްޓެގީގެ މައިންބަފައިން ބުނި ގޮތުގައި ކެންޔާގެ ގިނަ އެތުލެޓިކް ޓްރެއިނިން ސެންޓަރުތައް ހުންނަ ޓްރާންސް އެންޒޯއާ ސަރަހައްދުން އެ މީހުންގެ ދަރިފުޅު ބިމެއް ގަތެވެ. އެ އަވަށުގެ ޗީފް ހުށަހެޅުއްވި ރިޕޯޓްގައި ބުނެފައި ވަނީ ޗެޕްޓެގީ އާއި އެންޑިއެމާ އޭނާގެ އާ ގެ އިމާރާތް ކުރި ބިމުގައި ހަމަލާ ދިނުމުގެ ކުރިން ތަލާފޮޅި އަޑު އިވުނު ކަމަށެވެ.

ޔުގެންޑާގެ އެތުލެޓިކްސް ފެޑެރޭޝަނުން ސޯޝަލް ޕްލެޓްފޯމް އެކްސްގައި ލިޔެފައި ވަނީ "ގެވެށި އަނިޔާގެ ޝިކާރައަކަށްވި އަޅުގަނޑުމެންގެ އެތުލީޓް ރެބެކާ ޗެޕްޓެގީ ނިޔާވިކަން އިއުލާނު ކުރުމުން ހިތާމަކުރާ" ކަމަށެވެ. ފެޑެރޭޝަނެއްގެ ހައިސިއްޔަތުން މިފަދަ އަމަލުތައް ކުށްވެރިކޮށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި އޭނާގެ ފުރާނައަށް ސުވަރުގޭގެ ނިއުމަތް މިންވަރު ކުރުމަށް އެދޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ޔުގެންޑާ އޮލިމްޕިކް ކޮމިޓީގެ ރައީސް ޑޮނަލްޑް ރުކަރޭ ސިފަކުރެއްވި ގޮތުގައި މި ހަމަލާއަކީ މޮޅު އެތުލީޓަކު ގެއްލުނު ބިރުވެރި އަދި ފިނޑި އަމަލެކެވެ.

ކެންޔާގެ ކުޅިވަރާ ބެހޭ ވަޒީރު ކިޕްޗުމްބާ މުރްކޮމެން ވިދާޅުވީ ޗެޕްޓެގީގެ އާއިލާއަށް އިންސާފު ހޯދައިދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މި ހިތާމަވެރި ހާދިސާއަކީ މުޖުތަމައުގައި ޖިންސުގެ މައްޗަށް ބިނާކޮށް ކުރާ އަނިޔާއާ ދެކޮޅަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭކަން ހަނދާންކޮށްދޭ ހިތާމަވެރި ހާދިސާއެއް ކަމަށެވެ.

ޔުގެންޑާގެ ފަސްޓް ލޭޑީ ޖެނެޓް މުސެވެނީ ވިދާޅުވީ ގެވެށި އަނިޔާގެ ސަބަބުން ޗެޕްޓެގީ މި ދުނިޔެ ދޫކުރުމަކީ ބަރުދާސްތު ކުރަން އުނދަގޫ ހިތްދަތި ކަމެއް އިހުސާސް ކުރަން ޖެހުނު ހާދިސާއެއް ކަމަށެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސް ތޯމަސް ބަޗް ވިދާޅުވީ ޕެރިސް 2024ގެ އަންހެން މެރެތަންގައި ރެބެކާ ބައިވެރިވުމަކީ ހިތްވަރާއި ފަހުރުވެރިކަމާއި އުފާވެރިކަން ލިބުނު ކަމެއް ކަމަށެވެ.

އދ. އިން ވަނީ ޗެޕްޓެގީ މަރާލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

އެވްރެޖުކޮށް ކޮންމެ 11 މިނެޓަކުން އަންހެނަކު ނުވަތަ އަންހެން ކުއްޖަކު ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި ގާތް ބައިވެރިޔަކު ނުވަތަ އާއިލާގެ މެންބަރަކު މަރާލާ ކަމަށް ޖިންސީ ހަމަހަމަކަން ޕްރޮމޯޓްކުރާ އެޖެންސީ ޔޫއެން ވިމެން އާއި އދ.ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

"އަހަރެމެންނަށް ހީވަނީ ހަގީގީ އަދަދުތައް މާ މަތިވާނެ ކަމަށް،" ޑުޖާރިކް ވިދާޅުވި އެވެ.

އަދި އަންހެނުންގެ ހައްގުތައް ނިގުޅައިގަތުމުގެ ސަބަބުން މުޖުތަމައުތަކުން ސުލްހަވެރިކަން ގެއްލި، އިގްތިސާދީ ފުދުންތެރިކަން ދަށްވެ، ދުނިޔޭގެ އިންސާފުވެރިކަން ކުޑަވާ ކަމަށާއި ނަމަވެސް އެ ނޫން ދުނިޔެއެއް ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫގެންޑާގެ އޮލިމްޕިކް ދުވުންތެރިޔާ ބެންޖަމިން ކިޕްލަގަޓް މަރުވެފައި އޮއްވާ ފެނުނީ 2023 ވަނަ އަހަރު އެވެ. ކެންޔާއަށް އުފަން ބަހްރެއިންގެ އެތުލީޓް ދަމާރިސް މުތީ މަރުވެފައި އޮއްވާ ފެނުނީ 2022 ވަނަ އަހަރު ކަމަށާއި ޕޯސްޓްމޯޓަމް ރިޕޯޓުގައި ބުނެފައި ވަނީ އޭނާގެ ކަރުގައި ހިފައި ހާސްކޮށްލައިގެން މަރާލާފައިވާ ކަމަށެވެ. އަދި 2021 ވަނަ އަހަރު ދިގު ރާސްތާ ދުވުންތެރިޔާ އެގްނެސް ޓިރޮޕް ގޭގައި ހުއްޓައި ވަޅިން ހަމަލާދީ މަރާލި އެވެ. އޭނާގެ ފިރިމީހާ އިބްރާހިމް ރޮޓިޗް ހައްޔަރުކޮށް މަރާލުމުގެ ދައުވާ އުފުލާފައިވާއިރު، އެ މައްސަލަ ދަނީ ހިނގަމުންނެވެ.

ކެންޔާގައި އަންހެނުންނަށް ކުރާ އަނިޔާގެ ނިސްބަތް ގިނަވުމުގެ ސަބަބުން މިއަހަރު އަވަށްތަކާއި ސިޓީތަކުގައި އާންމު ރައްޔިތުން ހިނގާލުންތައް ވަނީ ބާއްވަން ފަށައިފަ އެވެ.

ކެންޔާ ޑިމޮގްރަފިކް އެންޑް ހެލްތު ސާވޭ 2022 އިން ދައްކާ ގޮތުގައި ކޮންމެ 10 އަންހެނަކުން ހަތަރު އަންހެނަކު ނުވަތަ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ނުވަތަ ކައިވެނިކޮށްގެން އުޅޭ ކެންޔާގެ އަންހެނުންގެ ތެރެއިން ގާތްގަނޑަކަށް %41 އަންހެނުންނަކީ އެމީހުންގެ މިހާރުގެ ނުވަތަ އެންމެ ފަހުގެ ބައިވެރިޔާގެ ފަރާތުން ހިންގާ ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް