ނޯވޭގެ ރަސްގެފާނުގެ ދޮށީ ދަރިކަނބަލުން ރާނިޔާ މަރުތާ ލުއީސް އާއި ޑުރެކް ވެރެޓް ކައިވެންޏަށް ފަހު. (ފޮޓޯ/އޭޕީ)
ތިން ދުވަހުގެ އުފާ ފާޅުކުރުމުގެ ހަފުލާތަކަށް ފަހު ނޯވޭގެ ރަސްގެފާނުގެ ދޮށީ ދަރިކަނބަލުން ރާނިޔާ މަރުތާ ލުއީސް ރޫހާނީ ބާރުތަކެއް ލިބިފައިވާ ކަމަށް ދައުވާ ކުރާ އެމެރިކާގެ ރައްޔިތަކާ ކައިވެނި ބައްލަވައިގެންފި އެވެ.
އޭނާގެ ކައިވެނީގެ ހަފުލާ އޮތީ ސޯޝަލް މީޑިއާގައި ނުފޫޒު ގަދަ މީހުންނާއި ރިއަލިޓީ ތަރިންނާއި ޓީވީގެ ޝަހުސިއްޔަތުން ވެސް މެހެމާނުންގެ ތެރޭގައި ބައިވެރިވި ހަފުލާއެއްގަ އެވެ.
ކެލިފޯނިއާއަށް ނިސްބަތްވާ ހަ ވަނަ ޖީލުގެ 'ޝަމާނެއް' ކަމަށް ބުނާ ޑުރެކްވެރެޓް، 52 އަހަރުގެ މަރުތާ ލުއީސްއާ ކައިވެނި ބައްލަވައިގަތީ ނޯވޭގެ ޓޫރިސްޓުންގެ މެދުގައި ހިތްގައިމު ކުޑަ އަވަށެއްގަ އެވެ.
ބުރާސްފަތި ދުވަހު ފެށި އުފާވެރި ހަފްލާތަކަށް ފަހު ހަގީގީ ކައިވެނީގެ ހަފްލާ އޮތީ މުއްސަނދިކޮށް ހަދާފައި ހުރި ހުދު ކުލައިގެ ބޮޑު ޓެންޓެއްގަ އެވެ. މެހެމާނުން މީޑިއާތަކަށް ބުނީ ނޯވޭ އާއި އެ ހަފުލާގައި އެމެރިކާގެ އާޓިސްޓުންގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ ކަމަށެވެ.
ކައިވެނީގެ ފޮޓޯ ރައިޓްސް އެ ދެމަފިރިން ވިއްކާލީ އިނގިރޭސި ސެލެބްރިޓީ މަޖައްލާ 'ހެލޯ' އަށާއި ފިލްމް ރައިޓްސް ނެޓްފްލިކްސް އަށެވެ. ސޯޝަލް މީޑިއާގައި އެ ދެމަފިރިން ޕްރޮމޯޓް ކުރާ އިރު އެ ބޭފުޅުން އަންނަނީ ނޫސްވެރިންނާ ދިމާލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އުމުރުން 87 އަހަރުގެ ނޯވޭގެ ރަސްގެފާނުގެ ސިއްހީ ހާލުކޮޅު ފަހަކަށް އައިސް އެހާ ރަނގަޅެއް ނޫނެވެ. ނަމަވެސް އޭނާގެ އަންހެން ދަރިކަނބަލުންގެ ކައިވެނީގެ ހަފްލާގައި ރާނީ ސޮންޖާ އާއި ނޯވޭގެ ޝާހީ އާއިލާގެ މެމްބަރުންނާ އެކު ބައިވެރިވެވަޑައިގެންނެވި އެވެ.
ވަލީއަހުދު ރާނިޔާ ވިކްޓޯރިއާ އާއި އެކަމަނާގެ ފިރިކަލުން އަމީރު ޑެނިއަލް ސްވިޑެން ތިއްބެވީ އެކަމަނާގެ ކޮއްކޯފުޅު އަމީރު ކާލް ފިލިޕް އާއި އަނބިކަނބަލުން ރާނިޔާ ސޯފިއާއާ އެކުގަ އެވެ. މި ކައިވެނީގެ ހަފްލާގައި ޔޫރަޕްގެ އެހެން އެއްވެސް ޝާހީ ބޭފުޅަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ކައިވެނީގެ ހަފްލާ ބާއްވާފައި މިވަނީ ދެމަފިރިންގެ އަމަލުތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ، ގެވެށި އަނިޔާގެ އިބްތިދާއީ ތުހުމަތާ ކުރިމަތިލާން ޖެހިފައިވާ އާއިލާގެ މެމްބަރަކާ ބެހޭ ގޮތުން ވެސް ނެގެޓިވް ރިޕޯޓްތައް ލިބެމުންދާ ނޯވޭގެ ޝާހީންނަށް އޮތް ތާއީދު ކުޑަވެފައިވާ ދަނޑިވަޅެއްގަ އެވެ.
މާރުތާ ލުއީސް އާއި ވެރެޓް، 49، އަކީ އެ ދެ ބޭފުޅުންގެ ތަފާތު ގަބޫލުކުރުންތަކާ އެކު ނޫސްތަކުގެ ސުރުހީތަކަށް އައިސްފައިވާ ދެ ބޭފުޅުންނެވެ. ނޯވޭގެ ރަސްކަމަށް ހަތަރު ވަނައިގައި ހުންނެވި ނަމަވެސް 2022 ވަނަ އަހަރު އެކަމަނާ ވަނީ ރަސްމީކޮށް ނޯވޭގެ ޝާހީގެ ތަމްސީލު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ ދެ ބޭފުޅުން އެންގޭޖްވީ 2022 ވަނަ އަހަރު އެވެ. ކައިވެންޏަށް ފަހު ވެރެޓްއަށް ޝާހީ ލަގަބެއް ނުވަތަ ރަސްމީ މަސްއޫލިއްޔަތެއް ނޯންނާނެ އެވެ. އަދި 2019 ވަނަ އަހަރުގެ އެއްބަސްވުމެއްގައި މާރުތާ ލުއީސް އާއި ވެރެޓް އެއްބަސްވީ ޝާހީ ގެ އާއި އޭނާގެ ޓައިޓަލްއާ އޮންނަ ގުޅުން ވިޔަފާރީގެ ބޭނުމަށް ބޭނުން ނުކުރުމަށެވެ.
ނަމަވެސް، މި އަހަރުގެ ކުރީކޮޅު މަރުތާ ލުއީސް ވަނީ އޭނާގެ ޓައިޓަލް ބޭނުން ކުރައްވައިފަ އެވެ. އަދި ރަސްގެފާނު ހެރަލްޑްގެ ޝާހީ ދަރަޖައިން މަންފާ ނުހޯދަން އެންގި އެންގުމާ ހިލާފަށް ވާހަކަ ދައްކަވާފައިވެ އެވެ. އެންމެ ފަހުން އެ ލޭބަލް ބަދަލުކުރެއްވި އެވެ.