ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން [ފައިލް: އަހްތަރު ސޫމްރޯ/ރޮއިޓާސް]

އިމްރާން ޚާން

އޮކްސްފޯޑްގެ ޔުނިވަސިޓީގެ ޗާންސެލަރުގެ މަގާމަށް އިމްރާން ކުރިމަތިލައްވައިފި

20 އޯގަސްޓު 2024

އިނގިރޭސިވިލާތުގެ ޝަރަފުވެރި ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ޗާންސެލަރުގެ މަގާމަށް، ޖަލަށް ލާފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ކުރިމަތިލައްވައިފި އެވެ.

އޭނާގެ ހުށަހެޅުން "ރަސްމީކޮށް ހުށަހެޅުއްވީ" އޮކްސްފޯޑުގެ ކުރީގެ ދަރިވަރު، އިމްރާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި)ގެ ލަންޑަންގެ ތަރުޖަމާނު ސައީދު ޒުލްފިކަރް ބުހާރީ މެދުވެރިކޮށެވެ.

"ގާނޫނާ ހިލާފަށް އެއް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ޖަލުގައި ހުންނެވި ނަމަވެސް އިމްރާން ހުންނެވީ އޭނާގެ އުސޫލުތަކާއި އޭނާ ގަބޫލު ކުރާ ހަމަތަކުގެ މަތީގައި،" ޕީޓީއައި އިން އިއްޔެ ބުންޏެވެ.

އޭއެފްޕީ ނިއުސް އެޖެންސީއާ ވާހަކަ ދައްކަވަމުން ބުހާރީ ވިދާޅުވީ "އިމްރާން ހާން އިރުޝާދު ދެއްވީ އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު އެޕްލިކޭޝަން ބެލުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ.

"މިއީ ރަމްޒީ މަގާމެއް، ނަމަވެސް ވަރަށް ޝަރަފުވެރި އަދި މުހިންމު މަގާމެއް. އިމްރާން ހާން އަކީ އޮކްސްފޯޑުން ދަރިވަރުވި ވަރަށް މަގުބޫލު ބޭފުޅެއް. އޭނާ ޗާންސެލަރުގެ މަގާމުން ފެނުމަކީ ވަރަށް އުފާވެރި ކަމެއް،" އޭނާ ވިދާޅުވި އެވެ،.

"ޗާންސެލަރަކަށް އިމްރާން ހޮވިއްޖެ ނަމަ އޭނާ ވެގެންދާނީ އޭޝިއާ ދަރިކޮޅުގެ ފުރަތަމަ އެކްސްފޯޑްގެ ޗާންސެލަރަށް. އެއީ ހަމައެކަނި ޕާކިސްތާނަށް ލިބޭނެ ޝަރަފެއް ނޫން. މިއީ މުޅި އޭޝިއާ އަށާއި ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ޝަރަފަކަށް ވާނެ."

އިމްރާންގެ ޕާޓީން މިކަން ހާމަކޮށްފައި މިވަނީ ހޮންގް ކޮންގްގެ އިނގިރޭސިވިލާތުގެ އެންމެ ފަހުގެ ގަވަރުނަރު ކްރިސް ޕެޓެން އޮކްސްފޯޑްގެ ޗާންސެލަރު ކަމުން އަންނަ ފެބުރުއަރީ މަހު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމާ ގުޅިގެންނެވެ.

އެ ޔުނިވާސިޓީގެ ވެބްސައިޓްގައިވާ ގޮތުން 10 އަހަރުގެ ދައުރަކަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ލިސްޓު އޮކްޓޯބަރުގެ ކުރިން އާންމު ނުކުރާނެ ކަމަށާއި ވޯޓުލުން އޮންނާނީ އެ މަހުގެ ފަހުކޮޅުގަ އެވެ.

އިމްރާން އެ ޔުނިވާސިޓީން ދަސްވެނިވީ ފަލްސަފާ އާއި ޕޮލިޓިކްސް އަދި އިކޮނޮމިކްސްގެ ދާއިރާއިން 1975 ވަނަ އަހަރު އެވެ.

އޭގެ ފަހުން ޕާކިސްތާނުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިއެއްގެ ގޮތުގައި އޭނާ އުޅުއްވި އެވެ. އޭރު އޭނާ ގެންދެވީ ގޮސިޕް މެގަޒިންތައް ފަޅުފިއްލުވަމުންނެވެ.

އޭނާ ވަނީ ތިން ކައިވެންޏެއް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ސޯޝަލައިޓް އަދި ޑައިރެކްޓަރު ޖެމީމާ ގޯލްޑްސްމިތު ވެސް ހިމެނެ އެވެ. އަދި 2005 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ޔުނިވާސިޓީ އޮފް ބްރެޑްފޯޑްގެ ޗާންސެލަރުކަން ވެސް އޭނާ ވަނީ ކުރައްވައިފަ އެވެ.

އޭގެ ފަހުން އޭނާ ވަނީ 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ޕާކިސްތާނުގެ ބޮޑުވަޒީރުކަން ވެސް ކުރައްވައިފަ އެވެ.

އިމްރާން މަގާމުން ދުރުކުރީ 2022 ވަނަ އަހަރު ނެގި އިތުބާރު ނެތްކަމުގެ ވޯޓުން ބަލިވުމުންނެވެ. އަދި އެއަށް ފަހު އެނބުރި ވެރިކަމަށް ވަޑައިގަތުމުގެ ކެމްޕެއިނެއް ފައްޓަވައި ޕާކިސްތާނުގެ ބާރުގަދަ އަސްކަރިއްޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް ނެރުއްވި އެވެ.

ނަމަވެސް އޭނާ ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ޖަލަށް ލައިފަ އެވެ. އެއީ ކޮރަޕްޝަނުން ފެށިގެން ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދިނުމުގެ އެކިއެކި ތުހުމަތުތަކުގަ އެވެ. އޭނާ ޖަލުގައި ހުންނަވާތާ ވަނީ އަހަރެއްވެފަ އެވެ.

އިމްރާން ވިދާޅުވީ މި ތުހުމަތުތަކަކީ ސިޔާސީ މަގްސަދެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށާއި އެއީ ވެރިކަމުން އޭނާ ދުރުކުރުމަށް ރާވާފައިވާ ދައުވާތަކެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް