ނައިރޯބީގެ ދެކުނުގައި އޮންނަ ކިޓެންޖެލާގައި މުޒާހަރާގެ ބައިވެރިން ވަނީ ރޫޓޯ ވަގުތުން އިސްތިއުފާ ދެއްވުމަށް އަޑުއުފުލާފައި.

ކެންޔާ

ކެންޔާގެ ރައީސް އިސްތިއުފާ ދޭން ގޮވާލާ މުޒާހަރާތައް ވަރުގަދަކޮށްފި

މުޒާހަރާތައް ފެށި ފަހުން މިހާތަނަށް ވަނީ 50އަށް ވުރެ ގިނަ މީހުން މަރުވެފައި
17 ޖުލައި 2024

ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ ދާދި ފަހުން ދިން ލުއިތަކާ އެކު ވެސް އިސްތިއުފާ ދެއްވުމަށް ގޮވާލައި ކެންޔާގައި ސަރުކާރާ ދެކޮޅު މީހުން އެނބުރި މަގުތަކަށް ނުކުމެ ކުރާ މުޒާހަރާތައް ވަރުގަދަކޮށްފި އެވެ.

ވެރިރަށް ނައިރޯބީީގެ ބޭރުގައި މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ފުލުހުން ބަޑި ޖަހައި އެކަކު މަރާލާފައިވާ ކަމަށް ބީބީސީގެ ރިޕޯޓަރު ބުންޏެވެ.

ފުލުހުން ބާރުގެ ބޭނުންކޮށް، ކަރުނަ ގޭސް ޖަހައި އެތައް ސަތޭކަ ބަޔަކު ހައްޔަރު ކުރަމުންދާތީ ނައިރޯބީގެ މެދުތެރޭގައި ހުރި ފިހާރަތައް ވަނީ ބަންދުކޮށްފަ އެވެ. 

ޒުވާނުން އިސްވެ ކުރާ މުޒާހަރާތައް މިދިޔަ މަހު ފެށީ ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން ހުށަހެޅި ބިލަކާ ގުޅިގެންނެވެ. ނަމަވެސް ޕްރެޝަރު ބޮޑުވެ، ބިލް ވަނީ ސަރުކާރުން ގެންގޮސްފަ އެވެ. 

އަލުން މުޒާހަރާތައް ފެށީ އެތައް ބަޔަކު މަރުވި މައްސަލާގައި ފުލުހުން ޖަވާބުދާރީ ކުރުމަށާއި ނާގާބިލު ވެރިކަމާއި ކޮރަޕްޝަނާ ދެކޮޅަށް ނުރުހުން ފާޅުކުރުމަށެވެ.

މިދިޔަ ހަފުތާގައި ރައީސް ރޫޓޯ ވަނީ އޭނާގެ މުޅި ކެބިނެޓްގެ ހުރިހާ މެންބަރުން މަގާމުން ވަކިކޮށްފަ އެވެ. އަދި ފުލުހުންގެ އެންމެ އިސްވެރިޔާ އިސްތިއުފާ ދެއްވުމުން ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށް މަޝްވަރާގެ ދޮރު ހުޅުވާލެެއްވި އެވެ.

އެ މުޒާހަރާގެ ހަރަކާތްތައް ކެންޔާގެ ޒުވާނުން އިންތިޒާމު ކުރަނީ އޮންލައިންކޮށް ކޯޑިނޭޓްކޮށްގެންނެވެ. އެ މީހުން މަޝްވާރާއެއް ބޭނުމެއް ނުވެ އެވެ. އެ މީހުން ބޭނުން ވަނީ ރައީސް ރޫޓޯގެ އިސްތިއުފާ އެވެ.

އިއްޔެ ފުލުހުން މަރާލި މީހާގެ ހަށިގަނޑު މުޒާހަރާގެ ބައިވެރިން ވަނީ ނައިރޯބީގެ ދެކުނުގައި އޮންނަ ކިޓެންޖެލާގެ ޕޮލިސް ސްޓޭޝަނަކަށް ގެންގޮސްފަ އެވެ. އޭނާގެ މަރުގެ މައްސަލާގައި ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ރޫޓޯ މަގާމުން ވަކިވުމަށް ގޮވާލާ މުޒާހަރާތައް ވަރުގަދަކޮށް، މަގުތައް މަތީގައި އަލިފާން ރޯކޮށްފަ އެވެ. އަދި ފުލުހުންނާ ކުރިމަތިލައި އޮއްގަލުން އެ މީހުންނަށް ހަމަލާދެމުންދާ ކަމަށް ބީބީސީގެ ރިޕޯޓަރު ބުންޏެވެ.

ނައިރޯބީގެ އިތުރުން މޮމްބާސާ، ކިސުމު، ނަކުރު އަދި ނައިރީ ފަދަ އެހެން ހިސާބުތަކުގައި ވެސް ވަނީ ހަލަބޮލި މުޒާހަރާތައް ކުރަމުންނެވެ.

ކެންޔާގެ ޓީވީ ސްޓޭޝަން، ކޭ24ގެ ރިޕޯޓަރަކަށް ވެސް ވަނީ މުޒާހަރާތައް ކަވަރު ކުރަމުން ދަނިކޮށް ބަޑީގެ ހަމަލާއެއްދީ ވަރަށް ބޮޑަށް ޒަހަމުކޮށްލައިފަ އެވެ. އެ އަންހެން ކުއްޖާގެ ފައިގެ ފަލަމަސްގަނޑަށް އުންޑަ އެރުމުން އޭނާއަށް ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފަ އެވެ.

ކެންޔާގެ ޑެއިލީ ނޭޝަން ނޫހުން ބުނެފައިވާ ގޮތުގައި، އެ ގައުމުގެ 47 އިންތިހާބީ ދާއިރާގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއް ބައި ސަރަހައްދުގައި ދަނީ މުޒާހަރާ ކުރަމުންނެވެ.

ޓެކްސް ބިލު މިދިޔަ 15 ޖޫންގައި ރައީސް އަނބުރާ ގެންދެވީ މުޒާހަރާގެ ބައިވެރިން މަޖިލީހުގެ އިމާރާތުގެ ކޮމްޕްލެކްސްއަށް ވަދެ އެތަނުގެ ބައެއްގައި ރޯކޮށްލުމުންނެވެ.

މުޒާހަރާތައް ފެށިފަހުން މިހާތަނަށް ވަނީ 50އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 413އަށް އަރަ އެވެ.

މިދިޔަ ހޯމަ ދުވަހު ރޫޓޯ ތުހުމަތު ކުރެއްވި ގޮތުގައި، އެ މުޒާހަރާތަކަށް ފަންޑް ކުރަނީ ފޯޑް ފައުންޑޭޝަނުންނެވެ.

ނަމަވެސް، އެ ތުހުމަތުތައް ދޮގުކޮށް އެމެރިކާގެ އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފައިނޭންސް ބިލާ ދެކޮޅަށް ކުރާ މުޒާހަރާތަކަށް ފަންޑު ވެސް އަދި ސްޕޮންސާ ވެސް ނުކުރާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް