ވިޔަފާރިވެރިޔާ މުކޭޝް އަމްބާނީގެ ދަރިފުޅު އަނަންތު އަމްބާނީ އޭނާގެ އަނބިކަނބަލުން ރާދިކާ މާޗަންޓާއެކު. (ފޮޓޯ/ރޮއިޓާސް)

އިންޑިއާ

އަންބާނީގެ ދަރިފުޅު އަހަރުގެ އެންމެ އަގު ބޮޑު ކައިވެނި ކޮށްފި

ނަންތު އަންބާނީގެ ބައްޕަ މުކޭޝް އަމްބާނީ އަކީ ދުނިޔޭގެ ނުވަ ވަނައަށް އެންމެ މުއްސަނދި މީހާ؛ މިލްކިއްޔާތުގައި 116 ބިލިއަން ޑޮލަރު ހިމެނޭ ކަމަށް ފޯބްސް އިން ބުނޭ
13 ޖުލައި 2024

އޭޝިއާގެ އެންމެ މުއްސަނދި މީހާ މުކޭޝް އަމްބާނީގެ އެންމެ ހަގު ފިރިހެން ދަރިފުޅު އޭނާގެ ލޯބިވެރިޔާއާ ރޭ ކައިވެނިކޮށްފި އެވެ. 

އެ ކައިވެނި ފާހަގަކޮށްފައި ވަނީ މި އަހަރުގެ އެންމެ އަގު ބޮޑު ކައިވެނީގެ ގޮތުގަ އެވެ. އެ ހަފުލާގައި ދުނިޔޭގެ މަޝްހޫރު ތަރިންނާއި ވިޔަފާރިވެރިންނާއި ސިޔާސީ ފަރާތްތަކުން ބައިވެރިވެ، ބިލިއަނަރުގެ މުއްސަނދިކަމަށް ތައުރީފު ކުރި އެވެ.

ކިމް އަދި ކްލޯއީ ކާޑޭޝިއަން އާއި ނިކް ޖޯނަސް އާއި ޕްރިޔަންކާ ޗޯޕްރާގެ އިތުރުން އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އާއި ބޮރިސް ޖޯންސަން އަކީ އެ ހަފުލާގައި ބައިވެރިވުމަށް މުމްބާއީއަށް ވަޑައިގެންނެވި މަޝްހޫރު މޫނުތަކެވެ.

އެ ކައިވެނީގެ ހަފްލާގައި އިންޑިއާގެ މުނިފޫހިފިލުވުމާއި ކުޅިވަރާއި ވިޔަފާރީގެ ދާއިރާ އާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މީހުންގެ އިތުރުން ރަޖްނީކާންތު އާއި ސަންޖޭދަތު ފަދަ ބޮލީވުޑް ތަރިން އިން ފެށިގެން ކުރީގެ ރައީސް ރާމް ނާތު ކޯވިންދާއި އެކި ސްޓޭޓްތަކުގެ ޗީފް މިނިސްޓަރުންގެ އިތުރުން އެ ގައުމުގެ ކްރިކެޓް ޓީމުގެ ގިނަ ބަޔަކު ވެސް ވަނީ ފެނިފަ އެވެ.

ވިޔަފާރިވެރިޔާ މުކޭޝް އަމްބާނީގެ ދަރިފުޅު އަނަންތު އަމްބާނީ އޭނާގެ އަނބިކަނބަލުން ރާދިކާ މާޗަންޓާއެކު. (ފޮޓޯ/ރޮއިޓާސް)

އަނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓް ކައިވެނި ކުރި ކަމުގެ އުފާ ފާޅުކުރުން އޮތީ މުމްބާއީގައި ހުންނަ އަމްބާނީގެ ހިއްސާ އޮންނަ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރާއި އާއިލާގެ ގޭގަ އެވެ. އެތައް މަހަކަށް ދިގުދެމިގެން ދިޔަ ކައިވެނީގެ ހަފްލާތައް ނިމުމަކަށް އައީ ރިހާނާ އާއި ޖަސްޓިން ބީބާ ފަދަ ޕޮޕް ތަރިންގެ ހުށަހެޅުންތައް ފެނިގެންދިޔަ ހަފުލާތަކުންނެވެ.

ހަތަރު ދުވަހުގެ ކައިވެނީގެ ހަފްލާ ހުކުރު ދުވަހު ފެށުނީ ހިންދޫންގެ އާދަކާދައިގެ ކައިވެނީގެ ހަފްލާއިންނެވެ. އަދި އެއަށް ފަހު ހަފުތާ ބަންދުގައި ބޮޑު ރިސެޕްޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ބައިނަލްއަގުވާމީ މެހެމާނުން ވެސް ވަނީ އިންޑިއާގެ ބޮޑެތި ފެޝަން ޑިޒައިނަރުންގެ އާދަކާދައިގެން ހެދުން އަޅައިފަ އެވެ. 

މޫސުމީ ވިއްސާރައިގެ ސަބަބުން ފާއިތުވި ހަފުތާއެއްހާ ދުވަހު ފެންބޮޑުވެ، ފްލައިޓްތަކަށް ބުރޫ އަރާފައިވާ ސަރަހައްދު، މުމްބާއީއަށް ދިޔަ މެހެމާނުންގެ ދަތުރުފަތުރަށް ފަސޭހަކޮށްދިނުމަށް ފުލުހުން ވަނީ ހުކުރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ކައިވެނީގެ ހަފްލާ ބާއްވާ ތަނުގެ ވަށައިގެން ޓްރެފިކް އެހެން ދިމާތަކަށް ބަދަލު ކޮށްފަ އެވެ.

ކައިވެނީގެ ހަފްލާއާ އެކު މުއްސަނދިންނާއި ފަގީރުންގެ ފަރަގު ބޮޑުވަމުން އަންނަ އިންޑިއާގައި ހަމަހަމަކަން ނެތެމުންދާތީ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. މި ހަފުލާގެ ސަބަބުން މުމްބާއީގެ ބައެއް މީހުންގެ މެދުގައި ވެސް ވަނީ ރުޅިވެރިކަން އުފެދިފަ އެވެ.

"އޭގެ ސަބަބުން އަހަރެމެންގެ އާމްދަނީއަށް އަސަރުކުރޭ. ކައިވެންޏާ ދޭތެރޭ އަހަރެންގެ މާ ބޮޑު ފަރުވާލެއް ނެތް،" ޓެކްސީ ޑްރައިވަރަކު ބުންޏެވެ.  

އަނަންތު އަންބާނީގެ ބައްޕަ މުކޭޝް އަމްބާނީ އަކީ ދުނިޔޭގެ ނުވަ ވަނައަށް އެންމެ މުއްސަނދި މީހާ ކަމަށާއި އޭނާގެ މިލްކިއްޔާތުގައި 116 ބިލިއަން ޑޮލަރު ހިމެނޭ ކަމަށް ފޯބްސް އިން ބުނެ އެވެ. އޭނާ އަކީ އޭޝިޔާގެ އެންމެ މުއްސަނދި މީހާ އެވެ. އޭނާގެ ރިލަޔަންސް އިންޑަސްޓްރީޒް އަކީ ޕެޓްރޯކެމިކަލް، ތެލާއި ގޭހާއި ޓެލެކޮމް އަދި ރީޓެއިލް ފަދަ ވިޔަފާރިތައް ހިމެނޭ ގޮތަށް އަހަރަކު 100 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ކުންފުންޏެކެވެ.

އަމްބާނީ އާއިލާގެ މިލްކިއްޔާތުގައި އެހެނިހެން އެސެޓްތަކުގެ އިތުރުން މުމްބާއީގައި 1 ބިލިއަން ޑޮލަރުގެ 27 ބުރީގެ ފެމިލީ ކޮމްޕައުންޑެއް ވެސް ހިމެނެ އެވެ. އެ އިމާރާތުގައި ތިން ހެލިޕެޑާއި 160 ކާރު ގަރާޖާއި އަމިއްލަ ފިލްމް ތިއޭޓަރެއް ހިމެނެ އެވެ.

އަމްބާނީންނަކީ އިންޑިއާގެ އެންމެ ފާހަގަކޮށްލެވޭ ވިޔަފާރީގެ އާއިލާގެ ގޮތުގައި ސިފަކުރެވޭ ވިޔަފާރިވެރިއެއް.

އެ ކުންފުނީގެ އިއާދަކުރަނިވި އަދި ފެހި ހަކަތަ ފުޅާކުރުމުގެ ކަންލަން ބަލަހައްޓަނީ އަނަންތު، 29، އެވެ. އަދި އެ އާއިލާގެ އުފަން ރަށް، ގުޖުރާތު ސްޓޭޓްގެ ޖަމްނަގަރުގައި 3،000 އޭކަރުގެ ޖަނަވާރުން ސަލާމަތް ކުރާ ސެންޓަރެއް ވެސް ހިންގަ އެވެ.

ރާދިކާ މާޗަންޓް، 29، އަކީ ފާމަސޫޓިކަލް މަހުޖަނު ވިރެން މާޗަންޓްގެ ދަރިފުޅެވެ. އޭނާ އަކީ އޭނާގެ ކުންފުނި އެންކޯ ހެލްތުކެއާގެ މާކެޓިން ޑިރެކްޓަރު ކަމަށް ވޯގް އިން ބުނެ އެވެ.

އަމްބާނީއަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ 1970 އާއި 80ގެ އަހަރުތަކުގައި ކޮންގްރެސް ޕާޓީގެ ސަރުކާރުތަކުގައި އަދި 2014 ވަނަ އަހަރަށް ފަހު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަމުގައި އަމްބާނީގެ ކުންފުންޏަކީ ސިޔާސީ ގުޅުމަށް ބަރޯސާވެފައިވާ ކުންފުންޏެއް ކަމަށެވެ.

އަމްބާނީ އާއިލާގެ ކާވެނީގެ ހަފްލާތައް ފެށުނީއްސުރެ ވެސް ވަރަށް ކުލަގަދަ ތަރިންތަކެއް ވަނީ ފެނިގެން ގޮސްފަ އެވެ.

މިދިޔަ މާޗް މަހު އެ މީހުން ވަނީ ތިން ދުވަހުގެ ޕާޓީއެއް ބާއްވައި ދުނިޔޭގެ  ލީޑަރުންނާއި ޓެކް މަހުޖަނުން އަދި ބޮލީވުޑްގެ މެގަސްޓާރުން ހިމެނޭ ގޮތަށް 1،200 މެހެމާނުންނަށް ދައުވަތު ދީފަ އެވެ. އަދި އެ ހަފުލާ ފަޅުފިލުވައިދިނީ ބައިނަލްއަގްވާމީ މަޝްހޫރުކަން ހޯދާފައިވާ ލަވަކިޔުންތެރިޔާ ރިހާނާ، އަކޯން އަދި ދިލްޖީތު ދޮސަންޖްގެ ހުށަހެޅުންތަކުންނެވެ. އެ ހަފުލާގައި ޓެކް ބިލިއަނަރުން ކަމަށްވާ މާކް ޒަކަބާގް އާއި ބިލް ގޭޓްސް ވެސް ބައިވެރިވެފައިވެ އެވެ.

އެތައް މަހަކަށް ދިގުދެމިގެން ދިޔަ ކައިވެނީގެ ކުރިން ބޭއްވި އުފާވެރި ހަފްލާތަކުގެ ފެށުމަކީ އެއީ އެވެ. އެއާ އެކު ގިނަ ބައެއްގެ ސަމާލުކަން ލިބި، އެ ހަފުލާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވި އެވެ.

މިދިޔަ މެއި މަހު އެ އާއިލާ އިން ވަނީ އިޓަލީން ފްރާންސަށް ތިން ދުވަހުގެ ކްރޫޒެއްގައި މެހެމާނުން ގޮވައިގެން ގޮސްފަ އެވެ. އޭގެ ތެރޭގައި ކެޓީ ޕެރީ އާއި ޕިޓްބުލްގެ ޕާފޯމަންސް ވެސް ހިމެނެ އެވެ.

އެ ހަފްލާގެ ތެރެއިން އެ އާއިލާއިން ވަނީ 2 ޖުލައިގައި 50އަށް ވުރެ ގިނަ ނިކަމެތީގެން ކައިވެނީގެ ހަފްލާއެއް ވެސް ބާއްވައިފަ އެވެ.

މިދިޔަ ހަފުތާގައި ޖަސްޓިން ބީބާ ވަނީ ބޮލީވުޑްގެ ތަރިން ކަމަށްވާ އާލިއާ ބަޓް، ރަންވީރު ސިންގް އަދި ސަލްމާން ހާންގެ ހުށަހެޅުންތައް ހިމެނޭ ކޮންސަޓެއްގައި އެތައް ސަތޭކަ މެހެމާނުންނަށް ޕާފޯމްކޮށްފަ އެވެ.

އަމްބާނީގެ އަންހެން ދަރިފުޅުގެ ކައިވެނި ވެސް 2018 ވަނަ އަހަރު ކުލަ ގަދަކޮށް ބާއްވާފަ އެވެ. އެ ހަފުލާގައި ބިޔޯންސޭ ވަނީ އޭނާގެ އަންހެން ދަރިފުޅަށް ކައިވެނީގެ ކުރިން ބޭއްވި ހަފްލާތަކުގައި ހުށަހަޅާދީފަ އެވެ. އިންޑިއާގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ އުދޭޕޫރުގައި އިންޑިއާގެ މަޝްހޫރު ތަރިންނާއި ބޮލީވުޑްތަރިންނާ އެކު ބޭއްވި ހަފުލާ އިން ފެނުނު ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން އާއި ޖޯން ކެރީ ހިމެނިވަޑައިގަންނަވަ އެވެ.

 

އިތުރު އާޓިކަލް

އިތުރު އާޓިކަލް