ނެދަލޭންޑްސްގެ ބޮޑުވަޒީރު މާކް ރުޓަ

ނޭޓޯ

ނޭޓޯގެ ވެރިޔަކަށް ނެދަލޭންޑްސްގެ ބޮޑުވަޒީރު މާކް ރުޓަ ހަމަޖައްސަނީ

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމާ ރުޓަ ހަވާލުވެވަޑައިގަންނަވާނީ 1 އޮކްޓޯބަރުގައި

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، ނެދަލޭންޑްސްގެ ބޮޑުވަޒީރުކަމުގައި މިހާރު ހުންނެވި މާކް ރުޓަ ހަމަޖެއްސުމަށް ނިންމާފައިވާކަން އެ އިއްތިހާދުން އިއުލާނުކޮށްފި އެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްއަކަށް ރުޓަ ހަމަޖައްސަން ނިންމާފައި މިވަނީ ރަޝިޔާއިން ފެށި ހަނގުރާމައިގައި ނޭޓޯއިން ޔޫކްރެއިނަށް އެހީތެރިވަމުން އަންނަ އަދި ނޭޓޯގެ އަމިއްލަ ދިފާއު ވެސް ވަރުގަދަ ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ރުޓަގެ އިތުރުން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް ކުރިމަތިލެއްވީ ރޫމޭނިއާގެ ރައީސް ކްލޯސް ޔޮހަނިސް އެވެ. ނަމަވެސް މިދިޔަ ހަފްތާގައި ޔޮހަނިސް ވަނީ ރޭހުން ވަކިވެވަޑައިގެންފަ އެވެ.

"ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް އައްޔަން ވެގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް. މި އިއްތިހާދަކީ އަދި މި އިއްތިހާދު ދެމިއޮންނާނީ ވެސް އަހަރެމެންގެ ގުޅިފައިވާ ސަލާމަތުގެ މައްޗަށް،" އެކްސްގައި ރުޓަ ލިޔުއްވާފައި ވެ އެވެ.

އުމުރުފުޅުން 57 އަހަރުގެ ރުޓަ އިތުރަށް ވިދާޅުވީ ނޭޓޯގެ އެކުވެރިން އޭނާއަށް ދިން އިތުބާރަށް ޝުކުރުވެރިވާ ކަމަށެވެ. "މި އިއްތިހާދު ހިންގުމުގެ ޒިންމާއަކީ އަހަރެން ފަސޭހަކޮށް ނަގާނެކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ނޭޓޯގެ ވެރިޔަކަށް ނެދަލޭންޑްސްގެ ބޮޑުވަޒީރު މާކް ރުޓަ ހަމަޖައްސަން ނިންމުމާ ގުޅޭ (ވީޑިއޯ/ޔޫރޯނިއުސް)

ނޭޓޯއިން ނެރެފައިވާ ބަޔާނެއް ބުނާގޮތުން، ސެކްރެޓަރީ ޖެނެރަލްކަމާ ރުޓަ ހަވާލުވެވަޑައިގަންނަވާނީ މިހާރު އެ މަގާމުގައި ހުންނެވި ޖެންސް ސްޓޮލްޓެންބާގްގެ 10 އަހަރުގެ ދައުރު 1 އޮކްޓޯބަރުގައި ހަމަވުމާ އެކު އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް