ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ސްވިޓްޒަލެންޑަަށް ވަޑައިގަތުން
ޔޫކްރެއިން ހަނގުރާމައާ ބެހޭ ސަމިޓަށް ދުނިޔޭގެ ގިނަ ލީޑަރުންތަކެއް އެއްތަންވެއްޖެ
ޔޫކްރެއިން ހަނގުރާމަ ހުއްޓާލަން މޮސްކޯއަށް ޕްރެޝަރު ކުރުމަށް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ސަމިޓެއްގައި ބައިވެރިވުމަށް ދުނިޔޭގެ ގިނަ ލީޑަރުންތަކެއް ސްވިޓްޒަލެންޑަށް ޖަމާވާން ފައްޓައިފި އެވެ.
މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ލީޑަރުންގެ ތެރޭގައި އެމެެރިކާގެ ނާއިބު ރައީސް ކަމާލާ ހެރިސް އަދި އިނގިރޭސިވިލާތް، ކެނެޑާ، ޖަރުމަނު، ފްރާންސް، އިޓަލީ، ޖަޕާން އަދި ޔޫކްރެއިނުގެ ލީޑަރުން ހިމެނެ އެވެ.
އަދި ރަޝިޔާއާ އެކު ރަހުމަތްތެރިކަމުގެ ގުޅުންތައް ބާއްވަމުން އަންނަ އިންޑިއާ، ތުރުކީ އަދި ހަންގޭރީގެ އިސް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ނަމަވެސް މި ސަމިޓުގައި ބައިވެރިވުމަށް ރަޝިޔާއަށް ދައުވަތު ދީފައި ނުވާއިރު، މޮސްކޯއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޗައިނާއިން ވަނީ މި ސަމިޓުގައި ބައިވެރިވާން ދެކޮޅު ހަދައިފަ އެވެ. މި ސަބަބުތަކާ ހުރެ މި ސަމިޓުން މާ ބޮޑު އެދެވޭ ނަތީޖާތަކެއް ނުކުންނާނެ ކަމަށް މާހިރުން ނުދެކެ އެވެ.
ޗައިނާގެ އެއްބާރުލުން ނެތި އިގްތިސާދީ ގޮތުން މޮސްކޯ އެކަހެރިކޮށްލުމަށް ހުޅަނގުން ކުރި މަސައްކަތްތަކުގައި ވެސް މާ އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވެ އެވެ.
އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕް އަށް އދ. އިން ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރު ރިޗަޑް ގޯވާން ވިދާޅުވީ، މި ސަމިޓުން ޔޫކްރެއިންގެ ޑިޕްލޮމެސީގައި ހުރި ލިމިޓުތައް ފެނިގެން ދިޔުމުގެ ނުރައްކާ އެބަ އޮތެވެ.
"ނަމަވެސް ޔޫކްރެއިނުން ދިފާއު ކުރަމުން މިދަނީ އދ.ގެ ގާނޫނުތައް ކަން ހަނދާން ކޮށްދޭން މިއީ ކީވްއަށް ލިބިގެންދާނެ ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ.
ރަޝިޔާގެ ރައީސް ލަޑަމިއާ ޕޫޓިން ވަނީ ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް އިއްޔެ ދެ ޝަރުތެއް ހާމަކުރައްވާފަ އެވެ. ޕޫޓިން ވިދާޅުވީ ރަޝިޔާއިން ހިފާފައިވާ ޔޫކްރެއިނުގެ ސަރަހައްދުތަކުން ޔޫކްރެއިން ސިފައިން ފައިބާ ނޭޓޯއާ ނުގުޅޭނެކަމުގެ ޔަގީންކަން ކީވް އިން ދިނުމުން ހަމަލާތައް ބަދަލުކުރުން ވަގުތުން ހުއްޓާލާ މަޝްވަރާތަައް ފެށިގެންދާނެ ކަމަށެވެ.
ޕޫޓިންގެ މި ޝަރުތުތަކަށް ޔޫކްރެއިނުގެ ރައީސް ޒެލެންސްކީ އާއި އެމެެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އާއި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެން ސްޓޮލްޓެންބާގް ވަނީ ފާޑުވިދާޅުވެފަ އެވެ.
ސްވިޓްޒަލެންޑުގައި މިއަދު ދެ ދުވަހަށް ފަށާ ސަމިޓުގައި 90 އަށް ވުރެ ގިނަ ގައުމާއި ޖަމިއްޔާތަކުގެ ލީޑަރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.