މުޒާހަރާ ކުރާ ބަޔަކު ފުލުހުންނަށް ހަމަލާ ދެނީ.

އާޖެންޓީނާ

އިގްތިސާދީ އިސްލާހީ ބަދަލުތަކާ ގުޅޭ ގޮތުން އާޖެންޓީނާގައި ބޮޑެތި ހަމަނުޖެހުންތަކެއް

އާޖެންޓީނާގައި މިހާރު %300ގައި ހުރި އިންފްލޭޝަން ރޭޓު އަންނަނީ ހުއްޓުމެއް ނެތި މައްޗަށް އަރަމުން

އާޖެންޓީނާގެ ރައީސް ހާވިއޭ މިލޭ ގާނޫނު ހަދާ މަޖިލީހަށް ހުށައަޅުއްވާފައިވާ އިގްތިސާދީ އިސްލާހީ ބަދަލުތަކާ ބެހޭ ބިލާ ގުޅިގެން ވެރިރަށް ބުއެނޯސް އެއިރޭސްގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.

ސަރުކާރުގެ ގިނަ ހަރަދުތަކެއް މަދުކުރުމަށް ހުށައަޅާފައިވާ ބިލާ ދެކޮޅަށް މުޒާހަރާކުރުމަށް އެތައް ހާސް ބަޔަކު އިއްޔެ އެއްވެފައި ވަނީ ގާނޫނު ހަދާ މަޖިލީސް ދޮށަށެވެ. މި އެއްވުން ހެނދުނު ފެށުނީ ސުލްހަވެރިކޮށް ކަމުގައި ވީ ނަމަވެސް ރައީސް މިލޭގެ ބިލަށް މަޖިލީހުގައި ބަހުސްކުރަމުން ދިޔަ ވަރަކަށް އެއްވެފައި ތިބި މީހުންގެ ނުތަނަވަސްކަން ވަނީ އިތުރު ވެގެން ގޮސްފަ އެވެ.

އަދި މުޒާހަރާ ކުރާ މީހުން އެ ސަރަހައްދުން ދުރުކުރުމަށް ރައަޓް ގިއަރުގައި ތިބި ފުލުހުން ވަނީ ހަރަކާތްތެރި ވެފަ އެވެ.

ލޯކަލް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާންމުންނާ އެކު މުޒާހަރާ ކުރަމުން ދިޔަ އިދިކޮޅު މަޖިލީސް މެމްބަރުންނަށް ކަރުނަ ގޭހުގެ އަސަރުކޮށްގެން ކައިރި ހޮސްޕިޓަލްތަކަށް ވެސް ވަނީ ގެންދެވިފަ އެވެ.

"މިއީ އާޖެންޓީނާގެ ޑިމޮކްރަސީ އަށް ހިތާމަވެރި ދުވަހެއް،" އިދިކޮޅު ރަމްޒުކޮށްދޭ ޔޫނިއަން ފޮ ދަ ހޯމްލޭންޑް ޕާޓީގެ ސޯޝަލް މީޑިއާ އެކައުންޓުގައި ޕޯސްޓުކޮށްފައިވެ އެވެ.

އާޖެންޓީނާ ސަރުކާރުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ގާއުކާއި ލަޓިބުރި ފަދަ ތަކެތި ބޭނުން ކުރުމުގެ ސަބަބުން 18 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މި ހަމަނުޖެހުންތަކުގައި ރޭޑިއޯ ސްޓޭޝަނެއްގެ ކާރެއްގައި ވެސް ރޯކޮށްލާފައިވެ އެވެ.

ބުއެނޯސް އެއިރޭސްގެ ޖަސްޓިސް އަދި ސެކިއުރިޓީއާ ބެހޭ ވަޒީރު ވޯލްޑޯ ވުލްފް ވިދާޅުވި ގޮތުގައި، މުޒާހަރާ ކުރި އެކަކު އަތުން ބޮމެއް ވެސް ވަނީ ހޯދިފަ އެވެ.

"އެއްވުންތައް ހަމަނުޖެހުމަކަށް ބަދަލުކުރުމުގެ ވައްޓަފާޅި ނިމުމަކަށް މިވަނީ އައިސްފައި،" ވުލްފް ސޯޝަލް މީޑިއާ އެކްސްގައި ލިޔުއްވާފައިވެ އެވެ. އަދި ކާރުތަކާއި ކުނިވަށިތައް ފަދަ އެއްޗެހީގައި ހުޅުޖެހި މީހުންގެ ފޮޓޯތައް އަދުލު އިންސާފާ ބެހޭ އޮފީސްތަކަށް ފޮނުވާ ފިޔަވަޅު އަޅާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިއްޔެގެ މުޒާހަރާތަކަކީ ސަރުކާރު ވައްޓާލަން ހިންގި ހަރަކާތްތަކެއް ކަމަށް ވެސް ރައީސް މިލޭގެ ސަރުކާރުން ވަނީ ތުހުމަތުކޮށްފަ އެވެ.

އާޖެންޓީނާގައި އިއްޔެ އޮތް ހަމަނުޖެހުންތަކާ ގުޅޭ (ވީޑިއޯ/ބްލޫމްބާގް ޓެލެވިޝަން)

މި ހަމަނުޖެހުންތަކުގެ ފަހަތުގައިވާ ރައީސް މިލޭ މަޖިލީހަށް ފޮނުއްވާފައިވާ ބިލުގައި ހުށައަޅުއްވާފައި ވަނީ ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓް ކުރުމަށާއި އިގްތިސާދު ކޮޅަށް ޖެހުމަށް ރައީސް އަށް ބޮޑެތި ބާރުތަކެއް ދިނުމެވެ.

އާޖެންޓީނާގައި މިހާރު %300ގައި ހުރި އިންފްލޭޝަން ރޭޓު އަންނަނީ ހުއްޓުމެއް ނެތި މައްޗަށް އަރަމުން ނެވެ. އަދި އާންމުންގެ ހަރަދުތައް ބޮޑުވެ ފަގީރުކަން އަންނަނީ އިތުރުވަމުން ނެވެ.

މަޖިިލީހަށް ވައްދާފައިވާ އިސްލާހީ އެޖެންޑާގެ ސަބަބުން އިންފްލޭޝަން ދަށަށް ގެނެސް ބޭރު ގައުމުތަކަށް ދައްކަން ހުރި ފައިސާ ކޮންޓްރޯލު ކުރެވޭނެކަމަށް ރައީސް މިލޭ ވިދާޅުވެ އެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަނީ މި ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދީ ހާލަތު އިތުރަށް ގޯސްވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް