ރެކްރޫޓުން އޮސްޓްރޭލިއާގެ ރައްޔިތުކަން އަވަހަށް ހޯދޭނެ މަގެއް ހުޅުވާލާނެ.
އޮސްޓްރޭލިއާ އަސްކަރިއްޔާއަށް 4 ގައުމަކުން މީހުން ރެކްރޫޓް ކުރަނީ
އިނގިރޭސިވިލާތް ހިމެނޭ ގޮތަށް ތަފާތު ހަތަރު ގައުމެއްގެ މީހުންނަށް އޮސްޓްރޭލިއާގެ އަސްކަރިއްޔާއާ ގުޅެވޭނެ ފުރުސަތު ދަ އޮސްޓްރޭލިއަން ޑިފެންސް ފޯސް (އޭޑީއެފް) އިން ހުޅުވާލައިފި އެވެ.
ޕެސިފިކް ކަނޑުގެ ސަރަހައްދުގައި އިތުރުވަމުން އަންނަ ގޮންޖެހުންތަކާ އެކު އަސްކަރީ ބާރު ވަރުގަދަ ކުރުމަށް އޮސްޓްރޭލިއާ އިން މަސައްކަތް ކުރަމުން އަންނަ ނަމަވެސް އޭޑީއެފްއާ އަލަށް ގުޅެމުން އަންނަ މީހުންގެ އަދަދު އަންނަނީ ދަށްވަމުން ނެވެ.
މިއާ އެކު އަންނަ މަހުން ފެށިގެން އޮސްޓްރޭލިއާގައި ތިބި ނިއު ޒީލެންޑްގެ ދާއިމީ ރައްޔިތުން އަދި އަންނަ ޖަނަވަރީއިން ފެށިގެން އޮސްޓްރޭލިއާގައި ތިބި އިނގިރޭސިވިލާތް، އެމެރިކާ އަދި ކެނެޑާގެ ދާއިމީ ރައްޔިތުން އަސްކަރިއްޔާއާ ގުޅުމުގެ ފުރުސަތު ވަނީ އޭޑީއެފް އިން ވަނީ ހުޅުވާލާފަ އެވެ.
ދިފާއީ ވަޒީރު ރިޗަޑް މާލްސް ވިދާޅުވި ގޮތުގައި، އަސްކަރިއްޔާއާ ގުޅެވޭ ޝަރުތުތަކަަށް ބަދަލު ގެންނެވީ "ކުރިއަށް އޮތް 10 އަހަރާއި އޭގެ ފަހަށް ވެސް އަންނަން ހުރި ގައުމީ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށެވެ."
ފުރަތަމަ ބޮޑު ހަނގުރާމައިގައި އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑުން އެކުގައި ދުޝްމަނުންނާ ހަނގުރާމަ ކުރި ގާލިޕޮލި ހަމަނުޖެހުމަށް އިޝާރާތް ކުރައްވާ މާލްސް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ޒަމާންވީ "އެންޒެކް" ގުޅުމެއް އޮތް ކަމަށެވެ.
އަދި އިންޑޯ-ޕެސިފިކް ސަރަހައްދުގައި ޗައިނާއިން ފުޅާކުރަމުން އަންނަ އަސްކަރީ ނުފޫޒާ ގުޅިގެން އޮސްޓްރޭލިއާ އިން ވަނީ އެމެރިކާ އާއި އިނގިރޭސިވިލާތާ އެކު 2021 އޯކަސް އަސްކަރީ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.
ބެއިޖިންގްގެ ހަރަކާތްތަކާ ގުޅިގެން ކެންބެރާއިން ތަކުރާރުކޮށް ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ. އަދި އޭޑީއެފް އިން މިދިޔަ އަހަރު ނެރުނު ރިވިއުއެއްގައި ޗައިނާގެ ނުފޫޒާ ވާދަކުރުމަށް ހުނަރުވެރި މަސައްކަތްތެރިން އުފައްދާ ދަމަހައްޓަން ޖެހޭ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
ނަމަވެސް އޮސްޓްރޭލިއާގައި ވަޒީފާ ނެތް މީހުން ނިސްބަތް ވަރަށް މަދުވުމުން އޭޑީއެފް އަށް އާ ރެކްރޫޓުން ހޯދަން ވަރަށް އުނދަގޫ ކަމަށް ދިފާއީ ވުޒާރާގެ މުވައްޒަފުންނާ ބެހޭ ވަޒީރު މެޓް ކިއޯގް ވަނީ ވިދާޅުވަ އެވެ. ސަރުކާރުގެ ބައެއް ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ވެސް އޭޑީއެފް އަށް 5،000 މީހުން އޮތީ ބޭނުންވެފަ އެވެ.
މިގޮތަށް އަލަށް ރެކްރޫޓު ކުރާ ބޭރު ގައުމުތަކުގެ މީހުން 90 ދުވަހު ވަޒީފާއަށް ނުކުތުމުން އޮސްޓްރޭލިއާގެ ރައްޔިތުކަމަށް އެދުމުގެ ފުރުސަތު ވެސް ހުޅުވާލާނެކަމަށް ކިއޯގް ވިދާޅުވި އެވެ.