މި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން އަޔަލެންޑް ޕާލިމަންޓް ބޭރުގައި ފަލަސްތީނުގެ ދިދަ ވަނީ ނަގާފައި.
ސްޕެއިން، ނޯވޭ އަދި އަޔަލެންޑުން ފަލަސްތީނުގެ ދައުލަތް ބަލައިގެންފި
މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް ސިޔާސީ ހައްލެއް ހޯދުމުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޔޫރަޕުގެ ސްޕެއިން، އަޔަލެންޑް އަދި ނޯވޭއިން ފަލަސްތީނުގެ ދައުލަތް ބަލައިގެންފި އެވެ.
ޔޫރަޕުގެ އެެހެން ގައުމުތަކުން ވެސް މިގޮތަށް އަމަލުކޮށް، ގާޒާގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލައި ހަމާސް އިން ރަހީނުކޮށްފައި ތިބި މީހުން މިނިވަން ކުރެވޭނޭ ކަމަށް މި ތިން ގައުމުން އުއްމީދު ކުރެ އެވެ.
ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށް މި ތިން ގައުމުން ނިންމުމުން އިޒްރޭލުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް މިއީ ޓެރަރިޒަމަށް ހިތްވަރު ދިނުން ކަމަށް ބުނެފަ އެވެ. އަދި އިޒްރޭލުގައި ތިބި މި ތިން ގައުމުގެ ސަފީރުން ހާރިޖީ ވުޒާރާއަށް ހާޒިރުކޮށް، 7 އޮކްޓޯބަރުގައި ހަމާސް އިން ދިން ހަމަލާތަކުގެ ވީޑިއޯތައް ދައްކާ، މި ތިން ގައުމަށް ކަނޑައަޅާފައި ތިއްބެވި ސަފީރުން އިޒްރޭލުން ވަނީ އަނބުރާ ގައުމަށް ގެންގޮސްފަ އެވެ.
ތިން ގައުމުން ފަލަސްތީން ބަލައިގަތުމާ އެކު ބައިނަލްއަގްވާމީ މުޖުތަމައުއިން އިޒްރޭލަށް ކުރަމުން އަންނަ ޑިޕްލޮމެޓިކް ޕްރެޝަރު އިތުރަށް ބޮޑު ވެ އެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ދެކުނު ގާޒާގައި ހިންގަމުންދާ ޖަރީމާތައް ހުއްޓާލުމަށް އަމުރުކޮށް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަނގުރާމައިގެ ކުށްތައް ކުރައްވަމުން ގެންދަވާކަމަށް ބައިނަލްއަގްވާމީ ދެ ކޯޓަކުން ވަނީ ތުހުމަތުކޮށްފަ އެވެ.
ހުޅަނގުގެ ބައެއް ގައުމުތަކުން ވަނީ ހުޅަނގު އައްސޭރީގައި ތިބި ހަމަނުޖެހުން ހިންގާ އިޒްރޭލުގެ ބައެއް މީހުންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ.
ފަލަސްތީން ދައުލަތް މިއަދު ރަސްމީކޮށް ބަލައިގަތް ތިން ގައުމުން ވެސް އެ ދައުލަތް ބަލައިގެންފައި ވަނީ 1967 ވަނަ އަހަރު ކުރަހާފައިވާ ބޯޑަރުތަކުގެ މައްޗަށް ކަމަށް ވަނީ ބުނެފަ އެވެ. އެ ޗާޓުގައިވާ ގޮތުން ގުދުސް އަކީ ފަލަސްތީނު އަދި އިޒްރޭލުގެ ވެސް ވެރިރަށެވެ.
އަޔަލެންޑްގެ ނިންމުމާ ބެހޭގޮތުން އެ ގައުމުގެ ބޮޑުވަޒީރު ސައިމަން ހެރިސް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމަށް އެހީތެރިވެދީފާނެ ހުރިހާ ކަމެއް ޔޫރަޕުގެ ގައުމުތަކުން ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ނޯވޭގެ ބޮޑުވަޒީރު ބާތު އެއިޑެން ވިދާޅުވީ މިއީ "ނޯވޭ-ފަލަސްތީން ގުޅުމުގައި ވަރަށް ހާއްސަ ދުވަހެއް" ކަމަށެވެ.
އަދި ސްޕެއިންގެ ބޮޑުވަޒީރު ވިދާޅުވީ މިއީ "ހަމައެކަނި ތާރީހީ އިންސާފާ ގުޅިފައިވާ ކަމެއް އެކަނި" ނޫން ކަމަށާއި "ސުލްހަ ގާއިމް ކުރުމަށް ކޮންމެހެން މަޖުބޫރު ކަމެއް" ކަމަށެވެ.