މިއަދު ޑަބްލިން އެއާޕޯޓުގައި އެމަޖެންސީ ސާވިސަސް އިން ވަނީ އެ މަތިންދާ ބޯޓާ ބައްދަލުކޮށްފައި

ގަތަރު

ކޮޅިގަނޑެއްގައި ޖެހި ގަތަރު އެއާވޭސްގެ 12 މީހަކަށް އަނިޔާވެއްޖެ

މި ހާދިސާ ހިނގާފައި މިވަނީ ސިންގަޕޫރަށް ދަތުރުކުރި ފްލައިޓެއް ކޮޅިގަނޑެއްގައި ޖެހި އުމުރުން 73 އަހަރުގެ އިނގިރޭސި ފިރިހެނަކު މަރުވިތާ ހަފުތާއެއް ނުވަނީސް
26 މޭ 2024

ގަތަރުގެ ދޯހާއިން އަޔަލޭންޑްގެ ޑަބްލިންއަށް ދަތުރުކުރި ގަތަރު އެއާވޭސްގެ ފްލައިޓެއް މިއަދު ކޮޅިގަނޑެއްގައި ޖެހި ހިނގި ހާދިސާއެއްގައި 12 މީހަކަށް އަނިޔާވެއްޖެ އެވެ.

ޑަބްލިން އެއާޕޯޓުގެ އޮޕަރޭޓަރު، ޑީއޭއޭ އިން ބުނީ ބޮއިން 787-9 ޑްރީމްލައިނާ އަށް ކޮޅިގަނޑާ ދިމާވީ ތުރުކީ ވިލާތުގެ މަތިން ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ.

ގަތަރު އެއާވޭސްގެ ފްލައިޓް ކިއުއާރު017 ޑަބްލިންއަށް އެ ގައުމުގެ ގަޑިން މެންދުރު 13:00 ޖެހުމުގެ ކުޑައިރުކޮޅެއް ކުރިން ޖެއްސުމާ އެކު އެއާޕޯޓް ފުލުހުންނާއި އެމްބިއުލާންސް އަދި ފަޔާ އޮފިސަރުން ހިމެނޭ ގޮތަށް އެމަޖެންސީ ސާވިސަސް އިން ވަނީ ބައްދަލުކޮށްފަ އެވެ.

އެ ހާދިސާގައި ހަ ފަސިންޖަރަކާއި ހަ ފަޅުވެރިއަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

"ޑަބްލިން އެއާޕޯޓުގެ ޓީމުން ދަނީ ފަސިންޖަރުންނާއި އެއާލައިންގެ މުވައްޒަފުންނަށް އެއާޕޯޓްގައި ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެމުން،" ޑީއޭއޭގެ ތަރުޖަމާން ވިދާޅުވި އެވެ.

އެ ހާދިސާއާ ގުޅިގެން އެއާޕޯޓްގެ އޮޕަރޭޝަނަކަށް ބުރުލެއް ނާރަ އެވެ.

ނޭޝަނަލް އެމްބިއުލާންސް ސާވިސް އިން ބުނީ އެއާޕޯޓަށް ދިއުމަށް އެޑްވާންސްކޮށް އެލާޓް ލިބިފައިވާ ކަމަށާއި މިހާރު އެ މީހުން މަސައްކަތް ކުރަމުން ދަނީ ފަސިންޖަރުން ބޯޓުން ބޭލުމަށް މަގުފަހިކޮށް ދިނުމަށާއި އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

ގަތަރު އެއާވޭސް އިން ބީބީސީ ނިއުސް އަށް ދިން ބަޔާނެއްގައި ބުނީ ފްލައިޓުގެ މަދު އަދަދެއްގެ ފަސިންޖަރުންނާއި ފަޅުވެރިންނަށް ކުދި ކުދި އަނިޔާތައް ލިބިފައިވާ ކަމަށާއި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް އެ އާލައިނުން ބުންޏެވެ.

މި ހާދިސާ ހިނގާފައި މިވަނީ ސިންގަޕޫރަށް ދަތުރުކުރި ފްލައިޓެއް ކޮޅިގަނޑެއްގައި ޖެހި އުމުރުން 73 އަހަރުގެ އިނގިރޭސި ފިރިހެނަކު މަރުވިތާ ހަފުތާއެއް ނުވަނީހެވެ.

އެ ހާދިސާގައި 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ އިރު އޭގެ ތެރެއިން ވިއްސަކަށް މީހަކަށް ވަނީ މައިބަދައިގެ އަނިޔާތަކެއްވެ، އައިސީޔޫގައި ފަރުވާ ދެމުންނެވެ.

ކުއްލިއަކަށް ދިމާވި ހާދިސާއާ ގުޅިގެން ސިންގަޕޫރު އެއާލައިންސްގެ ސީއީއޯ ގޯހް ޗޫން ފޮންގް ވަނީ އަނިޔާ ލިބުނު މީހުންގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ. 

އެ ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ފުރިހަމަ ތަހުގީގެއް ކުރާނެ ކަމުގެ ޔަގީންކަން ސިންގަޕޫރު ސަރުކާރުން ވަނީ ދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް