އެމެރިކާގެ ރައީސް ޖޯ ބައިޑަން.
އައިސީސީގެ އަމުރުތަކާ ގުޅިގެން ބައިޑަން އިޒްރޭލް ދިފާއު ކުރައްވައިފި
އދ.ގެ އެންމެ މަތީ ކޯޓުން އިޒްރޭލުގެ މައްޗަށް ހިންގަމުން އަންނަ ހަނގުރާމައިގެ ކުށްތައް ހިންގުމުގެ މައްސަލައާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން އިޒްރޭލް ދިފާއު ކުރައްވައިފި އެވެ.
ބަައިޑަން އިޒްރޭލް ދިފާއު ކުރައްވައި ވާހަކަ ދެއްކެވީ ގާޒާ ހަނގުރާމައިގައި އިޒްރޭލުން ހަނގުރާމައިގެ ކުށްތައް ހިންގާފައިވާ ކަމުގެ ތުހުމަތުގައި އިޒްރޭލުގެ ބޮޑުވަޒީރާއި ދިފާއީ ވަޒީރު ހައްޔަރު ކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)ގެ ޗީފް ޕްރޮސެކިއުޓަރު ގޮވާލެއްވުމާ ގުޅިގެން ނެވެ.
"އަހަރެން ވަރަށް ސާފުކޮށް ބުނަން، އިޒްރޭލުގެ ލީޑަރުން ހައްޔަރު ކުރުމަށް އައިސީސީއިން ހުށައަޅާފައިވާ ހުށައެޅުން އަހަރުމެން ބަލައެއް ނުގަންނަން،" ވައިޓް ހައުސްގައި ހުންނަވާ އިއްޔެ ބައިޑަން ވިދާޅުވެފައިވެ އެވެ.
"އިޒްރޭލާއި ހަމާސް ހަމަހަމަ ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް،" ބައިޑަން ވިދާޅުވި އެވެ. އިޒްރޭލާއި ހަމާސްގެ ލީޑަރުން ހައްޔަރު ކުރުމަށް އައިސީސީ އިން ކުރަމުން އަންނަ މަސައްކަތްތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައި ބައިޑަން ވަނީ އިއްޔެ ބަޔާނެއް ވެސް ނެރުއްވައިފަ އެވެ.
އަނެއްކޮޅުން ބަލާއިރު އިޒްރޭލުން ގަތުލުއާންމެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް ސައުތު އެފްރިކާއިން ހުށައަޅާފައިވާ މައްސަލައެއް އަންނަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ވެސް ހިނގަމުން ނެވެ.
ބައިޑަން ވިދާޅުވީ އިޒްރޭލުން ގާޒާގައި ގަތުލު އާންމެއް ނުހިންގާ ކަމަށެވެ.
"އިޒްރޭލާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ހިނގަމުން އަންނަ ތުހުމަތުތަކާ ހިލާފަށް ގާޒާގައި ހިނގަމުން އަންނަނީ ގަތުލުއާންމެއް ނޫން. އަހަރުމެން އެކަން ބަލައެއް ނުގަންނަން،" ތަގްރީރުގައި ބައިޑަން ވިދާޅުވި އެވެ.
ގާޒާގައި ގަތުލުއާންމެއް ހިނގަމުން ދާ ކަމުގެ ފުރުސަތު އޮތް ކަމަށް ކަނޑައަޅައި އިޒްރޭލުން ވަކި ފިޔަވަޅުތަކެއް އެޅުމަށް އައިސީޖޭ އިން ވަނީ ޖަނަވަރީ މަހު އަމުރުކޮށްފަ އެވެ.
ވައިޓް ހައުސްގައި އިއްޔެ ބޭއްވި ޔަހޫދީންނާ ބެހޭ އިވެންޓެއްގައި ބައިޑަން އިޒްރޭލު ދިފާއުކޮށް ދެއްކެވި ވާހަކަތަަކަށް އަޑުއަހަން ތިބި މީހުންގެ ތާއީދު ލިބުނު ކަމުގައިވީ ނަމަވެސް އެމެރިކާގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނަށް ތާއީދުކޮށް ގިނަ ހަރަކާތްތަކެއް އަންނަނީ ހިނގަމުން ނެވެ. އަދި ބައެއް ފަރާތްތަކުން ބައިޑަން އަށް "ޖެނޮސައިޑް ޖޯ"ގެ ނަން އަންނަނީ ހަރުކުރަމުން ނެވެ.
އިޒްރޭލުގެ ދެ ލީޑަރުންގެ އިތުރުން ހަމާސްގެ ތިން ލީޑަރެއް ވެސް ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް އައިސީސީގެ ޕްރޮސެކިއުޓަރު ކަރީމް ހާން ވަނީ ހުށައަޅުއްވާފަ އެވެ. މި ތުހުމަތުތައް އުފުލާފައި ވަނީ ހުށައަޅާފައިވާ ހެކިތައް މާހިރުންގެ ޕެނަލަކުން ބަލާ ދިރާސާ ކުރުމަށް ފަހު އެވެ.