އިންޑިއާގައި ނަރުހަކު ކޮވިޑް ވެކްސިން ޖަހަނީ:

ކޮވިޑް-19

އެސްޓްރާ ޒެނެކާގެ ކޮވިޑް 19ގެ ވެކްސިން ބާޒާރުން ނަގަން ނިންމައިފި

8 މޭ 2024

އެސްޓްރާޒެނެކާ އިން ކޮވިޑް-19 އިން ދިފާއުވުމަށް އުފެއްދި ވެކްސިން މުޅި ދުނިޔޭގެ ބާޒާރުން ނެގުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފި އެވެ. އެ ކުންފުނިން ބުނީ ވެކުސިން ބާޒާރުން ނަގަން ނިންމީ ޕެންޑަމިކަށް ފަހު ލިބެން ހުރި އަޕްޑޭޓް ކޮށްފައިވާ ވެކްސިންތަކުގެ މިންވަރު ގިނަވެފައިވުމުގެ ސަބަބުން ކަމަށެވެ.

އެ ކުންފުނިން ބުނީ ޔޫރަޕްގައި ވެކްސިން ވެކްސްޒެވްރިއާގެ މާކެޓިން ހުއްދަތައް އަނބުރާ ގެންދިއުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

"ވަރަށް ގިނަ ވޭރިއަންޓް ކޮވިޑް-19 ވެކްސިން މިހާރު އުފައްދާފައި ހުރި އިރު، މިހާރު ލިބެން ހުރި އަޕްޑޭޓް ކޮށްފައިވާ ވެކްސިންތަކުގެ ނިސްބަތް އިތުރުވާ ވަރަށް ވެސް އެބަހުރި،" އެކަމުގެ ސަބަބުން މިހާރު އުފައްދައި ސަޕްލައި ނުކުރާ ވެކްސްޒެވްރިއާގެ ޑިމާންޑް ދަށްވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. 

މީޑިއާތަކުން ބުނި ގޮތުގައި، އެންގްލޯ-ސްވިޑެންގެ ބޭސް އުފައްދާ ކުންފުނިން މީގެ ކުރިން ވަނީ މި ވެކްސިންގެ ސަބަބުން ލޭ ގަނޑުވުމާއި ލޭގެ ޕްލެޓްލެޓް ކައުންޓް ދަށްވުން ފަދަ ސައިޑް އިފެކްޓްތައް ކުރިމަތިވާ ކަމަށް ކޯޓުގައި ލިޔެކިއުންތަކުން އިއުތިރާފުވެފަ އެވެ.

ވެކްސިން ބާޒާރުން ނެގުމަށް އެ ކުންފުނިން އެދި ހުށަހަޅާފައިވަނީ މާޗް މަހުގެ 5 ވަނަ ދުވަހު ކަމަށާއި އެ ކަމަށް އަމަލުކުރަން ފަށާފައިވަނީ އިއްޔެ ކަމަށް އެންމެ ފުރަތަމަ ރިޕޯޓްކުރި ޓެލެގްރާފުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް