ޔުނިވާސިޓީ އޮފް ސަދަން ކެލިފޯނިއާގައި ފަލަސްތީނަށް ތާއީދުކޮށް އަޑުއުފުލަމުން ދިޔަ ކޭމްޕު ފުލުހުން ވަށާލާފައި.

އެމެރިކާ

ފަލަސްތީނަށް ތާއީދުކުރަމުން ދިޔަ ޔުނިވާސިޓީ ކޭމްޕެއް އެމެރިކާ ފުލުހުން ރޫޅާލައިފި

ޔުނިވާސިޓީ އޮފް ސަދަން ކެލިފޯނިއާ (ޔޫއެސްސީ)ގައި ފަލަސްތީނަށް ތާއީދުކޮށް އަޑުއުފުލަމުން ދިޔަ ކޭމްޕެއް އެމެރިކާގެ ލޮސް އެންޖެލީސްގެ ފުލުހުން ރޫޅާލައިފި އެވެ.

ސީބީއެސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ކޭމްޕު ދޫކޮށް ނުދާ ފަރާތްތައް ހައްޔަރު ކޮށްފާނެ ކަމަށް ޔޫއެސްސީ އިން އިންޒާރު ދީފައި ވަނިކޮށް ރަޔަޓް ގިއަރުގައި ތިބި ފުލުހުން އެ ޔުނިވާސިޓީއަށް ގޮސްފައި ވަނީ އާދިއްތަ ދުވަހު ހެނދުނު އެވެ.

ފުލުހުން މި ކޭމްޕު ރޫޅާލި އިރު އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އަދި މިހާ "ރައްކާތެރި އަދި ސުލްހަވެރިކަމާ އެކު" މި ކޭމްޕު ރޫޅާލީތީވެ ޔޫއެސްސީގެ ރައީސާ ކެރޯލް ފޮލްޓް ވަނީ ޔުނިވާސިޓީގެ ސެކިއުރިޓީންނަށާއި ފުލުހުންނަށް ޝުކުރު އަދާކޮށްފަ އެވެ.

އެމެރިކާގެ ޔުނިވާސިޓީތަކުގައި ފަލަސްތީނަށް ތާއީދުކޮށް ގިނަ އެއްވުންތަކެއް ބާއްވަމުން ދާތާ ހަފްތާތަކެއް ވެފައި ވާއިރު، ކުރިއަށް ހުރި ޔުނިވާސިޓީ ގްރެޖުއޭޝަންތަކުގައި މިފަދަ ހަރަކާތްތަކެއް ހިންގަފާނެކަމަށް އެމެރިކާގެ ޔުނިވާސިޓީތަކުން އަންނަނީ ތައްޔާރުވަމުން ނެވެ.

ޔޫއެސްސީ ސްޓޫޑަންޓް ޖާނަލިސްޓެއް ކަމުގައިވާ ޒެއިން ހާން ބުނީ، ސީބީއެސްގެ ކޭމްޕުގައި 100 ވަރަކަށް މީހުން ބައިވެރިވަމުން ދިޔަ ކަމަށާއި އެ ކޭމްޕު ހުސްކުރީ ފުލުހުންނާއި ޔުނިވާސިޓީގެ ސެކިއުރިޓީ ޓީމުން ކަމަށެވެ.

"އޭގެ ތެރެއިން ގިނަ މީހުން ސުލްހަވެރިކަމާ އެކު ނުކުމެގެން ދިޔައީ. އޭގެ ބައެއް މީހުން  ގޮވުންތައް ވެސް ގޮވަމުން ދިޔަ،" އޭނާ ބުންޏެވެ.

ޔޫއެސްސީގެ ކެމްޕަސް ސައްހަ އައިޑީ ކާޑެއް އޮތް ދަރިވަރުންނަށާއި ފެކަލްޓީ މެމްބަރުންނަށާއި އަދި މުވައްޒަފުންނަށް ހުޅުވާފައިވާ ކަމަށާއި ނަމަވެއް ޓެންޓާއި އެފަދަ އިކުއިޕްމަންޓުތައް ވެއްދުން މަނާކަމަށް އެ ޔުނިވާސިޓީއިން ވަނީ ފަހުން ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފަ އެވެ.

ޔުނިވާސިޓީގެ ރައީސާ ފޮލްޓް އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިކަމާ ފިޔަވަޅު އަޅަން ޖެހުނީ އިމްތިހާނުތަކަށް ހުރަސް އެޅި، ކޮމެންސްމަންޓް ސެރަމަނީތަކަށް ހުރަސް އެޅި، މިކަމާ ގުޅިގެން އުފެދިފައި އޮތް ހާލަތު "ނުރައްކާތެރި ދިމާލަކަށް" މިސްރާބު ޖަހާފައި ވާތީ އެވެ.

ޔޫއެސްސީގައި ފަލަސްތީނަށް ތާއީދުކޮށް ބާއްވަމުން ދިޔަ މިފަދަ ކޭމްޕެއް މީގެ ދެ ހަފްތާ ކުރިން ރޫޅާލި އިރު ފުލުހުންނާ ދަރިވަރުންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާ 93 މީހަކު ހައްޔަރު ކުރެވުނެވެ.

ފަލަސްތީނަށް ތާއީދު ކުރާ ފަރާތްތަކާ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގި ޔުނިވާސިޓީތަކުގެ ތެރޭގައި ޔޫއެސްސީ ހިމެނޭ.

ގާޒާ ހަނގުރާމައާ ގުޅިގެން އެމެރިކާގެ ގިނަ ޔުނިވާސިޓީތަކެއްގައި ގިނަ ދަރިވަރުންތަކެއް އަންނަނީ އަޑު އުފުލާ ކޭމްޕުތައް ޖަހަމުން ނެވެ. އަދި މިފަދަ ކޭމްޕުތަކުގައި އިޒްރޭލާ ފަލަސްތީން އަށް ތާއީދު ކުރާ ފަރާތްތަކުގެ މެދުގައި ބޮޑެތި ހަމަނުޖެހުންތައް ވެސް އަންނަނީ ހިނގަމުން ނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް