ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓްގެ ފްލައިޓް ކަނެކްޝަން ޑެސްކުގައި ފަސިންޖަރުން ކިއޫ ޖެހިފައި.
ފެންބޮޑުވުމަށް ފަހު ދުބާއީ އެއާޕޯޓްގެ ހުރިހާ ދަތުރުތަކެއް އަލުން ފަށައިފި
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށާއި އަވަށްޓެރި ގައުމުތަކަށް މިދިޔަ އަންގާރަ ދުވަހު ކުރި ބޯ ވިއްސާރައާ ގުޅިގެން ހުއްޓުމަކަށް އައި ދުބާއީ އެއާޕޯޓުގެ ދަތުރުތައް އަލުން އެއްކޮށް ފައްޓާފައިވާ ކަމަށް ޔޫއޭއީގެ މައި އެއާލައިނުތަކުން ބުނެފި އެވެ.
އަންގާރަ ދުވަހު ޔޫއޭއީއަށް އެރި ތޫފާނާ އެކު އެއާޕޯޓުގެ ޓެކްސީވޭތަކުގައި ފެންބޮޑުވެ، ބޯޓުތަކަށް ރަންވޭއަށް ދެވޭނެ ގޮތެއް ނެތި ދަތުރުތައް ހުއްޓުމަކަށް އަ އެވެ.
އެމިރޭޓްސް އާއި ފްލައިދުބާއީ އެއާލައިނުން އިއްޔެ ބުނި ގޮތުގައި ފަސިންޖަރުންގެ ބެކްލޮގެއް އުޅުނު ނަމަވެސް ހުރިހާ އޮޕަރޭޝަންތަކެއް ވަނީ އާންމު ހާލަތަކަށް ގެނެވިފަ އެވެ. އަދި މިވަގުތު އިސްކަން ދޭނީ ދަތުރަށް ބުރޫއަރާފައިވާ ފަސިންޖަރުންގެ ކަންކަން ހައްލުކުރުމަށް ކަމަށް އެއާލައިނުތަކުން ވަނީ ބުނެފަ އެވެ.
މި ހާދިސާއާ ގުޅިގެން ކަންކަން ކުރެވުނީ އެންމެ ރަނގަޅަކަށް ނޫން ކަމަށް އެމިރޭޓްސްގެ ވެރިޔާ ވަނީ ވިދާޅުވެފަ އެވެ.
"އެއާޕޯޓުގެ ޓްރާންސިޓް އޭރިއާގައި ކުރިން ތާށިވި ފަސިންޖަރުން މިހާރު ވަނީ ފްލައިޓުތަކުގައި އެމީހުންގެ މަންޒިލްތަކަށް ފުރުވާލެވިފައި،" އެމިރޭޓްސްގެ ރައީސް ސާ ޓިމް ކްލާކް ވިދާޅުވި އެވެ.
އެމިރޭޓްސް ވެބްސައިޓުގައި އިއްޔެ ޝާއިއުކޮށްފައިވާ ލިޔުމެއްގައި އާންމު ދަތުރުތައް ފަށާފައިވާކަން އިއުލާނުކޮށްފައި ވެ އެވެ. ނަމަވެސް ފަސިންޖަރުންގެ ބެކްލޮގް ހުސްކުރަން ދުވަސްކޮޅެއް ނަގާނެ ކަމަށާއި ތާށިވެފައިވާ 30،000 ލަގެޖު ވަކިކޮށް ފޮނުވާލުމަށް ޓާސްކުފޯހެއް ހަމަޖައްސާފައިވާ ކަމަށް ވެސް އެ ލިޔުމުގައި ވެ އެވެ.
"ކަސްޓަމަރުންގެ ކެތްތެރިކަމަށް އަހަރެމެން އެދެން،" ޓިމް ވިދާޅުވި އެވެ.
ދުބާއީ އެއާޕޯޓުގައި ތާށިވި ބައެއް ފަސިންޖަރުން ވަނީ ބީބީސީއަށް އެ މީހުންގެ ތަޖުރިބާ ކިޔައިދީފަ އެވެ. ސިޑްނީއިން ޑަބްލިންއަށް ކުރި ދަތުރެއްގައި އެއާޕޯޓުގައި ޓްރާންސިޓުވެ ތާށިވި އަޔަލެންޑުގެ ސާރާ ޖޭން ކާހިލް ބުނިގޮތުގައި މުޅި އެއާޕޯޓު ހީވީ "މީހުންގެ ފުރިފައި އޮތް ކަނޑެއް ހެން" ނެވެ.
"ގޮނޑިތަކާއި ސޯފާތަކާއި ފާހާތަކުގެ ބޭރުގައި ބިންމަތީގަ އާއި ކަރުދާސް ފޮށިގަނޑުތަކުގެ މަތީގައި މީހުން ތިބި،" އޭނާ ކިޔައިދީފައި ވެ އެވެ.
ފާއިތުވެދިޔަ ތިން ދުވަސް ތެރޭގައި އެމިރޭޓްސް އިން ވަނީ 400އާ ގާތް ކުރާ އަދަދަކަށް ފްލައިޓް ކެންސަލްކޮށް އެއަށް ވުރެ ގިނަ ފްލައިޓުތައް ޑިލޭކޮށްފަ އެވެ.