އެކުއެޑޯގެ ކުރީގެ ރައީސް ހޯހޭ ގްލާސް ހައްޔަރުކޮށް ބަހައްޓާފައި ހުރިކަމަށް ބެލެވޭ ތަން ކައިރީ ސިފައިން ފޯރިމަރަނީ.
އެމްބަސީއަށް ސިފައިން ވަދެގަތުމާ އެކު މެކްސިކޯއިން އެކުއެޑޯއާ ރަސްމީގުޅުންތައް ކަނޑާލައިފި
އެކުއެޑޯގެ ވެރިރަށް ކީޓޯގައި ހުންނަ މެކްސިކޯގެ އެމްބަސީއަށް ފުލުހުން ވަދެގަނެ އެކެއުޑޯގެ ކުރީގެ ނާއިބު ރައީސް ހައްޔަރުކުރުމާ ގުޅިގެން މެކްސިކޯއިން އެކުއެޑޯއާގެ ރަސްމީ ގުޅުންތައް މެދުކަނޑާލައިފި އެވެ.
ކޮރަޕްޝަންގެ ދެ ތުހުމަތެއް ސާބިތުވެފައިވާ ގްލާސް ސިޔާސީ ހިމާޔަތް ހޯއްދުމަށް މެކްސިކޯގެ އެމްބަސީއަށް ވަދެވަޑައިގެންނެވީ ޑިސެމްބަރު މަހު އެވެ.
އަދި މެކްސިކޯގެ ހާރިޖީ ވުޒާރާއިން ވަނީ ގްލާސް އަށް ސިޔާސީ ހިމާޔަތް ދޭން ނިންމާފައިވާކަން އިއްޔެ އިއުލާނުކޮށް، އެކުއެޑޯއިން ގްލާސް އަށް ނުކުމެވޭނެ "ރައްކާތެރި މަގެއް" ހަމަޖެއްސުމަށް އެކުއެޑޯ ސަރުކާރަށް ގޮވާލާފަ އެވެ.
ނަމަވެސް މީގެ ބަދަލުގައި އެކުއެޑޯ ސިފައިންގެ ހާއްސަަ ޓީމަކުން ވަނީ ހުކުރު ދުވަހުގެ ރޭ މެކްސިކޯ އެމްބަސީއަށް ވަދެގަނެ ގްލާސް ހައްޔަރުކޮށްފަ އެވެ.
"އެކުއެޑޯ އަކީ މިނިވަން އިސްތިގްލާލެއް އޮތް ގައުމެއް އަދި އެއްވެސް ކުށްވެރިއަކު ޖަވާބުދާރީ ނުކުރުވާ ބެހެއްޓުމަށް އަހަރުމެން ފުރުސަތެއް ނުދޭނަން،" މެކްސިކޯ އެމްބަސީއަށް ސިފައިން ވަދެގަތުމުގެ ކުޑައިރުކޮޅެއް ކުރިން އެކުއެޑޯގެ ރައީސް ލިޔުއްވާފައިވެ އެވެ.
އެކުއެޑޯގެ މި އަމަލު ކުށްވެރި ކުރައްވާ މެކްސިކޯގެ ރައީސް ސޯޝަލް މީޑިއާ އެކްސްގައި ވިދާޅުވީ މިއީ "ހުދުމުހުތާރު" އަދި "ބައިނަލްއަގްވާމީ ގާނޫނުތަކާއި މެކްސިކޯގެ އިސްތިގްލާލާ ވެސް ހިލާފު" އަމަލެއް ކަމަށެވެ.
ގާނޫނީ ހުކުމެއް އައިސްފައިވާ މީހަކަށް މެކްސިކޯއިން ސިޔާސީ ހިމާޔަތް ދިނުން އެކުއެޑޯގެ ރައްޔިތުންނަށް ފެނިގެން ދިޔައީ "އަދުލު އިންސާފަށް ފުރައްސާރަ ކުރުން" ފަދަ ކަމެއްގެ ގޮތުގައި ކަމަށް، މިކަމާ ބެހޭގޮތުން ވާހަކަދެއްކެވި ސިޔާސީ ކޮމެންޓޭޓަރު އަދި ވަކީލު އެޑްރިއަން ޕެރޭޒް ސަލަޒާ ވިދާޅުވި އެވެ. ހައްޔަރު ކުރެވުނު އެކުއެޑޯގެ ކުރީގެ ނާއިބު ރައީސް ގްލާސް އާއި މެކްސިކޯގެ މިހާރުގެ ރައީސް އަކީ އަރިސް ދެބޭފުޅުން ނެވެ.
"ނަމަވެސް ރައްޔިތުން މިކަމާ ނުރުހުން ވިޔަސް - އެންމެ ކުޑަމިނުން ބައިނަލްއަގްވާމި ގާނޫނުތަކުގެ ދަށުން ގަދަބާރުން އެމްބަސީއަކަށް ވަދެގަތުން ސައްހައެއް ނޫން،" އަލް ޖަޒީރާއަށް ސަލަޒާ ވިދާޅުވި އެވެ.
ގްލާސް ހައްޔަރުކުރުމަށް އެކުއެޑޯ ސިފައިން ހިންގި ހަރަކާތުގައި ބައެއް ޑިޕްލޮމެޓުންނަށް އަނިޔާވެފައިވާ ކަމަށާއި މިއީ ޑިޕްލޮމެޓިކް ގުޅުންތަކާ ބެހޭ ވިއެނާ ކޮންެވެންޝަން ގާނޫނާ ހިލާފު އަމަލެއް ކަމަށް މެކްސިކޯގެ ހާރިޖީ ވަޒީރު އެލީޝިއާ ބާސޭނާ ވަނީ އެކްސްގައި ވިދާޅުވެފަ އެވެ.
އަދި މެކްސިކޯގެ ހުރިހާ ޑިޕްލޮމެޓުން "ވަގުތުން" އެކުއެޑޯއިން ނުކުންނާނެ ކަމަށާއި އެކުއެޑޯއިން ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވި މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށައަޅާނެކަމަށް ވެސް ބާސޭނާ ވިދާޅުވެފައި ވެއެވެ.
"ބައިނަލްއަގްވާމީ ގާނޫނުތަކުގައި ވަރަށް ސާފުކޮށް ބުނެފައި އެބައޮތް އެމްބަސީތަކުގައި އަތް ނުލެވޭނެ ކަމަށް. އަދި އެކުއެޑޯ ސަރުކާރުން މިކަން ކުރަން ޖެހޭކަމަށް ކޮންމެ ގޮތަކަށް ވިސްނާފައި ވިޔަސް މިއީ މިފަދަ ކަމެއް ކުރަން ޖެހޭނެ ގޮތެއް ނޫން،" ސަލަޒާ އަލް ޖަޒީރާއަށް މައުލޫމާތު ދެއްވި އެވެ.
މިއަހަރު ފެށުނު ފަހުން އެކުއެޑޯގައި ގިނަ ހަމަނުޖެހުންތަކެއް އަންނަނީ ހިނގަމުން ނެވެ. އެގޮތުން އެގައުމުގައި ހުންނަ ހުރިހާ ޖަލުތަކެއްގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާ ގިނަ ގޭންގު ލީޑަރުންތަކެއް ފިލާ، ލައިވްކޮށް ބްރޯޑްކާސްޓު ކުރަމުން ދިޔަ ޓީވީ ސްޓޭޝަނަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ ބައެއް މީހުން ރަހީނު ކޮށްފައި ވެސްވެ އެވެ.