މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޔޫރަޕުގެ ހަތަރު ގައުމަކުން އިންޑިއާގައި އިންވެސްޓު ކުރާނެ.

އިންޑިއާ

އިންޑިއާ އިން ޔޫރަޕުގެ 4 ގައުމަކާ އެކު ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއިކޮށްފި

މި އެއްބަސްވުމުގެ ދަށުން އިންޑިއާއަށް 100 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ވަންނާނެ

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ނިސްބަތްނުވާ ޔޫރަޕުގެ ހަތަރު ގައުމަކާ އެކު އިންޑިއާ އިން ފްރީ ޓްރޭޑް އެއްބަސްވުމެއްގައި (އެފްޓީއޭ) ސޮއިކޮށްފި އެވެ.

ޔޫރަޕިއަން ފްރީ ޓްރޭޑް އެސޯސިއޭޝަން (އީއެފްޓީއޭ) އާ އެކު ހެދި އެއްބަސްވުމާ އެކު އިންޑިއާއަށް 100 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓުތައް އަންނާނެ ކަމަށް އެ ގައުމުގެ ވިޔަފާރިއާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

އީއެފްޓީއޭގައި ހިމެނޭ ގައުމުތަކަކީ ނޯވޭ، ސްވިޓްޒަލޭންޑް، އައިސްލޭންޑް އަދި ލިކްސްތަންސްޓައިން އެވެ.

އިންޑިއާ އިން މި ގައުމުތަކާ އެކު އެފްޓީއޭއެއްގައި ސޮއިކޮށްފައި މިވަނީ އިނގިރޭސިވިލާތާ އެކު ވެސް މިފަދަ އެއްބަސްވުމެއް ހެދުމަށް އިންޑިއާއިން މަޝްވަރާތައް ކުރަމުން އަންނަތާ ދެ އަހަރު ވެފައި ވަނިކޮށެވެ.

"އިގްތިސާދު ކުރިއަރުވައި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް އަހަރެމެން ހިފާފައިވާ އަޒުމު ތާރީހީ މި އެއްބަސްވުމުން ފާހަގަވެގެންދޭ،" ބޮޑުވަޒީރު ނަރެންދުރަ މޯދީ ނެރުއްވި ބަޔާނެއްގައި ވެ އެވެ.

އީއެފްޓީއޭއާ އެކު އިންޑިއާ އިން އެއްބަސްވުމަކާ ހަމައަށް އައިސްފައި މިވަނީ 16 އަހަރުގެ ދިގު މަޝްވަރާތަކަކަށް ފަހު އެވެ. މި އެއްބަސްވުމުގެ ދަށުން، ޔޫރަޕުގެ މި ހަތަރު ގައުމުން އިންޑިއާއަށް އެތެރެ ކުރާ ސިނާއީ މުދަލަށް ނަގަމުންދާ ގިނަ ޓެކްސްތަކެއް އުވާލާނެ އެވެ. މީގެ ބަދަލުގައި މި ހަތަރު ގައުމުން އިންޑިއާގައި އިންވެސްޓްމަންޓުތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ އިންވެސްޓްމަންޓުތައް ވަންނާނެ ސިނާއަތްތަކުގެ ތެރޭގައި ފާމަސޫޓިކަލްސް، މެޝިނަރީ އަދި މެނުފެކްޗަރިން ހިމެނޭނެ އެވެ.

"މި އެއްބަސްވުމުގެ ދަށުން މާކެޓަށް ވަންނާނެ ފުރުސަތު އިތުރަށް ފަހިވެ، ކަސްޓަމްސްގެ އިޖުރާއަތުތައް ލުއިވެ އިންޑިއާ އާއި އީއެފްޓީއޭގެ ވިޔަފާރިތަކުގެ އޮޕަރޭޝަންތައް ފުޅާވެގެންދާނެ،" އީއެފްޓީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެ އެވެ.

މި އެއްބަސްވުމުގައި ބައިވެރިވާ ހުރިހާ ގައުމުތަކުން ދެން ކުރަން ޖެހޭނެ ކަމަކީ  އެއްބަސްވުން ތަސްދީގު ކުރުމެވެ. ސްވިޓްޒަލޭންޑް އިން މިކަން ކުރަން ނިންމާފައި ވަނީ އަންނަ އަހަރު އެވެ.

އިންޑިއާ އިން ޔޫރަޕުގެ ހަތަރު ގައުމަކާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމާ ގުޅޭ (ވީޑިއޯ/ވިއޯން)

އިންޑިއާގައި މި އަހަރު އާންމު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވާއިރު މޯދީ ވަނީ ރެކޯޑު ތިންވަނަ ދައުރަކަށް ބޮޑުވަޒީރުކަމަށް ކުރިމަތިލައްވާފަ އެވެ.

ފާއިތުވެދިޔަ ދެ އަހަރު ތެރޭ އިންޑިއާ އިން ވަނީ އޮސްޓްރޭލިއާ އާއި ޔުނައިޓެޑް އެރެބް އެމިރޭޓްސްއާ އެކު ވެސް ވިޔަފާރީގެ އެއްބަސްވުންތަކެއް ހަދާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް