ރަނިލް ވިކްރަމަސިންހަ. (ފޮޓޯ/ބީބީސީ)

ލަންކާގެ އައިއެމްއެފް ޕްރޮގްރާމާ ބެހޭ ގޮތުން އެމެރިކާގެ އޮފިޝަލުން ރަނިލްއާ މަޝްވަރާކޮށްފި

އެމެރިކާގެ ސީނިއާ ޑިޕްލޮމެޓް ރިޗަޑް ވަރްމާ، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ފޮރިން މިނިސްޓަރު އަލީ ސަބްރީއާ ހުކުރު ދުވަހު ކޮލަމްބޯގައި ބައްދަލުކުރައްވައި ސްރީލަންކާގެ އިގްތިސާދު ރަނގަޅުކުރުމާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ޕްރޮގްރާމަށް އަންނަ ކުރިއެރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ.

އެކަން މުހިންމުވަނީ ކީއްވެ؟

ސްރީލަންކާއަށް އައިއެމްއެފުގެ 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ފައިނަލް ކުރީ 2023 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެ އޭގެ ސަބަބުން އެ ގައުމުގައި ހަލުވި ސްޕީޑްގައި ކުރިއަރުން ދިޔަ އިންފްލޭޝަން މައިތިރިވެ، ދައުލަތުގެ އާމްދަނީ ރަނގަޅުވެ، ބޭރު ފައިސާގެ ރިޒާވް އިތުރުވެގެން ދިޔަ އެވެ. 

ލަންކާ، 1948 ވަނަ އަހަރު އިނގިރޭސީންގެ އަތުން މިނިވަންވީއްްސުރެ، މާލީ ގޮތުން ކުރިމަތިވި އެންމެ ބޮޑު ކާރިސާއާ ގުޅިގެން 2022 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ ގައުމުން ބޭރުގެ ދަރަނި ނުދެއްކި، ގައުމު ޑިފޯލްޓްވި  އެވެ.

އެއަށް ފަހު ސްރީލަންކާއިން ވަނީ ދޭދޭ ގައުމުތަކާ ދެމެދު ހުރި، ގާތްގަނޑަކަށް 11 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗާ ކުރުމުގައި ކުރިއެރުންތަކެއް ހޯދައިފަ އެވެ. އަދި ބޮންޑް  ވިއްކާފައިވާ ފަރާތްތައް ހިމެނޭ ގޮތަށް އަންނަ މެއި މަހުގެ ތެރޭގައި މުހިންމު ހުރިހާ ކްރެޑިޓަރުންނާ އެކު އެއްބަސްވުންތައް ހެދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސަބްރީ ރޮއިޓާސް އަށް ވިދާޅުވި އެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލަކާއި ސްރީލަންކާގެ ލީޑަރުން ވަނީ ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމުގެ މަގަށް ސްރީލަންކާ ގެނައުމުގެ މަގުސަދުގައި އިގްތިސާދީ އަދި ހިންގުމުގެ އިސްލާހުތައް ގެނައުމުގެ ގޮތުން ސްރީލަންކާގެ އައިއެމްއެފް ޕްރޮގްރާމް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

މިދިޔަ އަހަރު ސްރީލަންކާގެ އިގްތިސާދު %3.8 ދަށަށް ގޮސްފައިވާ ކަމަށް ވޯލްޑް ބޭންކުން އަންދާޒާ ކުރި ނަމަވެސް މި އަހަރު އެ ގައުމުގެ އިގްތިސާދު %1.7 ކުރިއަރާނެ ކަމަށް އެ ބޭންކުން ލަފާކޮށްފައިވެ އެވެ. ނަމަވެސް ލަންކާގެ މަރުކަޒީ ބޭންކުން ލަފާކުރާ ގޮތުގައި މި އަހަރު އެ ގައުމުގެ އިގްތިސާދު %3ގައި ކުރިއަރާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް