ހާފިޒް ނައީމް ޔޯ ރަހްމާން ވިދާޅުވީ ވޯޓު އޮޅުވާލީ އޭނާގެ ހައްގުގައި ކަމަށް.

ޕާކިސްތާން

ޕާކިސްތާނު އިންތިހާބުގައި ވޯޓު އޮޅުވާލައިގެން ގޮނޑި ހޯދައިދިން ކަމަށް ބުނެ ކެންޑިޑޭޓަކު ގޮނޑި ދޫކޮށްލައިފި

ޕީޓީއައިގެ ތާއީދު އޮތް އަމިއްލަ ކެންޑިޑޭޓް ސައިފް ބާރީ އަށް 31،000 ވޯޓު ލިބުނު، ނަމަވެސް ބާރީއަށް ލިބުނީ 11،000 ވޯޓު ކަމަށް ކަނޑައެޅި

ކުރީ ހަފުތާގައި ޕާކިސްތާނުގައި ބޭއްވި އާންމު އިންތިހާބުގައި އޭނާ އަށް ގޮނޑި ލިބުނީ އޭނާގެ ކޮޅަށް ވޯޓު އޮޅުވާލައިގެން ކަމަށް ބުނެ، އެ ގޮނޑި ލިބުނު ކެންޑިޑޭޓް ގޮނޑި ދޫކޮށްލައިފި އެވެ.

ކަރާޗީ ސިޓީގެ ޕްރޮވިންޝަލް އެސެމްބްލީގެ ގޮނޑިއެެއް ކާމިޔާބުވީ ކަމަށް ކަނޑައެޅީ ޖަމިއްޔަތުލް އިސްލާމީ ޕާޓީގެ ހާފިޒް ނައީމް ޔޯ ރަހްމާން ކަމަށެވެ.

ނަމަވެސް މިދިޔަ ހަފުތާ ނިމެނިކޮށް އޭނާ ބުނީ އިމްރާން ހާންގެ ޕީޓީއައި ޕާޓީއަށް ތާއީދު ކުރާ ކެންޑިޑޭޓަށް މާ ގިނަ ވޯޓު ލިބުނު ކަމަށާއި ނަމަވެސް އޭނާއަށް ލިބުނު ވޯޓް އިންތިޒާމުވެގެން މަދު ކުރީ ކަމަށެވެ.

އެހެންކަމުން އޭނާ އެ ގޮނޑި ދޫކޮށްލީ ކަމަށެވެ.

"ގާނޫނާ ހިލާފަށް އަޅުގަނޑުމެންނަށް ކާމިޔާބު ހޯދައިދޭން އެއްވެސް މީހަކު ބޭނުން ވިޔަސް، އެކަން އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން،" ހޯމަ ދުވަހު އެ ޕާޓީން ބޭއްވި ނޫސްކޮންފަރެންސެއްގައި ރަހްމާން ބުންޏެވެ.

އޭނާ އިތުރަށް ބުންޏެވެ.

"އާންމުންގެ ހިޔާލަށް އިހުތިރާމް ކުރަން ޖެހޭ. މޮޅުވާ މީހާ އަށް މޮޅުވާންދީ، ބަލިވާ މީހާ ބަލިވާންދީ. އެއްވެސް މީހަކަށް އިތުރު އެއްޗެއް ނުލިބޭނެ."

އޭނާ ބުނީ އޭނާއަށް 26،000 އަށް ވުރެ ގިނަ ވޯޓު ލިބުނު އިރު، ޕީޓީއައިގެ ތާއީދު އޮތް އަމިއްލަ ކެންޑިޑޭޓް ސައިފް ބާރީ އަށް 31،000 ވޯޓު ލިބުނު ކަމަށެވެ. ނަމަވެސް ބާރީއަށް ލިބުނީ 11،000 ވޯޓު ކަމަށް ކަނޑައެޅި ކަމަށެވެ.

ޕާކިސްތާނުގެ އިންތިހާބީ އިދާރާތަކުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ކަރާޗީގެ އެ ގޮނޑިއާ މިހާރު ހަވާލުވާނީ ކާކު ކަމެއް ސާފެއް ނޫނެވެ.

ނަމަވެސް މިއީ ކުރީ ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވި ޕާކިސްތާނުގެ އިންތިހާބާ އިދިކޮޅަށް ކުރިމަތިވި ނުތަނަވަސްކަން އެންމެ ފަހުން ހާމަވެގެން ދިޔަ ހާދިސާއެކެވެ. އަދި އެއީ އިމްރާނާ ގުޅިފައިވާ ކެންޑިޑޭޓުންނަށް ގެއްލުންދިން ކަމަށް ބުނާ ވޯޓު އޮޅުވާލުމާއި ނުފޫޒު ފޯރުވުމުގެ ތުހުމަތުތަކެވެ.

އިމްރާން ހާންގެ ސަޕޯޓަރުން ދަނީ ކުރީ ހަފުތާގައި ބޭއްވި އިންތިހާބުގައި ވޯޓު އޮޅުވާލި ކަމަށް ބުނެ އިހުތިޖާޖު ކުރަމުން

މިދިޔަ އޮގަސްޓް މަހުން ފެށިގެން ކުރީގެ ބޮޑުވަޒީރު ހުންނެވީ ޖަލުގަ އެވެ. އޭނާގެ ޕާޓީ، ޕީޓީއައި އަށް އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތެއް ނުދިނެވެ.

ނަމަވެސް އެ ހުރަސްތަކާ އެކު ވެސް ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި ވޯޓުލާ މީހުން ވަނީ އެމަނިކުފާނަށް ތާއީދުކޮށް ވޯޓުލައިފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ވާދަކުރި 265 ގޮނޑީގެ ތެރެއިން 93 ގޮނޑި ކާމިޔާބު ކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނެވެ. އަދި އެއީ އެއްބަޔަކު އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ފަރާތް ވެސްމެ އެވެ. އަމިއްލަ ގޮތުން ވާދަ ކުރި ގިނަ ކެންޑިޑޭޓުންނަކީ އިމްރާނަށް ތާއީދު ކުރާ ކެންޑިޑޭޓުންނެވެ.

ނަމަވެސް ޕީޓީއައި އިން ބުނަނީ އެފަދަ ކެންޑިޑޭޓުންނަށް އެއަށް ވުރެ ވެސް ގިނަ ވޯޓާއި އިތުރު ގޮނޑިތައް ލިބެން ޖެހޭނެ ކަމަށެވެ. އަދި ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ، ކަރާޗީ ދާއިރާގެ ގޮނޑިއެއް ދޫކޮށްލުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

މަގުބޫލު ވޯޓުގައި ޕީޓީއައިއަށް ބޮޑު ކާމިޔާބީއެއް ލިބުނު ނަމަވެސް އިމްރާންގެ ވާދަވެރި ޕާޓީތައް ކަމަށްވާ، ނަވާޒު ޝަރީފުގެ ޕީއެމްއެލް-އެން އާއި ބިލާވަލު ބުއްޓޫ ޒަރުދާރީގެ ޕީޕީޕީ އިން މިދިޔަ ހަފުތާގެ ކުރީކޮޅު ވަނީ ސަރުކާރެއް އެކުލަވާލުމުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނެފަ އެވެ.

ކުރީ ހަފުތާގައި ނެގި ވޯޓުގައި ޕީއެމްއެލް-އެން އަށް 75 ގޮނޑި ލިބުނުއިރު، ތިން ވަނައިގައި އޮތީ 54 ގޮނޑި އާއެކު ޕީޕީޕީ އެވެ. އަދި އެމްކިއުއެމް ފަދަ ކުދި ޕާޓީތަކާ އެކު ކޯލިޝަން ހެދުމަށް ވެސް އެ ދެ ޕާޓީން ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ.

އޭގެ އިތުރުން އަންހެނުންނަށާއި ޣައިރު މުސްލިމުންނަށް ހާއްސަކޮށްފައިވާ 70 ގޮނޑީގެ ތެރެއިން ޕާޓީތަކަށް އިތުރު ގޮނޑިތަކެއް ދިނުމަށް ވަނީ ނިންމައިފަ އެވެ. އެ އިތުރު ގޮނޑިތަކަކީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް އިތުރުވާ ގޮނޑިތަކެއް ނޫނެވެ.

އޭގެ މާނައަކީ ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 169 ގޮނޑި ފަސޭހައިން ނަވާޒު ޝަރީފުގެ ޕާޓީ އާެއި ބިލާވަލުގެ ޕާޓީތަކަށް ތަނަވަސްވުމެވެ.

ޕީއެމްއެލް-އެން އާއި ޕީޕީޕީ އަކީ މީގެ ކުރިން 2022 ވަނަ އަހަރު އިމްރާން ވެރިކަމުން ދުރުކުރި ކޯލިޝަނެއްގައި އޮތް ދެ ޕާޓީ ވެސްމެ އެވެ.  

ޝަރީފްގެ ކޮއްކޯފުޅު ޝަހްބާޒް އޭރު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި އެވެ. އަދި އަނެއްކާ ވެސް ޕާކިސްތާނުގެ ބޮޑުވަޒީރު ކަމާ އޭނާ ހަވާލުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އިމްރާން ބޮޑުވަޒީރުކަމުން ދުރުކުރީ ޕާލަމެންޓުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އެއަށް ފަހު އިމްރާންގެ މައްޗަށް ޖިނާއީ ގިނަ ދައުވާތަކެއް ވަނީ އުފުލައިފަ އެވެ.

އިންތިހާބަށް ހަފުތާއެއްހާ ދުވަހަށް ވެފައިވަނިކޮށް، އެކި ތުހުމަތުތަކުގައި އޭނާ 14 އަހަރަށް ޖަލަށް ލާފައިވާ އިރު، ޖަލުގެ ގިނަ ހުކުމްތަކެއް އެއްފަހަރާ ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ. 

 އުމުރުން 71 އަހަރުގެ ހާން ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ހަގީގަތާ ހިލާފު ދައުވާތަކެއް ކަމަށާއި އެއީ ފުޅާ ދާއިރާއެއްގައި ސިޔާސީ ވިޗު ހަންޓެއްގެ ދަށުން ހިންގާފައިވާ މައްސަލަތަކެއް ކަމަށެވެ.

ޕާކިސްތާނު ސަރުކާރުން އެ ތުހުމަތުތައް ދޮގު ކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް