8 ފެބްރުއަރީ 2024، ޕާކިސްތާނުގެ ގައުމީ އިންތިހާބު ނިމުމުން ވޯޓުލާ ފޮށިތައް ހުޅުވައި ގުނަނީ-- ވަން ފޮޓޯ:

ޕާކިސްތާން

އިމްރާން ބޭރުކޮށް، ސަރުކާރެއް އެކުލަވާލުމަށް ބޮޑު ދެ ޕާޓީން ކޯލިޝަން ހަދައިފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ބާރުވެރިކަމުން އެއްފަރާތް ކުރުމަށް އެންމެ ބޮޑު ދެ ޕާޓީ، ދަ ޕާކިސްތާން މުސްލިމް ލީގް- ނަވާޒު (ޕީއެމްއެލްއެން) އާއި ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އެެއްގަލަކަށް އަރައި ގުޅިފައިވާ ސަރުކާރެއް ގާއިމު ކުރުމަށް ކޯލިޝަން ހަދައިފި އެވެ.

އޭގެ މާނައަކީ ކުރީގެ ބޮޑުވަޒީރު އިމްރާންގެ ޕާޓީއަށް އެންމެ ގިނަ ގޮނޑި ލިބުނުނަސް، އެ ޕާޓީއަށް ވެރިކަމުގެ ދޮރު ބަންދުވުމެވެ.

ލާހޯރުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެމްއެލްއެންގެ ކުރީގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި ޕީޕީޕީގެ ކުރީގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި އިތުރު ހަތަރު ޕާޓީއެއްގެ މަންދޫބުން ވިދާޅުވީ އެ ޕާޓީތައް ގުޅިގެން ސަރުކާރެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ.

ޕީއެމްއެލްއެން އިން ވަކިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޮޑުވަޒީރު ކަމަށް އެ ޕާޓީގެ ފަރާތުން ޝަހްބާޒް ޝަރީފް ވާދަކުރައްވާނެ ކަމަށެވެ. އޭގެ ކުރިން އިއްޔެ ހެނދުނު ޕީޕީޕީގެ ޗެއާމަން ބިލާވަލް ބުއްޓޫ ޒަރުދާރީ ވިދާޅުވީ ބޮޑުވަޒީރު ކަމަށް ޕީއެލްއެމްއެންގެ ކެންޑިޑޭޓަށް އެ ޕާޓީން ތާއީދު ކުރާނެ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުން ޕީޕީޕީއަށް 54 ގޮނޑި ވަނީ ލިބިފަ އެވެ. އަދި އެއީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ފަހަތުން ތިން ވަނަ އެވެ. އޭގެ ތެރޭގައި ގިނައީ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ޕާޓީ، ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އާ ގުޅިފައިވާ މީހުންނެވެ. އެ ޕާޓީގެ މެމްބަރުން ވަނީ 102 ގޮނޑި ހޯދައިފަ އެވެ. އަދި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އިސްކޮށް ހުންނަވާ ޕީއެމްއެލްއެން އިން 73 ގޮނޑި ކާމިޔާބުކޮށްފައިވާ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ބޮޑު ތިން ޕާޓީގެ ތެރެއިން އެއްވެސް ޕާޓީއަކަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު ލިބޭ ވަރަށް ގޮނޑި ލިބިފައި ނުވުމުން އަމިއްލަ ސަރުކާރެއް ވަނީ ގާއިމު ނުކުރެވި އެވެ.

މިވަގުތު ޖަލުގައި ހުންނެވި އިމްރާން އިއްޔެ ވަކިން އިއުލާނު ކުރެއްވި ގޮތުގައި އޭނާގެ ޕާޓީއާ މަޖިލީހުގެ އެއް ގޮނޑި ކާމިޔާބު ކުރި މަޖިލިސް ވަހްދަތު އީ މުސްލިމީން ޕާޓީ (އެމްޑަބްލިއުއެމް) އާ ގުޅޭނެ އެވެ.

ޕީޕީޕީ ނުވަތަ ޕީއެމްއެލްއެންއާ އެކު ކޯލިޝަނެއް އުފެއްދުމުގެ ފުރުސަތުން އިމްރާން ވަނީ ދުރުހެލިވެފަ އެވެ. 

އިމްރާންގެ ޕީޓީއައި ޕާޓީން ވަނީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ބުނެ ބަޔާނެއް ވެސް ނެރެފަ އެވެ. 

"ވަގަށް ނަގާފައިވާ ވޯޓުން ސަރުކާރެއް އުފެއްދުމުގެ ނުބައި އަމަލުތަކުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ. މިފަދަ ރޯމާ ދުވާލުގެ ވައްކަމަކީ ހަމައެކަނި ރައްޔިތުންނަށް އިހާނެތިކޮށް ހިތުމުގެ އިތުރުން ގައުމުގެ އިގްތިސާދު އިތުރަށް ދަށަށް ދާނެ ކަންކަން،" ޕީޓީއައިގެ ބަޔާނުގައި ބުންޏެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސިފް އަލީ ޒަރްދާރީ ވަނީ ކޯލިޝަން އުފެދުނު ގޮތް ތަފްސީލުކޮށްދެއްވައިފަ އެވެ.

"ހުރިހާ ކަމަކަށް ބަލާފައި ވިސްނާފައި އެކުގައި އިށީންނަން ނިންމީ. އެއް ބަޔަކު އަނެއް ބަޔަކާ ދެކޮޅަށް އިންތިހާބުގައި ވާދަކުރި ނަމަވެސް،  [އަޅުގަނޑުމެން] އަބަދު ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން." ޒަރުދާރީ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ "ގައުމަށްޓަކައި އެއްބަޔަކު އަނެއް ބައެއްގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް ކުރިއަށް ދާން" ޖެހޭ ކަމަށެވެ.

އަދި ގައުމީ ބަޖެޓާއި ބޮޑުވަޒީރު އިންތިހާބު ކުރުމާއި މުހިންމު ގާނޫނުތައް ފަދަ މުހިންމު ކަންކަމުގައި އެ ޕާޓީން ނަގާ ވޯޓާ މެދު މަޝްވަރާ ކުރުމަށް ޕީޕީޕީން ކޮމިޓީއެއް އެކުލަވާލާނެ ކަމަށް ވެސް ބުއްޓޫ ޒަރުދާރީ ވަނީ ވިދާޅުވެފަ އެވެ.

އަދި މަޖިލީހުގެ ރައީސާއި ސެނެޓްގެ ޗެއާމަން އަދި ރައީސް ކަމަށް ވެސް އެ ޕާޓީން ކެންޑިޑޭޓުން ނެރޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާކިސްތާނުގެ ގާނޫނު ބުނާ ގޮތުން އިންތިހާބެއް ބާއްވާތާ 21 ދުވަހުގެ ތެރޭގައި ޕާލަމެންޓް ބާއްވަން ޖެހޭ އިރު، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ހުވާކޮށް، އެއަށް ފަހު އާ ބޮޑުވަޒީރަކު އިންތިހާބު ކުރަން ޖެހެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް