ހައްޔަރުކުރި ކަނޑުފޭރޭ މީހުން އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުގައި

އިންޑިއާ

ރަހީނުކުރި ދެ ބޯޓެއް އިންޑިއާ އަސްކަރިއްޔާއިން ސަލާމަތްކޮށްފި

ސޯމާލިއާ ބޭރުން އޮންނަ ކަނޑުތަކުގައި ހިންގާ ކަނޑުފޭރުމުގެ ހަރަކާތްތައް ވަނީ އިތުރުވެފައި

ސޯމާލިއާގެ ބޭރުން ހަތިޔާރު އެޅި ބަޔަކު ރަހީނުކުރި ދެ ބޯޓެއް އިންޑިއާގެ އަސްކަރީ ބާރުތަކުން ސަލާމަތްކޮށްފި އެވެ.

ރަހީނުކޮށްފައިވާ ދެވަނަ ބޯޓަކާ އިންޑިއާގެ އަސްކަރީ މަނަވަރު އައިއެންއެސް ސުމިތުރާއަށް ދިމާވީ ފުރަތަމަ ބޯޓު ސަލާމަތް ކުރިތާ 36 ގަޑިއިރު ފަހުންނެވެ.

މީގެ ދުވަސް ކޮޅެއް ކުރިން ސީޝެލްސްގެ އަސްކަރިއްޔާއިން ވެސް ވަނީ ކަނޑުފޭރޭ ބައެއްގެ ފަރާތުން މަސްވެރިންތަކެއް ސަލާމަތް ކުރި ކަމަށް ރިޕޯޓުކޮށްފަ އެވެ.

މީގެ އަހަރުތަކެއް ކުރިން ސޯމާލިއާގެ ބޭރު ކަނޑުތަކުގައި ކަނޑުފޭރޭ ގިނަ ގްރޫޕުތަކަކުން ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގި އެވެ. މި ހަރަކާތްތައް ހުއްޓުމަކަށް އޭރު އައީ ބައިނަލްއަގްވާމީ ގިނަ ގައުމުތަކަކުން އެ ކަނޑުތަކުގައި ފޯރިމަރަން ފެށުމުންނެވެ.

ފާއިތުވެދިޔަ 15 ވަރަކަށް އަހަރު ދުވަހު ސޯމާލިއާގެ ބޭރު ކަނޑުތަކުގައި ފޯރިމަރަމުން އަންނަ އެއް ގައުމަކީ އިންޑިއާ އެވެ.

ނަމަވެސް މި ފަހުން ޔަމަންގެ ހޫތީން ދޭން ފަށާފައިވާ ހަމަލާތަކާ ގުޅިގެން ސޯމާލިއާ ބޭރުގައި ފޯރިމަރަމުން އައި އަސްކަރީ ގިނަ ބޯޓުތަކަށް މިހާރު ވަނީ ރެޑް ސީ ކަނޑަށް ގޮސްފަ އެވެ. މިއާ އެކު ސޯމާލިއާ ބޭރުން އަނެއްކާވެސް ކަނޑުފޭރުމުގެ ހަރަކާތްތައް އިތުރުވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް މާހިރުން ދެކެ އެވެ. 

ސޯމާލިއާ ސަރަހައްދު ދައްކުވައިދޭ ޗާޓެއް

އިންޓަނޭޝަނަލް މެރިޓައިމް ބިއުރޯގެ ޑިރެކްޓަރު މައިކަލް ހައުލެޓް ވިދާޅުވީ މިދިއަ ހައެއްކަ އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް ސޯމާލިއާގެ ބޭރުން ކާމިޔާބުކަމާ އެކު ބޯޓެއް ރަހީނުކޮށްފައި ވަނީ މިދިއަ ޑިސެމްބަރު މަހު އެވެ. އެއީ "ކަންބޮޑުވާން ޖެހޭ ކަމެއް" ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ނަމަވެސް ރޯޔަލް ޑެނިޝް ޑިފެންސް ކޮލެޖްގެ އެސޯސިއޭޓް ޕްރޮފެސަރު ޓްރޮއެލްސް ބާޗާލް ހެނިންގްސެން ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ކަނޑުފޭރުމުގެ ހަރަކާތްތައް އެ ސަރަހައްދުގައި ހުރި މިންވަރަށް އަލުން ފައްކާވެގެން ދިޔުން ނާދިރު ކަމަށެވެ. މިހާރުގެ ހަރަކާތްތައް ބޮޑަށް ބެލެވެނީ ފުރުސަތުގެ ބޭނުން ހިފުން ފަދަ އޮޕަރޭޝަންތަކެއް ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާ އަސްކަރިއްޔާއިން ވަނީ މި މަހުގެ ކުރީކޮޅު ލައިބީރިއާ ދިދައިގެ ދަށުން އޮޕަރޭޓު ކުރަމުން އައި ބޯޓެއް ސަލާމަތް ކޮށްފަ އެވެ. 

ސޯމާލިއާގެ ވެރިރަށް މޮގައްދިޝޫއާ 840 ނޯޓިކަލް މޭލު ބޭރުން ކަނޑުފޭރޭ ތިން މީހަކު ރަހީނުކުރި ސްރީ ލަންކާގެ މަސްވެރިން ސީޝެލްސްގެ  އަސްކަރިއްޔާއިން ސަލާމަތް ކުރި ކަމަށް ބުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް