ފައިލް ފޮޓޯ: ޖެނުއަރީ 8، 2024: ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ބޮޑުވަޒީރުގެ ގެކޮޅުގައި ބޭރުގެ އޮބްޒާވަރުންނާއި ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ބަންގްލަދޭޝްގެ އަލަށް އިންތިހާބުވި ބޮޑުވަޒީރު ވާހަކަ ދައްކަވަނީ ފޮޓޯ/ ރޮއިޓާސް

ބަންގްލަދޭޝް

ހަސީނާ ފަސް ވަނަ ދައުރަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފި

ބަންގުލާދޭޝްގެ އިދިކޮޅު މައި ޕާޓީ ބީއެންޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުން ބޮއިކޮޓްކުރި އާންމު އިންތިހާބުގައި ބޮޑުވަޒީރު ޝައިހު ހަސީނާގެ އަވާމީ ލީގުން ބޮޑު އަގުލަބިއްޔަތެއް ލިބުނުތާ ދުވަސްތަކެއް ފަހުން ބޮޑުވަޒީރު ކަމުގެ ފަސް ވަނަ ދައުރެއްގެ ހުވާ ހަސީނާ މިއަދު ކުރައްވައިފި އެވެ.

ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން އިންތިހާބާ ދުރަށްޖެހި، އިންތިހާބު ބޮއިކަޓް ކުރީ ހަސީނާ އިސްތިއުފާ ދެއްވައި، ވަކި ފަރާތަކަށް ނުޖެހޭ ބަޔަކާ އާންމު އިންތިހާބު ހިންގަން ފުރުސަތު ދިނުމަށް އެ ޕާޓީން އެދުނު އެދުމަށް ހަސީނާ ދެކޮޅު ހެއްދެވުމުންނެވެ. ބީއެންޕީގެ ލީޑަރުންގެ ތެރެއިން އެއްބަޔަކު ތިއްބެވީ އަމިއްލައަށް އަރުވާލެވިގެން ގައުމުން ބޭރުގަ އެވެ. އަނެއް ބަޔަކު ވަނީ ޖަލަށް ލައިފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ބަންގުލޭދޭޝްގެ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ނޫން ކަމަށެވެ. އަދި އިނގިރޭސި ސަރުކާރުގެ ހާރިޖީ ވުޒާރާއިން ވެސް ވަނީ ބިރުދެއްކުމާއި ހަމަނުޖެހުން ހިންގުމުގެ އަމަލުތައް ކުށްވެރިކޮށްފަ އެވެ.

ހަސީނާ، 76، އަކީ 1975 ވަނަ އަހަރު އަސްކަރިއްޔާގެ ބަގާވާތަކުން އަވަހާރަކޮށްލި އެ ގައުމުގެ ބާނީ ޝެއިހް މުޖީބުއްރަހްމާންގެ ދަރިކަނބަލެކެވެ. މުޖީބުއްރަހްމާން އާ އެކު އެ އާއިލާގެ ގިނަ މެމްބަރުންތަކެއް ވަނީ އެ ބަގާވާތުގައި މަރާލައިފަ އެވެ.

 ހަސީނާ އެންމެ ފުރަތަމަ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ 1996 ވަނަ އަހަރު އެވެ. މިއީ އެކަމަނާގެ ފަސްވަނަ ދައުރެވެ.

ރިޔާސީ ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ހުވާ ލައިދެއްވުމުގެ ކަންކަން ބެލެހެއްޓެވީ ރައީސް މުހައްމަދު ޝަހާބުއްދީން އެވެ. އެ ރަސްމިއްޔާތުގައި ސިޔާސީ ލީޑަރުންނާއި މަދަނީ އަދި އަސްކަރީ އިސް ވެރިންނާއި ޑިޕްލޮމެޓުންނާއި އެހެނިހެން އިއްޒަތްތެރިން ބައިވެރިވި އެވެ.

ޓީވީން ލައިވްކޮށް ގެނެސްދިން މި ރަސްމިއްޔާތުގައި ހަސީނާގެ 36 މެމްބަރުންގެ ކެބިނެޓް ވެސް ވަނީ މަގާމުގެ ހުވާކޮށްފަ އެވެ.

ފާއިތުވި ތިން އިންތިހާބުގެ ތެރެއިން ދެ އިންތިހާބެއް ބޮއިކޮޓްކުރި ބީއެންޕީން ބުނަނީ ހަސީނާގެ ޕާޓީން މަސައްކަތް ކުރަނީ ދޮގު ވޯޓެއް ސައްހަ ކުރުމަށް ކަމަށެވެ.

ހަސީނާ ވިދާޅުވީ އިންތިހާބުގެ ސައްހަކަން އެއްވެސް ފަރާތަކަށް ސާބިތުކޮށްދޭން ނުޖެހޭ ކަމަށެވެ.

"މުހިންމު ކަމަކީ ބަންގްލަދޭޝްގެ ރައްޔިތުން މި އިންތިހާބު ބަލައިގަތުން ނޫންތޯ އެވެ،" ހަސީނާ ވިދާޅުވި އެވެ.

އިގްތިސާދަށް ހެޔޮ ބަދަލެއް ގެނައުމުގެ ކްރެޑިޓް ހަސީނާއަށް ވަނީ ލިބިފަ އެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ތަފާތު ހިޔާލުތަކަށް އޮންނަ ޖާގައިގެ ދޮރު ބަންދު ކުރެއްވުމުގެ އިހުތިމާލު ވެސް އެކަމަނާގެ މައްޗަށް ކުރެ އެވެ. 

ނަމަވެސް ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތުމުން ތެލާއި ކާބޯތަކެތީގެ އިމްޕޯޓްގެ އަގުތައް އުފުލި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑްގެ 4.7 ބިލިއަން ޑޮލަރުގެ ބެއިލްއައުޓަކަށް މިދިޔަ އަހަރު އެނބުރި ދާން ޖެހުމުން އިގްތިސާދު ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ. ނޮވެމްބަރު މަހު އިންފްލޭޝަން ހުރީ %9.5ގަ އެވެ.

ދިރިއުޅުމުގެ ހަރަދުތައް ވަރަށް ބޮޑަށް އުފުލިގެން ދިއުމުގެ ސަބަބުން އިންތިހާބާ ދިމާކޮށް، ހަސީނާގެ ސަރުކާރުން ހަކަތަ އިމްޕޯޓުކުރުމަށް ފައިސާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެ، ޑޮލަރުގެ ރިޒާވް ދަށްވެ، ރަށު ފައިސާ ބަލިކަށިވުމުގެ ސަބަބުން، ހަރުކަށި އިހުތިޖާޖުތައް ފެށުނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް