ކުންފުނީގެ ހިއްސާއަށް ނުފޫޒު ފޯރުވާފައިވާ ކަމަށް އަދާނީގެ ކުންފުނީގެ މައްޗަށް ހިންޑެންބާގް ރިޕޯޓުގައި ތުހުމަތު ކޮށްފައިވޭ

އިންޑިއާ

އިންޑިއާގެ ސުޕްރީމް ކޯޓުން ބިލިއަނަރު އަދާނީއާ ބެހޭ އާ ތަހްގީގު ހުއްޓުވައިފި

ވިޔަފާރީގެ ތާރީހުގައި ހިންގި އެންމެ ބޮޑު އޮޅުވާލުން ގައުތަމް އަދާނީ ކުރިއަށް ގެންދެވިކަމަށް ހިންޑެންބާގް ރިސާޗް އިން ބުނެފައިވޭ

އިންޑިއާގެ ބިލިއަނަރު ގައުތަމް އަދާނީގެ ކުންފުނިތަކުން މަކާރާއި ހީލަތް ހެދިކަމަށް އެމެރިކާގެ ކުންފުންޏަކުން އުފުލި ތުހުމަތުތައް ތަހްގީގު ކުރުމަށް އާ ޕެނަލެއް ގާއިމު ކުރުމަށް އެދުނު އެދުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ހުރަސް އަޅައިފި އެވެ. 

އަދާނީގެ ކުންފުނިތަކުން "ބިރެއް ނެތި" ހިއްސާގެ އަގަށް ނުފޫޒު ފޯރުވާ އެކައުންޓިންގައި މަކަަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތު ކުރީ ހިންޑެންބާގް ރިސާޗް އިން މިދިޔަ އަހަރުގެ ޖަނަވަރީ މަހު އެވެ.

މި ތުހުމަތުތަކާ ގުޅިގެން އިންޑިއާގެ ހިއްސާގެ މާކެޓާ ބެހޭ ވުޒާރާއިން ފެށި ތަހްގީގު ކުރިއަށްދާ ގޮތް ބެލުމަށް ކޯޓުން ވަނީ މާޗް މަހު ކޮމިޓީއެއް ގާއިމު ކޮށްފަ އެވެ.

މި ތަހްގީގަށް އެއްވެސް ހެއްކެތް ހޯދިފައި ނުވާ ކަމަށް އެ ޕެނަލް އިން  ވަނީ މިދިޔަ އަހަރުގެ މޭމަހު ބުނެފަ އެވެ.

މި ތަހްގީގު ތިން މަސް ދުވަސް ތެރޭ ނިންމުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ބުދަ ދުވަހު އަމުރުކޮށްފަ އެވެ.

ބިލިއަނަރު އަދާނީ ވަނީ ކޯޓުގެ ނިންމުމަށް މަރުހަބާ ވިދާޅުވެ "ހަގީގަތް ހާމަވެއްޖެ" ކަމަށް ވިދާޅުވެފަ އެވެ. އޭނާ އާއި އޭނާގެ ކުންފުނިތަކުގެ މައްޗަށް އުފުލާފައިވާ ތުހުމަތުތައް އޭނާ ވަނީ ދޮގު ކުރައްވާފަ އެވެ.

ނަމަވެސް އިންޑިއާގެ މާކެޓާ ބެހޭ ވުޒާރާ އިން ތަހްގީގު ރަނގަޅަށް ކުރިއަށް ނުގެންދާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. އަދިި ކޯޓުން ހަމަޖައްސާފައިވާ މި ތަހްގީގީ ޕެނަލްގައި ތިބި މެމްބަރުންނާއި "މަސްލަހަތު ފުށުއަރާ" މައްސަލަތަކެއް ހުރި ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ކޯޓުގެ ނިންމުން އޮޅުންފިލުއްވާ ދެއްވަމުން އުއްތަމަ ފަޑިޔާރު ޑީވައި ޗަންދްރަޗުދް ވިދާޅުވީ މި ތަހްގީގު ހާއްސަ ޓީމަކަށް ހަވާލު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި މާކެޓާ ބެހޭ ވުޒާރާ ސެބީ އިން މި ތަހްގީގް ނިންމަން ޖެހޭ ކަމަށެވެ. އަދި މަސްލަހަރު ފުށުއަރާ ކަމަށް ދެކެވޭ ވާހަކަތައް ވެސް  ޗަންދްރަޗުދް ވަނީ ބޭރުކޮށްލައްވާފަ އެވެ.

ހިންޑެންބާގް ރިސާޗް ރިޕޯޓުގައިވާ ގޮތުން އަދާނ ވަނީީ "ވިޔަފާރީގެ ތާރީހުގައި ހިންގި އެންމެ ބޮޑު އޮޅުވާލުން" ކުރިއަށް ގެންދަވާފަ އެވެ. އަދި މޮރިޝަސް އާއި ކެރިބިއަން ފަދަ ޓެކުހާ ބެހޭ ހޭވަންތަކުގައި އަދާނީ ގްރޫޕުގެ ކުންފުނިތަކުން އޮޕަރޭޓް ކުރަމުން އަންނަ ސަބަބާ މެދު ވެސް އެ ރިޕޯޓުގައި ސުވާލު އުފައްދާފައިވެ އެވެ. 

މީގެ އިތުރުން ވެސް އަދާނީ ކުންފުނީގައި "ބޮޑެތި ލޯނުތަކެއް" ހުރި ކަމަށާއި އެ ކުންފުނި ވަނީ މާލީ ގޮތުން ބިރުވެރި ހާލަތެއްގައި ކަމަށް ވެސް ހިންޑެންބާގްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް