އިންޑިއާގެ މުމްބާއި އެއާޕޯޓުގައި ބޯޓުގެ ފަސިންޖަރުން މަޑުކޮށްލައިގެން
ހިއުމަން ޓްރެފިކް ކުރާކަމުގެ ބިރަށް ހުއްޓުވި ބޯޓުގެ ފަސިންޖަރުން އިންޑިއާއަށް ގެންގޮސްފި
ހިއުމަން ޓްރެފިކް ކުރާ ކަމުގެ ބިރަށް ފަރަންސޭސިވިލާތުގެ އެއާޕޯޓެއްގައި ގިނަ ދުވަސްތަކެއް ވަންދެން ހުއްޓުވި މަތިންދާބޯޓުގައި ތިބި އިންޑިއާގެ ފަސިންޖަރުންތައް އިންޑިއާއަށް ގެންގޮސްފި އެވެ.
ޔުނައިޓެޓް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ނިކަރަގުއާއަށް ޗާޓަރުކޮށްގެން ދަތުރު ކުރުމަށް ހަމަޖެހިފައި އޮތް މި ބޯޓާ މެދު ޝައްކު އުފެދުނީ ތެޔޮ އެޅުމަށް ފަރަންސޭސިވިލާތުގައި މަޑުކުރުމުން ނެވެ.
މި ބޯޓުގައި ޖުމުލަ 276 ފަސިންޖަރުން ތިއްބެވެ. މީގެ ތެރެއިން 25 މީހަކާއި ދެ ކުޑަކުދިން ވަނީ ފަރަންސޭސިިވިލާތުގައި ހިމަޔާތަށް އެދި މަޑުކޮށްފަ އެވެ. އަދި ޓްރެފިކް ކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ވެސް ފަރަންސޭސިވިލާތުގެ ތަހްގީގީ ވުޒާރާތަކުން މަޑުކުރުވި އެވެ.
ނަމަވެސް ކޯޓުތަކުން ވަނީ މި ދެ މީހުން މިހާރު ދޫކޮށްލައިފަ އެވެ.
ބާކީ ތިބި ފަސިންޖަރުން އިންޑިއާއަށް އެނބުރި އައިސްފައި ވަނީ ލެޖެންޑް އެއާލައިންސްގެ ބޯޓެއްގައި މުމްބާއީ އެއާޕޯޓަށް އަންގާރަ ދުވަހުގެ ފަތިހު އެވެ.
އިންޑިއާގެ އޭއެންއައި ނޫސް އެޖެންސީ އިން ހިއްސާކުރި ފޮޓޯތަކުން މި ބޯޓުގެ ފަސިންޖަރުން މުމްބާއީ އެއާޕޯޓުގެ ގޮނޑިތަކުގައި އިށީނދެގެން ތިބޭ މަންޒަރު ވަނީ ފެނިގެން ގޮސްފަ އެވެ. އަދި ބައެއް ފަރިންޖަރުން އެއާޕޯޓުން ނުކުމެގެން ގޮސްފައި ވާއިރު މީގެ ތެރެއިން ގިނަ މީހުން މީޑިއާއާ ވާހަކަދައްކަން ބޭނުން ނުވި ކަމަށް ބީބީސީ އިން ރިޕޯޓުކޮށްފައި ވެއެވެ.
ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިސްއާ 130 ކިލޯމީޓަރު ދުރުގައި އޮންނަ ޝާލޮންސް-ވަތުރީ އެއާޕޯޓަށް މި ބޯޓު ޖެއްސުމާ އެކު ފްރާންސްގެ އިދާރާތަކުން މި ބޯޓު ހުއްޓުވީ މި ބޯޓުގައި "ހިއުމަން ޓްރެފިކް ކުރެވޭ މީހުންތަކެއް" ތިބިކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބުރާސްފަތި ދުވަހު އެވެ.
މި ބޯޓުގައި ގިނައިން ތިބީ ޔޫއޭއީގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ ރައްޔިތުން ނެވެ. އަދި ބޯޓުގެ ތިން ބައި ކުޅަ އެއްބައި ފަސިންޖަރުންނަކީ އިންޑިއާގެ މުއްސަނދި ގުޖުރާތު ސިޓީއަށް ނިސްބަތްވާ މީހުން ނެވެ.
މި މީހުން ނިކަރަގުއާ އަށް ވަދެ އެމެރިކާ ނުވަތަ ކެނެޑާއަށް ވަނުމަށް މަސައްކަތް ކުރާނެ ކަމަށް ބެލެވޭ ކަމަށް ފަރަންސޭސި އިދާރާތަކުން ކުރިން ވަނީ ރިޕޯޓުކޮށްފަ އެވެ.
ފްރާންސްގެ އިދާރާތަކުން މި ބޯޓު ދޫކޮށްލި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. އަދި މި ބޯޓު ނިކަރަގުއާއަށް ދަތުރު ކުރުމުގެ ބަދަލުގައި އިންޑިއާގެ މުމްބާއީ އަށް ދިޔަ ސަބަބެއް ވެސް އަދި އެނގިފައެއް ނުވެ އެވެ.
ލެޖެންޑް އެއާލައިންސް އަކީ ރޫމޭނިއާ އަށް ނިސްބަތްވާ 4 މަތިންދާބޯޓު ގެންގުޅޭ ޗާޓަރު އެއާލައިނެކެވެ.