ލަންކާގައި ބަޔަކު މަގުމަތީގައި.

ސްރީ ލަންކާ

ވޯލްޑް ބޭންކުން ލަންކާއަށް ދޭ 500 މިލިއަންގެ ފަހު 250 މިލިއަން ދޫކޮށްފި

21 ޑިސެމްބަރު 2023

މިދިޔަ އަހަރު ލަންކާއަށް ކުރިމަތިވި މާލީ ކާރިސާއަށް ފަހު އެ ގައުމުގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ވޯލްޑް ބޭންކުން ދޭން ނިންމާފައިވާ 500 މިލިއަން ޑޮލަރުގެ ޕެކޭޖުގެ ފަހު ބައި ކަމަށްވާ 250 މިލިއަން ޑޮލަރު އިއްޔެ ދޫކޮށްފި އެވެ.

ކާޑުގެ ބާވަތްތަކާއި ތެލާއި ބޭސް ފަދަ ޒަރޫރީ ތަކެތި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ ހުސްވެ، ބޭރުގެ 46 ބިލިއަން ޑޮލަރުގެ ދަރަނި ނުދެއްކި، އޭޕްރީލް 2022ގައި އުފެދުނު މަދަނީ ހަމަނުޖެހުންތަކުގެ ސަބަބުން އޭރުގެ ރައީސް ގޯތާބާޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވި އެވެ.

އޭނާއަށް ފަހު ވެރިކަމަށް ވަޑައިގަތް، ރަނިލް ވިކްރަމަސިންހާ ގެންދަވަނީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ހޯދައި ބޭރު ފައިސާގެ ރިޒާވް އަލުން އިއާދަކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.

ވޯލްޑް ބޭންކުން ބުނީ ޖުމްލަ 500 މިލިއަން ޑޮލަރުގެ ޕެކޭޖުގެ ދެ ވަނަ އަދި އެންމެ ފަހު ބައި ދޫކޮށްފައި މި ވަނީ "އިސްލާހީ ޕްރޮގްރާމާ އެކު ހިތްހަމަޖެހޭ ވަރުގެ ކުރިއެރުންތައް ހޯދަމުން އަންނާތީ" ކަމަށެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދިން 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖުގެ ޝަރުތުތަކާ އެއްގޮތަށް ލަންކާ އިން ވަނީ ޓެކްސް ދެގުނަކޮށް، ތެލާއި ކަރަންޓަށް ދޭ ސަބްސިޑީ އުވާލައި ކޮރަޕްޝަނާ ދެކޮޅަށް ގާނޫނެއް ފާސްކޮށްފަ އެވެ.

ލަންކާއަށް ދޭދޭ ގައުމަކުން އެންމެ ގިނަ އަދަދެއްގެ ފައިސާ ދަރަންޏަށް ދީފައިވާ ޗައިނާ އެކު އެ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ އެއްބަސްވުމެއް ދާދި ފަހުން ވަނީ ހަދައިފަ އެވެ. އެއަށް ފަހު، އައިއެމްއެފުން މިދިޔަ ހަފުތާގައި ވަނީ، ހަތަރު އަހަރުގެ އެ ބެއިލްއައުޓް ޕެކޭޖުގެ ތެރެއިން ދެ ވަނަ ބައި ދޫކޮށްފަ އެވެ. އެއީ 337 މިލިއަން ޑޮލަރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް