ފެސިފިކްގައިވާ ޓޮންގާ

ކޮޕް26

ކެމްޕެއިން ކުރާ ބައެއް ފަރާތްތަކުން ކޮޕް26 އެއްބަސްވުމާ މެދު ދެކޭ ގޮތް

މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ގައުމުތަކުގެ ޒުވާނުންނަށް މިއީ މާޔޫސީ އެއްބަސްވުމެއް
15 ނޮވެމްބަރު 2021

ސްކޮޓްލޭންޑުގެ ގްލާސްގޯގައި ނިމުނު މޫސުމީ ބަދަލުތައް މަޑުޖައްސަން ހެދި އެއްބަސްވުމުގައި ދުނިޔެއިން ބޯޓުދެއްޔަށް ބަރޯސާވާ މިންވަރު މަދުކުރުމާއި ދުނިޔެ ހޫނުވަމުންދިޔުމުގެ ސަބަބުން ފަގީރު ގައުމުތަކަށް ކުރާ އަސަރުތަކަށް އެހީތެރިވެދޭން ނިންމި އެވެ.

ނަމަވެސް މޫސުމީ ބަދަލުތަކާ ދެކޮޅަށް ކެމްޕެއިން ކުރަމުން އަންނަ ފަރާތްތަކުން ހިތާމަފާޅުކޮށް، މިފަދަ ސިޔާސީ އެއްބަސްވުންތަކުން އެމީހުންގެ ނަފްސާއި، ގެދޮރާއި، ސަގާފަތާއި، ދިރިއުޅުން ރައްކާތެރިކޮށް ނުދެވޭކަމުގެ ޝަކުވާ އާއި ޝުއޫރު ގެންދަނީ ފާޅުކުރަމުންނެވެ.

ޕެސިފިކް އައިލެންޑްސް: "އަހަރުމެން ގެނބިގެން މަރުވުމުން ސަލާމަތެއް ނުކުރެވޭ"

އެލިޒަބެތު ކީޓޭ އަކީ ޓޮންގާގެ ނުކުއަލޯފާގެ ޒުވާން ލީޑަރެވެ. ކީޓޭ ބުނާ ގޮތުން މި އެއްބަސްވުމުގެ ސަބަބުން އޭނާ ނިސްބަތްވާ ރަށް އަޑިއަށް ދިޔުމަކުން ސަލާމަތެއް ނުކުރެވެ އެވެ. އޭނާ ދެކޭ ގޮތުގައި މި ސަމިޓަކީ މުއްސަނދި ގައުމުތަކުން "ކުދި ގައުމަތަކަށް ދެއްކޭނީ ކިހާ ފައިސާއެއްތޯ" ފެންނަ ސްޓޭޖެކެވެ. 

ކީޓޭ ބޭނުންވީ މުއްސަނދި ގައުމުތަކުން ޒަމާންތަކެއް ވަންދެން ދުނިޔެ ހޫނުވަމުންދިޔަ ދިޔުމާ މެދު ޒިންމާ ނަގާށެވެ.

"އެކަމަކު އެމީހުންގެ ވާހަކަތަކުން ހީވީ އަހަރުމެންނަށް ފައިސާ ދިނުމަކީ އެއީ އަހަރުމެންނަށް ކޮށްދޭ ހެޔޮ ކަމެއް ހެން - ހެޔޮ ކަމެއް ނޫން އެއީކީ،" ކީޓޭ ބުންޏެވެ.

ކީޓޭ ވަނީ ސަމިޓުގައި ޕެސިފިކް އައިލެންޑްސްގެ މަންދޫބުން ކުރި ހިތްވަރަށް ފަހުރުވެރިވާކަމަށް ބުނެފަ އެވެ.

އުފުލެމުންދާ ކަނޑުގެ ލޮނުގަނޑަށް އަލިއަޅުއްވާލައްވަމުން މިދިޔަ ހަފްތާގައި ތުވާލޫގެ ފޮރިން މިނިސްޓަރު ވަނީ މޫދުގައި ހުންނަވާ ނޫސްކޮންފަރެންސެއް ދެއްވައިފަ އެވެ.

ޓޮންގާގެ އެލިޒަބަތު ކީޓޭ ގަބޫލުކުރާ ގޮތުގައި އޭނާގެ ގައުމު ކަހަލަ ޖަޒީރާ ރަށްތައް ސަލާމަތެއް ނުކުރެވޭނެ

"އަހަރުމެންނަކީ އެކުވެރި، ސުލްހަވެރި ބައެއް. ބޭނުންވާ ކަންކަމަށް ހަރުކަށިކޮށް އެދުމަކީ އަހަރުމެންނަށް ކުރަން އުނދަގޫ ކަމެއް - އެހެންވެ އަހަރެން ދެރަވޭ މިޑީލުން އަހަރުމެން ކުރިހާ މަސައްކަތްތައް ފެނިގެން ނުދާތީ،" ކީޓޭ ބުންޏެވެ.

މޫސުމީ ބަދަލުތަކާ މެދު ދުނިޔޭގައި އޮތް ނިދިމަޑުކަން އެއްގޮތަކަށް ވެސް ކަމުނުދާކަން އޭނާއަށް ޔަގީންވެ އެވެ. މުއްސަނދި ގައުމުތަކުން ހީވަނީ "އާނ، ފުރަތަމަ ޖަޒީރާ ރަށްތައް ނެތެން ދޫކޮށްލާނީ. އެއަށް ފަހު ކޮންމެވެސް ކަމެއް ކުރެވޭތޯ ބަލާނީ" ބުނާހެން ކަމަށް ކީޓޭ ބުންޏެވެ.

ނަމަވެސް ނިމުނު ސަމިޓުން ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ފެނިފައިވާކަމަށް އޭނާ އެއްބަސްވެ އެވެ. ބޯޓުދެއްޔާއި، ފޮސިލް ފިއުލްސްގެ ވާހަކަ މިފަދަ އެއްބަސްވުމަކަށް ލެވުނު މިއީ ފުރަތަމަ ފަހަރެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ފަގީރު ގައުމުތަކަށް ކުރަމުންދާ އަސަރުތަކަށް އެހީވެދިނުމަށް ވެވުނު އެއްބަސްވުމަކީ ރަނގަޅު ފިޔަވަޅުތަކެއް ކަމަށް ވެސް އޭނާ ދެކެ އެވެ.

ބަންގްލަދޭޝް: "ޒުވާނުންގެ އަޑު އެންމެ ފަހުން އިވެން ފަށައިފި"

އުމުރުން 25 އަހަރުގެ ސޮހާނުއް ރަހްމާނަކީ ބަންގްލަދޭޝްގެ ފްރައިޑޭ ފޮ ފިއުޗާ ޖަމިއްޔާ އުފެއްދުމުގައި އިސްވެ އުޅުނު އެއް ޒުވާނާ އެވެ. ކަނޑުގެ ލޮނުގަނޑާ ހަމައިގައި އޮންނަ ބަންގްލަދޭޝްއިން ދަނީ މޫސުމީ ބަދަލުތަކާ ގުޅޭ އަސަރުތައް ފެންނަމުންނެވެ. އަދި ރަހްމާނަކީ ޒުވާނުން މިކަމަށް ހޭލުންތެރިކުރުވަން ލީޑުކުރާ ޒުވާނެކެވެ.

ގްލަސްގޯ ސަމިޓުން ޒުވާނުންގެ އަޑު އެފަދަ ސަމިޓެއްގެ ބައިވެރިންނަށް ފުރަތަމަ ފަހަރަށް އިވިފައިވާހެން ހީވާކަމަށް ރަހްމާން ބުނެ އެވެ. ނަމަވެސް މި ސަމިޓުން އެއްވެސް ނަތީޖާއެއް ހާސިލު ނުވާ ކަމަށް ވެސް އޭނާ ދެކެ އެވެ.

ސޮހާނުއް ރަހްމާން

ރަހްމާން ވަނީ ގްލާސްގޯއަށް ދަތުރުކޮށް، ދެ ހަފްތާ މަޑުކޮށްފަ އެވެ. އަދި އުއްމީދުކޮށްގެން ހުރީ އުފާވެރި ހަބަރަކައިގެން އެނބުރި ރަށަށް ދާށެވެ. ނަމަވެސް މިހާރު އޭނާއަށް އިހްސާސް ކުރެވެނީ ނާއުންމީދާއި ބޭވަފާކަމަށް ސިފަކުރި އެވެ.

"މި ގޮތަށް ހުސް ވާހަކަތަކެއް ދައްކައިގެން އަހަރުމެންގެ މީހުނެއް ސަލާމަތެއް ނުކުރެވޭނެ ކުރިމަތިވާ ކާރިސާއަކުން،" އޭނާ ކިޔައިދިނެވެ.

ފަގީރު ގައުމަތަކަށް އެހީވެދޭން ނިންމި ނިންމުމަށް އޭނާ ވެސް މަރްހަބާ ކިޔަ އެވެ. ނަމަވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ އަސަރުކޮށްފައިވާ މީހުންގެ އަޑު ސަމިޓުން ކަނޑުވާލާފައިވާ ކަމަށް ތުހުމަތުކުރި އެވެ. މިކަމުގެ ޒިންމާ ރަހްމާން އަޅުވަނީ ސަމިޓަށް ހާޒިރުވެވަޑައިގެން ތިއްބެވި ފޮސިލް ފިއުލް ސިނާއަތުގެ މަންދޫބުންގެ ބޮލުގަ އެވެ.

ކުޑަކުދިންގެ ތައުލީމު ގެއްލި، ކަނޑުގެ ލޮނުގަނޑު ހިއްލުމުގެ ސަބަބުން ބައެއް މުޖުތަމައުތައް ނެތިގެން ހިނގައިދާނެތީ ރަހްމާން ބިރުގަނެ އެވެ.

ޔުގަންޑާ: "އަހަރުމެންގެ މުޖުތަމައުއަށް ބަދަލެއް ނާންނާނެ"

އެޑްވިން މުމްބެރޭ ދިރިއުޅެނީ ޔުގަންޑާގެ ރުވެންޒޯރީ ފަރުބަދަތަކުގެ ކައިރީގަ އެވެ. ނަމަވެސް އެފަރުބަދަތަކުން ވިރިގެން ފައިބާ ފެނުގެ ސަބަބުން ވަށައިގެންވާ މުޖުތަމައުތައް ނެތިދިޔުމުގެ ބިރުވަނީ ހީވެފަ އެވެ. މިހާރު 29 އަހަރުގެ މުމްބެރޭ އެކްޓިވިސްޓަކަށް ވީ ފަރުބަދަތައް މަތިން ވިރި ގެއްލެމުންދާ ސްނޯތައް ފެނުމުންނެވެ.

މުމްބެރޭ ދެކޭ ގޮތުގައި ގްލާސްގޯގައި ވި އެއްބަސްވުމަކީ ޔުގަންޑާއަށް ލިބުނު ހިތާމައެކެވެ. އަދި އެ އެއްބަސްވުމުގެ ސަބަބުން އޭނާގެ އަވަށުގައި އުޅޭ 100،000 މީހުންނަށް މާ ބޮޑު ބަދަލެއް ނާންނާނެ އެވެ.

އެޑްވިން މުމްބެރޭ - ތެލާއި ގޭސް ހޯދަން އެފްރިކާގައި ތައްޔާރުވަމުންދާ ޕްރޮޖެކްޓުތަކެއް ގްލާސްގޯ ޑީލަކުން ނުހުއްޓުވޭ

"މޫސުމީ ބަދަލަކީ އަސްލު ކަމެއްކަން އަހަރުމެން ހެކިދައްކައިގެން އެމީހުން ލައްވާ ގަބޫލުކުރުވިޔަސް މިކަން ހައްލުކުރަން އަސްލު އަޅަން ޖެހޭ ފިޔަވަޅެއް ނާޅާ" މުމްބެރޭ ބުންޏެވެ.

 އޭނާ އެންމެ ކަންބޮޑު ވަނީ ވިހަ ގޭސްތައް މަދުކުރަން ގެންގުޅޭ ވިސްނުމުގައި މާ ބޮޑު ސަމާލުކަމެއް ނެތުމުންނެވެ. މިހާރު ޔުގަންޑާ އާއި އެފްރިކާގެ އެކި ހިސާބުތަކުގައި ގޭހާއި، ތެޔޮ ފެނޭތޯ ބަލަން ތައްޔާރުވަމުންދާ މަސައްކަތްތައް ގްލަސްގޯ އެގްރިމެންޓުން ނުހުއްޓުވެ އެވެ.

"ފައިސާގެ އެހީތެރިކަން ދޭން މިބުނާ ގައުމުތަކަކީ ދުނިޔެއަށް ވިހަ ގޭސްތައް ބޭރުކުރާ ޕްރޮޖެކްޓުތަކަށް އިންވެސްޓު ކުރަމުންދާ ގައުމުތައް. މިއީ ހަމަ ދެފުށްކެހެރިކަން."

ފިލިޕީންސް: "އަހަރެމެންގެ މަސައްކަތްތައް ކުރިޔަށްގެންދާނަން"

އުމުރުން 23 އަހަރުގެ ޖޮން ބޮނިފާޗިއޯ، ފިލިޕީންސްގެ މެޓްރޯ މެނީލާ ޖަމިއްޔާގެ އެކްޓިވިސްޓަކަށްވުމުގެ ކުރިން ކިޔެވީ ބައޮލޮޖީ އެވެ. ގްލަސްގޯގެ އެއްބަސްވުމުގައި "ވަރަށް ގިނަ ފަހަރަށް އެއްފިޔަވަޅު ކުރިއަށް އަޅާފައި ދެ ފިޔަވަޅު އަޅާފައިވަނީ ފަހަތަށް" ކަމަށް ބިނިފާޗިއޯ ދެކެ އެވެ.

ޕިލިޕީންސްގެ ޖޮން ބޮނިފާޗިއޯ

ދުނިޔޭގެ 197 ގައުމުން ތަފާތު އެޖެންޑާތަކާ އެކު ސަމިޓުގައި ބައިވެރިވެ، ކުރާނެ މަސައްކަތްތަކާއި، ދޫކޮށްލާނެ ކަންކަމާ މެދު މަޝްވަރާކުރިޔަސް މިއީ މޫސުމީ ބަދަލުތަކުގެ އަސަރު ކުރިމަތިވަމުންދާ ގައުމަތަކަށް ހަމަހަމަ އުސޫލެއް ނޫން ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"އަހަރުމެންނަށް ޖެހޭނީ މޫސުމީ ބަދަލުތަކުގެ ވޭންތައް މިހާރާއި ދިގު މުސްތަގުބަލުގައި ވެސް ތަހައްމަލުކުރަން،" އޭނާ ކިޔައިދިނެވެ.

ބޯޓުދެއްޔާއި ފޮސިލް ފިއުލާ ބެހޭ ގޮތުން އެއްބަސްވުމުގައި ލިޔެފައިވާ ލިޔުންތަކަށް އިތުބާރެއް ނުކުރެ އެވެ. އިތުބާރު ނުކުރަނީ ގައުމުތަކަށް މި އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރުމުގެ ފުރުސަތު ލިބޭތީ ކަމަށް ބޮނިފާޗިއޯ ބުންޏެވެ. 

އެހެން ގިނަ އެކްޓިވިސްޓުން ވެސް ބުނި ގޮތަށް ބޮނިފާޗިއޯ ވެސް ދެކޭ ގޮތުގައި ފަގީރު ގައުމުތަކަށް މޫސުމީ ކާރިސާތަކުގައި އެހީތެރިވެދިނުމަކީ މި ސަމިޓުން ނުކުމެފައިވާ ހެޔޮ ނަތީޖާއެކެވެ.

"ވެވުނު އެއްބަސްވުން ކިތަންމެ ފުރިހަމަކަމުގައި ވިޔަސް، ސަރުކާރުތަކުން އެކަމަށް ޒިންމާދާރުކުރެވޭނީ ރައްޔިތުންނަށާއި އެކްޓިވިސްޓުންނަށް،" އެނބުރި ފިލިޕީންސްއަށް ގޮސް މަސައްކަތަށް ނުކުންނަން ތައްޔާރަށް ހުރި ބޮނިފާޗިއޯ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް