ވެރިރަށް މޮގަދިށޫ ބޭރުގައި ހުރި ފެންބޮޑުވެފައިވާ ވަގުތީ ހިޔާއެއްގައި ގެދޮރުން ބޭރުވާން މަޖުބޫރުވި 50 އަހަރުގެ ފާތިމާ އަބްދީ އިށީދެލައިގެން
ސޯމާލިއާގައި ފެންބޮޑުވެ ގިނަ ބަޔަކު މަރުވެ، އެތައް ހާސް ބަޔަކު ތާށިވެއްޖެ
އިރުމަތީ އެފްރިކާއަށް މިހާރު ކުރަމުން އަންނަ ގަދަ ވިއްސާރާގައި ސޮމާލިއާއަށް ވަރަށް ބޯކޮށް ވާރޭވެހި ގިނަ ބަޔަކު މަރުވެ، އެތައް ލައްކަ މީހުން ގެދޮރުން ނުކުންނަން މަޖުބޫރުވެއްޖެ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަދުވެގެން 29 މީހަކު މަރުވެ، 300،000 އަށް ވުރެ ގިނަ މީހުން ގެދޮރުން ނުކުންނަން މަޖުބޫރުވެފައިވާ ކަމަށް ސޮމާލިއާގެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީ (ސޯޑީއެމްއޭ) އިން ވަނީ ބުނެފަ އެވެ. އަދި މިއީ އެތައް އަހަރެއްގެ ތެރޭ މިހާ މޫސުން ގޯސްވި ފުރަތަމަ ފަހަރު ކަަމަށް ވެސް އެއިދާރާއިން ވަނީ ބުނެފަ އެވެ.
"މިއިން ޒަމާނަކު ވެސް މިހާ ގޯހެއް ނުވޭ،" ސޯޑީއެމްއޭގެ މެނޭޖިންގް ޑިރެކްޓަރު ހަސަން އީސަ ވިދާޅުވި އެވެ.
"އަހަރެންގެ މުޅި ހަޔާތުގައި ވެސް މިވަރުގެ ފެންބޮޑުވުމެއް ކުރިމަތިވި ހަނދާނެއް ނެތް،" ހުޅަނގު ދެކުނު ސޮމާލިއާގެ ބައިދޯއާ ސިޓީގެ އުމުރުން ދުވަސްވީ މުހަންމަދު ފަރާ ހިއްސާ ކުރި އެވެ. "ގެދޮރު ދޫކޮށް އުސް ތަންތަން ހޯދުމަށް ހުއްޓުމެއް ނެތި މީހުން ދަނީ މަސައްކަތް ކުރަމުން."
އެފްރިކާގެ އެންމެ އިރު މައްޗަށް އޮތް ސޮމާލިއާއަށް ގަދަ ވިއްސާރައާ ކުރިމަތިވެފައި މިވަނީ މިދިޔަ އަހަރު ކުރިމަތިވި ގަދަ ހަނަފަސްކަމާ ގުޅިގެން 43،000 މީހުން މަރުވެ، ދަނޑުވެރިކަމަށް ލިބުނު ގެއްލުންތަކުން އަދި އަރައި ނުގަނެވިގެން އުޅެނިކޮށެވެ.
ފެންބޮޑުވުމާ ގުޅިގެން ތާށިވެފައި ތިބި ކަމަށް ގަބޫލު ކުރެވޭ އެތައް ހާސް ބަޔަކު ހޯދުމުގެ މަސައްކަތް ސޯމާލިއާގެ ސަރުކާރުން މިހާރު އަންނަނީ ކުރަމުން ނެވެ. ލޫގް އަވަށުގައި ހުރި ކޯރެއް ފުރި ބަންޑުންވުމާ ގުޅިގެން މަދުވެެގެން 2،400 މީހުން ތާށިވެފައިވާ ތިބި ކަމަށް ވެސް އދ. އިން ވަނީ އިންޒާރު ދީފަ އެވެ.
"ވަގުތީ ހިޔާތައް ވެސް މިހާރު އޮޔާ ދަނީ. ކުދިންތައް ވީނުވީ ތަނެއް ނޭނގެ. އަހަރުމެންނަކަށް ނޭނގެ އެމީހުން ދިރިތިބި ކަމެއް ނުވަތަ މަރުވީ ކަމެއް،" ފެންބޮޑުވުމާ ގުޅިގެން ގެދޮރުން ނުކުންނަށް މަޖުބޫރުވި ފަދޫމޯ އަބްދުލް ކާދިރް އަލްޖަޒީރާ ނޫހަށް ކިޔާ ދިނެވެ.
ސޯމާލިއާއަށް މިހާރު ކުރަމުން އަންނަ ވިއްސާރަ ގުޅިފައި ވަނީ ކޮންމެ ތިން އަހަރަކާއި ހަތް އަހަރާ ދެމެދު އެއް ފަހަރު ދުނިޔެއަށް ކުރިމަތިވާ އެލް ނީނޯގެ ސަބަބުން ނެވެ. އެލް ނީނޯއާ އެކު ކަނޑުގެ ލޮނުގަނޑު ހޫނުވެ ދުނިޔޭގެ އެކި ހިސާބުތަކަށް މޫސުމީ ގިނަ އަސަރުތަކެއް ކުރެ އެވެ.
ސޯމާލިއާގެ އިތުރުން އިރުމަތީ އެފްރިކާގެ ކެންޔާ އާއި އިތިއޮޕިއާއަށް ވެސް އަންނަނީ ބޯކޮށް ވާރޭ ވެހެމުން ނެވެ.
ކެންޔާގެ ރެޑް ކްރޮސް ސޮސައިޓީ އިން އާދިއްތަ ދުވަހު މައުލޫމާތު ދިން ގޮތުގައި، ހަފްތާ ބަންދުގައި ކުރި ވިއްސާރައާ ގުޅިގެން 15 މީހަކު މަރުވެ، 97 ހެކްޓަރުގެ ދަނޑުބިންތައް ހަލާކުވެ، 1،000 އަށް ވުރެ ގިނަ ދަނޑު ޖަނަވާރުތައް ވަނީ މަރުވެފަ އެވެ.
އަދި ވިއްސާރައާ ގުޅިގެން އިތިއޮޕިއާގަައި އޮންނަ ސޮމާލިއާ ސަރަހައްދުން އެތައް ހާސް ބަޔަކު ގެދޮރުން ނުކުތުމަށް ވެސް ވަނީ މަޖުބޫރުވެފަ އެވެ.
މޫސުމީ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދާކަމަށާއި މީގެ އަސަރު އެފްރިކާ ބައްރު ބޭރު ފުށުގައިވާ ގައުމުތަކަށް ކުރާލެ ބޮޑުވާނެ ކަމަށް ސައިންސްވެރިން ވަނީ ވިދާޅުވެފަ އެވެ.
"ފެންބޮޑުވުމާއި ހަނަފަސްކަމުގެ ހާލަތްތައް ހުއްޓުމެއް ނެތި ކުރިމަތިވުން ދާނެ. އަދި ބައިނަލްއަގްވާމީ މިންވަރެއްގައި މިކަމަށް ފިޔަވަޅެއް ނާޅައިފި ނަމަ މިފަދަ ކަންކަން ފެންނަލެ އިތުރު ވެސް ވާނެ،" އދ. ގެ އެންވަޔަރަންމަންޓް ޕްރޮގްރާމްގެ ކްލައިމެޓް ސެކިއުރިޓީ އެޑްވައިޒާ އަލްޖަޒީރާ ނޫހަށް މައުލޫމާތު ދެއްވި އެވެ.