ޑެނީލް ނަބޮއާ

އިކުއެޑޯ

އިކުއެޑޯގެ ރައީސް ކަމަށް ޑެނީލް ނަބޯއާ ހޮވިވަޑައިގެންފި

35 އަހަރުގެ ނަބޯއާ އަކީ އިކުއެޑޯގެ ރައީސް ކަމާ ހަވާލުވެވަޑައިގަންނަވާ އެންމެ ހަގު ބޭފުޅާ
16 އޮކްޓޯބަރު 2023

އިކުއެޑޯގެ ރައީސް ކަމަށް 35 އަހަރުގެ ވިޔަފާރި ވެރިޔާ ޑެނީލް ނަބޯއާ ހޮވިވަޑައިގެންފި އެވެ. 

އިއްޔެ އިކުއެޑޯގައި ބޭއްވި އިންތިހާބު ނަބޯއާ ކާމިޔާބު ކުރައްވާފައި ވަނީ ވޯޓުގެ %52.3 ހޯއްދަވައިގެން ނެވެ. އަދި އޭނާއާ އިދިކޮޅުން ވާދަކުރެއްވި ވޯޓުގެ %47.7 ހޯއްދެވި ލުއީސާ ގޮންޒާލޭސް ވަނީ ބަލި ގަބޫލުކުރައްވާ ނަބޯއާ އަށް މަރުހަބާ ދަންނަވައިފަ އެވެ.

ނަބޯއާ ވެވަޑައިގަންނަވާނީ އިކުއެޑޯގެ ތާރީހުގައި ރައީސް ކަމާ ހަވާލުވެވަޑައިގަންނަވާ އެންމެ ހަގު ބޭފުޅާ އަށެވެ. ނޭޝަނަލް ޑިމޮކްރެޓިކް އެކްޝަން ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ނަބޯއާ އަކީ ރައީސް ކަމަށް ކުރިމަތިލައްވާ ފަސް ފަހަރު ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި އަލްވާރޯ ނަބޯއާގެ ދަރިކަލުން ނެވެ.

އިކުއެޑޯގެ ރައީސް ކަމުގައި ޑެނީލް ނަބޯއާ ހުންނަވާނީ 2025 ވަނަ އަހަރުގެ މޭމަހާ ހަމައަށް، އެންމެ 17 މަސް ދުވަހު އެވެ. 

އިކުއެޑޯގައި ރިޔާސީ އިންތިހާބެއް ބާއްވާފައި މިވަނީ ކުރިން ހުންނެވި ރައީސް ޖޫލެރްމޯ ލައްސޯގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށް ދަނިކޮށް އެ މަޖިލީސް ލައްސޯ އުވާލެއްވުމާ ގުޅިގެން ނެވެ.

އިންތިހާބުން ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަ ކުރައްވަމުން ސަޕޯޓަރުންނާ މުހާތަބުކޮށް ނަބޯއާ ވިދާޅުވީ، "އާ އިކުއެޑޯއަކަށް އަަހަރުމެން މާދަމާ މަސައްކަތް ފަށާނަން. އަހަރުމެންގެ މަސައްކަތް ފަށާނީ އަނިޔާވެރިކަމާއި، ކޮރަޕްޝަނާއި ރުޅިވެރިކަމުން ފުރިގެންވާ މިގައުމު އަލުން އާރާސްތު ކުރުމާ އެކު،" ކަމަށެވެ. 

އިންތިހާބުގެ ކާމިޔާބީއަށް ފަހު ނަބޯއާ ވާހަކަދައްކަވަނީ (ވީޑިއޯ/ރޮއިޓާސް)

ފާއިތުވެ ދިޔަ މަދު އަހަރުތަކެއްގައި އިކުއެޑޯގައި ގޭންގު ހަމަނުޖެހުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ރައީސް ކަމަށް ކުރިމަތިލެއްވި ކެނޑިޑޭޓު ފާނަންޑޯ ވިލަވިޗެންސިއޯ ވަނީ ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް އޯގަސްޓު މަހު މަރާލާފަ އެވެ.

އިކުއެޑޯގެ އެންމެ ބާރުގަދަ ކުށްވެރިން ކަނޑުމަތީގައި ހުންނަ "ޖަލު ބޯޓު"ތަކަކަށް ބަދަލުކުރުމަށް ނަބޯއާ ވަނީ ހިޔާލު ހުށައަޅުއްވާފަ އެވެ. މިއީ ޖަލުތަކުގައި ބޮޑެތި ޖަރީމާތަކެއް ހިންގަމުން އަންނަ ގޭންގުތަށް ބައިބައިކޮށްލުމަށް ނަބޯއާ ހުށައެޅުއްވި ހިޔާލެކެވެ. 

މީގެ އިތުރުން ވެސް އިކުއެޑޯގެ ބޯޑަރުތަކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށް ޑްރަގް ޓްރެފިކު ކުރާ މަގުތަށް ބަންދު ކުރުމަށް ވެސް އޭނާ ގޮވާލައްވާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް