މޮރޮކޯގައި އެހީ ފޯރުކޮށްދިނުމަށް ޒުވާނުން ހަރަކާތްތެރި ވަނީ.

މޮރޮކޯ

މޮރޮކޯގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގައި ޒުވާނުން

ހާލުގައި ޖެހިފައި ތިބި އެންމެންނަށް އެހީ ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރެވެމުން
13 ސެޕްޓެމްބަރު 2023

ހުކުރު ދުވަހުގެ ރޭ މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެގައުމުގެ ޒުވާނުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެގޮތުން ސޯޝަލް މީޑިއާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޖަހާފައިވާ ޕޯސްޓުތަކަށް އިޖާބަދީ ތަރޫދަންތު ސިޓީގެ ޔޫތު ސެންޓަރަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި ބައިވެރިވުމަށް މޮރޮކޯގެ އެކި ހިސާބުތަކުން ޒުވާނުން އަންނަނީ ޖަމާވަމުން ނެވެ.

ދިރިހުރުމަށް ބޭނުންވާ އެންމެ އަސާސީ ސާމާނުތައް ނެތް އެތައް ސަތޭކަ އަވަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންތައްތައް އިންތިޒާމު ކުރުމުގައި ބައިވެރިވަމުން އަންނަ އެކްޓިވިސްޓުންނާއި އެހީތެރިންގެ އަދަދު އަންނަނީ ހަލުވިކަމާ އެކު އިތުރުވަމުން ނެވެ.

ކިރު، ނެޕީ، ޖޭމު އަދި ލުއި ގޮދަޑި ފަދަ ތަކެތި އެތައް ބައިވަރު ޒުވާނުންނެއް ވެގެން އަންނަނީ ލޮރީތަކަށް ބަރުކޮށް، ބިންހެލުމުގައި އެންމެ ބޮޑަށް އަސަރުކޮށްފައިވާ އެޓްލަސް ފަރުބަދަތަކުގެ މަތީގައިވާ އަވަށްތަކަށް ފޮނުވަމުން ނެވެ. މި މަސައްކަތްތަކުގެ މަގްސަދަކީ އެހީއަށް ޖެހިފައިވާ މީހުންނަށް ވީހާ ވެސް އަވަހަކަށް ސަޕްލައިތައް ފޯރުކޮށްދިނުމެވެ.

"މީހުން ތިބީ ނުރައްކާތެރި ހާލަތެއްގައި. އަހަރުމެން އަވަހަށް މަސައްކަތް ނުކޮށްފި ނަމަ މީހުން މަަރުވާނެ،" 21 އަހަރުގެ އިލިޔާސް ފޮށިތަކެއް ބަންދުކުރަމުން ބުންޏެވެ.

އެހީގެ މަސައްކަތުގައި ބައިވެރިވަމުން އަންނަ 21 އަހަރުގެ އިލިޔާސް.

ފްރާންސާއި ޖަރުމަނު ފަދަ ބައެއް ގައުމުތަކުން ހުށައަޅާފައިވާ އެހީތެރިކަމަށް ނޫނެކޭ ބުނުމުން މޮރޮކޯ ސަރުކާރަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ނަމަވެސް ދައްތަ ނަސީބްއާ އެކު އެހީގެ މަސައްކަތުގައި ބައިވެރިވުމަށް އިނެޒްގަނޭ ސިޓީއިން އައި އަމީނާ ބުނީ ސަރުކާރުގެ މި ނިންމުމަށް އޭނާ އިހްތިރާމް ކުރާ ކަމަށެވެ.

"ސަރުކާރުން ކުރާ ކަމެއް ސަރުކާރަށް އެނގޭނެ. އަހަރުމެން އެހީއެއް ބޭނުންވެއްޖެ ނަމަ އަހަރުމެން އެދޭނަން. ސަރުކާރަށް އެނގޭނެ މާބޮޑަށް." އޭނާ ބުންޏެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެކި ފަރާތްތަކުން އެހީތައް ފޯރުކޮށްދެމުން އަންނަ އިރު، މިހާރު އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގޮންޖެހުމަކީ އެ އެހީތައް ވީހާ ވެސް އަވަހަކަށް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. 

ތަރޫދަންތު ސިޓީ ތެރެއިން މެދުނުކެނޑި އެހީގެ ލޮރީތަކުގެ އިންޖީނުގެ އަޑުތައް އިވެމުން އަންނަ އިރު، ލޮރީތައް ބަރުކޮށްގެން ނައްޓާލާ މަންޒިލު ގިނަ ފަހަރަށް އެނގެނީ އެންމެ ފަހު މިނެޓުގަ އެވެ. އެހީގެ ކަންތައްތައް އިންތިޒާމް ކުރާ ފަރާތްތަކުން އިސްކަމެއް ދެމުން އަންނަނީ މިހާތަނަށް އެހީ ފޯރުކޮށްދެވިފައި ނުވާ ސަރަހައްދުތަކަށް އެހީ ފޮނުވުމަށެވެ. 

ބިންހެލުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ ފަރުބަދަމަތީގެ އަވަށްތައް މިހާރު ފެންނަމުން ދަނީ މުޅިން އެހެން ދުނިޔެއެއް ގޮތަށެވެ. މީގެން އެއް އަވަށް ކަމުގައިވާ އޫޖެ ދިމްތުގައި 40 އާއިލާއެއް ވަނީ ބިންހެލުމާ އެކު ނެތިގޮސްފަ އެވެ. އެހީގެ ލޮރީ އެ އަވަށަށް ފޯރުމާ އެކު އެ އަވަށުގެ ބާކީ ތިބި މީހުން އެއްވަމުން ދިޔައީ ގަސްތަކުގެ ދަށުގަ އެވެ. އެމީހުންގެ ހަލާކުވެފައިވާ ގެތަކުގެ ހިޔަލުގަ އެވެ.

އޫޖު ދިމްތު އަވަށަށް އެހީ ފޯރުކޮށްދެނީ.

ޔަހްޔާ އިބްރާހީމުގެ ފުރާ އުމުރުގެ ދެ ފިރިހެން ދަރިން ވަނީ ހުކުރު ދުވަހުގެ ރޭ މަރުވެފަ އެވެ. އޭނާ ކިޔައިދިން ގޮތުގައި ބިންހެލުމަށް ފަހު ވެސް އެކުދިން ދިރިތިއްބެވެ. ނަމަވެސް ސަލާމަތް ނުކުރެވުނީ އެވެ.

"އެކި ގައުމުތަކުގެ އެކި މީސްމީހުންގެ ލޯބިވާ މީހުން ވަނީ މަރުވެފައި. މިހާރު މިތަނުގައި ވެސް މިވަނީ އެހެން ވެފައި. މިއީ އިރާދަކުރެއްވި ގޮތް،" އޭނާ ބުންޏެވެ.

އެޓްލަސް ފަރުބަދަތަކުގައި ދިރިއުޅެމުން އަންނަ އާބާދީތަކަކީ ޒަމާނުއްސުރެއް 'އަތުން އަނގަޔަށް' ދިރިއުޅެމުން އައި ބައެކެވެ. އެހެންކަމުން މިހާރު އެމީހުންގެ ދަނޑު ޖަނަވާރުތަކާއި އަވަންތަކާއި ގޮވާން ގުދަންތައް ނެތިދިޔުމާ އެކު އެ މީހުންނަށް އެހީތެރިކަން މުހިންމު ވާނީ ހަމަ އެކަނި މިވަގުތައް އެކަންޏެއް ނޫނެވެ. ދުރު މުސްތަގުބަލުގައި ވެސް ދިރިއުޅެވޭނޭ ގޮތްތަކެއް އެމީހުންނަށް ހޯދާން ދޭން ޖެހެ އެވެ.

އެމެރިކާގައި ދިރިއުޅުމަށް ފަހު މީގެ ހަތަރު އަހަރުކުރިން ކޮވިޑާ ގުޅިގެން މައިންބަފައިންނަށް އެހީތެރިވެދިނުމަށް މީގެން އަވަށަކަށް ބަދަލުވި މިނާ ހިއްސާކުރިގޮތުގައި މި ކާރިސާގެ ސަބަބުން މުޅި މުޖުތަމައު ވަނީ ސިހިގެން ގޮސްފަ އެވެ.

"އެމީހުން އަދިވެސް ތިބީ ބިރުން. ދުރު މުސްތަގުބަލަކަށް އެމީހުންނެއް އަދި ނުވިސްނާ." އޭނާ ބުންޏެވެ.

ހާލުގައި ޖެހިފައި ތިބި މިފަދަ މީހުން މިވަގުތު ވިސްނަމުން އަންނަނީ ކުރިއަށް އޮތް ވިއްސާރައާ ގުޅިގެން ތަހައްމަލު ކުރަން ޖެހޭ ފިނި ބޮޑު ރޭތަކަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް