ޔަމަނުން ސައުދީ އަރަބިއްޔާއަށް ވަންނަން އުޅުމުން ސައުދީ ސިފައިން ބަޑިޖަހާފައިވާ ކަމަށް އިތިއޮޕިއާ ރެފިއުޖީން ތުހުމަތުކޮށްފައިވޭ.

ސައުދީ އަރަބިއްޔާގެ ބޯޑަރު ސިފައިން އެތަކެއް ސަތޭކަ ރެފިއުޖީން މަރާލާފައިވޭ: ރިޕޯޓް

ސައުދީ ސަލާމަތީ ބާރުތަކުގެ މައްޗަށް މި ތުހުމަތުތައް ފުރަތަމަ އުފުލާފައި ވަނީ އދ. އިން މިދިޔަ އޮކްޓޯބަރު މަހު

ސައުދީގެ ބޯޑަރު ސިފައިން ޔަމަނުގެ ކައިރީގައި އެތަކެއް ސަތޭކަ ހިޖުރަވެރިން މަރާލާފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) ގްރޫޕުން ނެރުނު އާ ރިޕޯޓެއްގައި ތުހުމަތުކޮށްފި އެވެ.

އެ ރިޕޯޓުގައިވާ ގޮތުން، ހަނގުރާމައިގައި ސުންނާފަތިވެފައިވާ ޔަމަނު ހުރަސްކޮށް ސައުދީއަަށް ވަންނަން އުޅުމުން މަރާލި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް އިތިއޮޕިއާ ރައްޔިތުން ވެސް ހިމެނެ އެެވެ.

ބީބީސީ އަށް ބައެއް މީހުން ކިޔައިދިން ގޮތުގައި ބަޑީގެ ހަމަލާތަކާ އެކު އެމީހުންގެ ބައެއް ގުނަވަންތަކަށް ވަނީ ދާއިމީ ގެއްލުންތައް ލިބިފަ އެވެ. އަދި އަނެއް ބަޔަކު ބުނި ގޮތުގައި ބޯޑަރު ހުރަސްކުރާ މަގުތައް މަތިން، މަރުވެފައިވާ މީހުންގެ ހަށިތައް އެމީހުންނަށް ވަނީ ފެނިފަ އެވެ.

ރާވައިގެން ރެފިއުޖީންނާއި ހިޖުރަކުރާ މީހުން މަރަމުން ގެންދާކަމުގެ ތުހުމަތު ސައުދީ އަރަބިއްޔާއިން ކުރިން ވަނީ ދޮގުކޮށްފަ އެވެ.

'އެމީހުން ހަމަލާތައް ދީފައި ވަނީ މަތިން ވާރޭ ވެހެމުންދާ ފަދައިން'ގެ ނަންދީފައިވާ ރިޕޯޓުގައި ހިއުމަން ރައިޓްސް ވޮޗް އިން ވަނީ ސައުދީ އިން ޔަމަނާ އެކު ހިއްސާކުރާ ބޯޑަރުގައި، ހިޖުރަކުރަން މަސައްކަތް ކުރި ބައެއް މީހުންނަށް ދިމާވި ހާދިސާތަކާއި ހާލަތުތައް ތަފްސީލާ އެކު ކިޔައިދީފަ އެވެ. މީގެ ތެރެއިން ބައެއް މީހުން އެމީހުންނާ ދިމާލަށް ބަޑިން ހަމަލާދީފައިވާ ކަމަށް ބުނެފައި ވާއިރު، އަނެއް ބަޔަކު ވަނީ ސައުދީ ފުލުހުންނާއި ސިފައިން ގޮވާތަކެތި ވެސް ބޭނުންކުރި ކަމަށް ތުހުމަތުކޮށްފަ އެވެ.

އަދި ބީބީސީއާ ވާހަކަދެއްކި ބައެއް މީހުން ބުނި ގޮތުގައި، ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ގޮވައިގެން ބޯޑަރު ހުރަސްކުރަން އުޅުނު އިތިއޮޕިއާގެ ގްރޫޕުތަކާ ދިމާލަށް ސައުދީ ބޯޑަރު ސިފައިން ވަނީ ބަޑިން ހަމަލާދީފަ އެވެ. މި އެންމެން ވެސް ސައުދީއަށް ވަނުމަށް މަސައްކަތް ކޮށްފައި ވަނީ ވަޒީފާއެއް ހޯދައި އެ ގައުމުގައި ވަޒަންވެރިވުމުގެ ނިޔަތުގަ އެވެ.

"ހަމަލާތައް ހުއްޓުމެއް ނެތި ދިޔައީ ކުރިއަށް،" 21 އަހަރުގެ މުސްތަފާ ސޫފިޔާ މުހައްމަދު ބީބީސީއަށް ކިޔައިދިނެވެ. އޭނާ އިތުރަށް ބުނި ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހު އޭނާ 45 މީހުންގެ ގްރޫޕަކާ އެކު ވަގަށް ސައުދީ ބޯޑަރު ހުރަސްކުރަން އުޅެނިކޮށް ހަމަލާތައް އަމާޒުވެ އެ ގްރޫޕުގެ ބައެއް މީހުން ވަނީ މަރުވެފަ އެވެ.

"އަހަންނަކަށް ނުވެސް އެނގުނު އަހަރެން ގަޔަށް ވަޒަން އެރި ކަމެއް. އެކަމަކު ކޮޅަށް ތެދުވެ ހިނގައިގަންނަން އުޅުމުން މި އެނގުނީ ފައިގެ އެއްބައި ނެތްކަން."

މުސްތަފާ ސޫފިޔާ މުހައްމަދު: ސައުދީ-ޔަމަނު ބޯޑަރުގައި ހަމަލާތަކާ ކުރިމަތިވި ކަމަށް ބުނޭ.

މިއީ ޔަމަނާއި އިތިއޮޕިއާގެ އިންސާނުން ޓްރެފިކު ކުރާ ގްރޫޕުތަކުގެ އަތްދަށުގައި ތިން މަސް ދުވަސް ވަންދެން މުސްތަފާ ތަހައްމަލު ކުރި އަނިޔާ އާއި ބަނޑުހައިހޫނުކަމުގެ ދަތުރަށް އައި އެހާ ވެސް ހިތްދަތި އަދި އަނިޔާވެރި ނިމުމެކެވެ.

ބޯޑަރުގައި ހަމަލާ ދިންތާ މަދު ގަޑިއިރުތަކެއް ފަހުން ނަގާފައިވާ ވީޑިއޯއެއްގައި، މުސްތަފާގެ ފައި އެކީހެން ވަކިވެފައިވާ މަންޒަރު ފެނެ އެވެ. އޭނާގެ ފައި ފަހުން ވަނީ ކަކުލުގެ ތިރިން ބުރިކޮށްލާފަ އެވެ. އަދި އޭނާ މިހާރު ދިރިއުޅެމުން އަންނަނީ އޭނާގެ މައިންބަފައިންނާ އެކު އިތިއޮޕިއާގަ އެވެ.

"އަހަރެން ސައުދީ އަރަބިއްޔާއަށް ދިޔައީ އަހަރެންގެ އާއިލާގެ ހާލަތު ރަނގަޅު ކުރުމަށް،" ދެ ކުދިންގެ ބައްޕަ މުސްތަފާ ކިޔައިދިނެވެ. "އެކަމަކު އަހަރެން އުއްމީދު ކުރި ގޮތަކަށް ކަންކަމެއް ނުދިޔަ. މިހާރު އަހަރެންގެ ހުރިހާ ކަމެއް ކޮށްދެނީ މައިންބަފައިން."

ސައުދީ ބޯޑަރުގައި ހަމަލާތަކާ ކުރިމަތިވި އެހެން މީހަކު ކިޔައިދިންގޮތުގައި "އެމީހުން އަހަރެމެން ގައިގައި ތަޅާ، ބައެއް މީހުން މަރާލާ، އަދި ބާކީ ދިރިތިބި ބަޔަކު ވެއްޖެއްޔާ ހޮސްޕިޓަލަށް ގެންދިޔަ" އެވެ.

"މަރުވި މީހުންގެ ހަށިތައް އެ ހުރި ގޮތަށް މަގުމަތީ ހުރީ. އަހަރެން ގަޔަށް އެރި ހަމަލާ އެރީ ފަލަމަސްގަނޑަށް. އަދި އަހަރެންގެ ފައިން ވަނީ ވާގިނެތިފައި. އަހަންނަކަށް ނުހިނގޭ. އަހަރެން ހިތަށް އެރި އަހަރެން މަރުވަނީއޭ،" އޭނާ ބުންޏެވެ.

ހިޖުރަކުރާ މީހުން ޔަމަނު ތެރެއިން ދަތުރުކުރާ މަގު (ބީބީސީ ގްރެފިކްސް)

އދ. ގެ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮ މައިގްރޭޝަން އިން ބުނާ ގޮތުގައި ސައުދީ އަރަބިއްޔާއަށް ވަނުމަށް އެފްރިކާއިން ކަނޑު ހުރަސްކޮށް ޔަމަނަށް ކޮންމެ އަހަރަކު އެތައް ހާސް ބަޔަކު ދަތުރުކުރެ އެވެ. އަދި މި ދަތުރު ކުރާ އެތައް ބަޔަކު ހައްޔަރުވެ އެތައް އަނިޔާއަކާ ކުރިމަތިލާން ޖެހޭކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ބުނެ އެވެ.

މީގެ އިތުރުން ކަނޑުމަތިން ގިނަ ބޯޓުތަކެއް ފެތި އެތައް ބަޔަކު ދަނީ ގެއްލެމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި އެކަނި ވެސް އެފްރިކާގެ ޖިބޫޓީ ބޭރުން ފެތުނު ބޯޓަކުން ދަތުރުކުރި 24 މީހަކު ގެއްލުނު ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

ސައުދީއަށް ހިޖުރަކުރަން ބޭނުންވާ މީހުން ޔަމަނުން ދަތުރުކުރާ މަގުތަކުގައި މަރުވެ އެތައް ބަޔަކު ވަޅުލާފައިވެ އެވެ. 

ޔަމަނުގެ އުތުރު ފަޅި ކޮންޓްރޯލު ކުރާ ހޫތީން މީގެ ދެ އަހަރު ކުރިން ބަލަހައްޓަމުން ދިޔަ ޑިޓެންޝަން ސެންޓަރެއްގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއެއްގައި އެތައް ހިޖުރަވެރީންނެއް ވަނީ މަރުވެފަ އެވެ.

ނަމަވެސް އެޗްއާރްޑަބްލިއު އިން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ތުހުމަތުތައް ތަފާތުވެފައި ބޮޑެވެ.

"އަހަރެމެންނަށް ޑޮކިއުމަންޓު ކުރެވިފައި މިވަނީ އެތައް ބަޔަކު އެއްފަހަރާ މެރުން،" މި ރިޕޯޓުގެ އިސް ލިޔުންތެރިޔާ ނާޑިއާ ހާޑްމަން ބީބީސީ އަށް ވިދާޅުވި އެވެ.

"ބައެއް މީހުން ކިޔައިދިން ވާހަކަތަކުން، މަރާލާފައިވާ މީހުންގެ ހަށިތައް ހުރި ބޮޑެތި ސަރަހައްދުތަކެއް ހުރިކަން ވަނީ އެނގިގެން ގޮސްފައި. ފަރުބަދައެއްގެ މަތީގައި."

އެޗްއާރްޑަބްލިއު އިން ޝާއިއު ކުރި ރިޕޯޓުގައި، މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހިނގާފައިވާ ތަފާތު 42 ހާދިސާއެއްގެ ތަފްސީލު ހިމަނާފައިވެ އެވެ. މީގެ ތެރޭގައި ގޮވާތަކެތި ބޭނުންކޮށްފައިވާ 28 ހާދިސާ އަކާއި ކައިރި ހިސާބެއްގައި ހުރެ ބަޑިން ހަމަލާތައް ދީފައިވާ 14 ހާދިސާއެއް ހިމެނެ އެވެ. 

"ސަލާމަތްވި މީހުން ފޮނުވާފައިވާ އެތަކެއް ސަތޭކަ ފޮޓޯއަކާއި ވީޑިއޯއެއް އަހަންނަށް ވަނީ ފެނިފައި. ވަރަށް ބިރުވެރި އަނިޔާތައް އަދި ގޮވާތަކެތި ބޭނުން ކުރުމުން ލިބޭ އަނިޔާތައް ވެސް ފެންނަން ހުރި،" ހާޑްމަން ވިދާޅުވި އެވެ.

ބޯޑަރުގައި މަރާލާފައިވާ މީހުންގެ އަދަދު އަންދާޒާކުރަން އެއްގޮތަކަށް ވެސް ނޭނގޭނެ ކަމަށް ރިޕޯޓުގައި ބުނެފައިވޭ

ބޯޑަރު ހުރަސްކުރާ ހިސާބު އޮންނަލެއް އެކަހެރިކަމުން އަދި ސަލާމަތްވާ މީހުން އަތުޖެއްސޭނެ ގޮތްތައް އުނދަގޫކަމުން، ބޯޑަރުގައި މަރާލާފައިވާ މީހުންގެ އަދަދު އަންދާޒާކުރަން އެއްގޮތަކަށް ވެސް ނޭނގޭނެ ކަމަށް އެޗްއާރްޑަބްލިއުގެ ރިޕޯޓުގައި ލިޔެފައިވެ އެވެ.

"އަހަރެމެން ބުނާނީ މަދުވެގެން 655އޭ، އެކަމު އެތައް ހާހަކަށް އެރުން ގާތް،" ހާޑްމަން ވިދާޅުވި އެވެ. "އަހަރެމެން މިވަނީ ހެއްކާ އެކު ދައްކުވައިދީފައި އަނިޔާ ކުރުން ހިންގަމުން މިދަނީ ނިޒާމީ ގޮތެއްގައިކަން. އަދި މިއީ އިންސާނިއްޔަތާ ހިލާފު އަމަލުތަކަކަށް ވެދާނެ."

ސައުދީ ސަލާމަތީ ބާރުތަކުން ބޯޑަރުގައި ގިނަ ބަޔަކުން މަރަމުންދާކަމުގެ ރިޕޯޓުތައް ފުރަތަމަ ތިލަވެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އދ. އިން ސައުދީ ސަރުކާރަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. ބޯޑަރު ހުރަސްކުރަން އުޅޭ މީހުން އެއްވެސް ބެލުމެއް ނެތި މަރަމުންދާކަން އެ ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ. މި ސީރިއަސް ތުހުމަތުތަކާ އެކު ވެސް މި ސިޓީއަށް މީޑިއާގެ މާބޮޑު ސަމާލުކަމެއް ލިބިފައެއް ނުވެ އެވެ.

އދ.ގެ މި ތުހުމަތުތައް ސީރިއަސް ކޮށް ނެގި ނަމަވެސް މިއީ އދ. އިން ސިފަކޮށްފައިވާ ގޮތަށް ރާވާއިގެން ހިންގާ ބޮޑު ޖަރީމާއެއް ނޫން ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފަ އެވެ. 

"ފޯރުކޮށްދީފައިވާ މަދު މައުލޫމާތުތަކުގެ މައްޗަށް ބަލާއިރު ތުހުމަތު ކުރެވިފައިވާ ކަންކަން ސާބިތުކުރުމަށް ބޭނުންވާ އެއްވެސް ހެއްކެއް އަދި މައުލޫމާތެއް ހޯދިފައެއް ނުވޭ،" ސައުދީ ސަރުކާރުން ބުނެފައިވެ އެވެ. 

އެކަމު ދިރާސާ ކުރާ ނެޓްވޯކެއް ކަމުގައިވާ މިކްސްޑް މައިގްރޭޝަން ސެންޓާއިން މިދިޔަ މަހު ވަނީ ސައުދީ ބޯޑަރުގައި ހިޖުރަވެރީން މަރަމުންދާ ކަމަަށް ތުހުމަތުކޮށް ރިޕޯޓެއް ނެރެފަ އެވެ. އެ ޖަމިއްޔާގެ ރިޕޯޓު ވެސް ބިނާކޮށްފައި ވަނީ ބޯޑަރުން ސަލާމަތްވި މީހުންގެ ތަޖުރިބާތަކުގެ މައްޗަށެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ބޯޑަރު ސަރަހައްދުގައި ކުނިވެފައިވާ ހަށިތައް ހުރިކަމާއި، ސައުދީ ސިފައިން އެމީހުން ހައްޔަރު ކުރާ މީހުން ކައިރީ، ބަޑިޖަހަންވީ ކޮން ފަޔަކަށްތޯ ސުވާލު ކުރާ ކަަމާއި އަދި މެޝިން ބަޑި ފަދަ ހަތިޔާރުތަކުން ބޮޑެތި ގްރޫޕުތަކަށް ހަމަލާދޭކަމުގެ ތުހުމަތު ހިމެނެ އެވެ.

ނަމަވެސް މިކްސްޑް މައިގްރޭޝަން ސެންޓަރުގެ ރިޕޯޓާ އަޅާބަލާއިރު ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓުގައި ހުރި ތަފްސީލުތައް މާގިނަ އެވެ. އޭގެ ތެރޭގައި ސަލާމަތްވި އެތައް ބަޔެއްގެ ތަޖުރިބާ އާއި ބޯޑަރުގައި މީހުން މަރަމުންދާ ސަރަހައްދުތަކާއި ހަށިތައް ފުނިޖަހަމުންދާ ސަރަހައްދުތަކުގެ ސެޓެލައިޓު ފޮޓޯތައް ހިމެނެ އެވެ.

އެޗްއާރްޑަބްލިއުގެ ރިޕޯޓު އެކުލަވާލާފައި ވަނީ މި އަހަރުގެ ޖޫން މަހާ ހަމައަށް ކަމުގައިވީ ނަމަވެސް ބީބީސީ އިން ވަނީ ބޯޑަރުގައި މި ޖަރީމާތައް އަދިވެސް ހިންގަމުންދާ ކަމުގެ ހެކިތައް ހޯދާފަ އެވެ. އެގޮތުން ބީބީސީއަށް ފެނިފައިވާ ވީޑިއޯތަކުން، އުތުރުގައި އޮންނަ ސާދާ ސިޓީއަށް އަނިޔާވެފައިވާ އެތަކެއް ހިޖުރަވެރިން ހޮސްޕިޓަލަށް ދައްކަން ދިޔަ މަންޒަރު މިދިޔަ ހުކުރު ދުވަހާ ހަމައަށް ވެސް ވަނީ ފެނިފަ އެވެ. އަދި އެތާ ކައިރީގައި ހުރި ގަބުރުސްތާނެއްގައި މީހުން ވަޅުލުމުގެ ކަންކަން ކުރިއަށްދިޔަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް