ވެރިރަށް ކީޓޯގައި ކުރިއަށް ދިޔަ ކެމްޕެއިން އެއްގައި ބަޑިޖަހާ މަރާލުމުގެ މިނެޓުކޮޅެއް ކުރިން ފާނަންޑޯ ވިއްލަވިޗެންސިއޯ ވާހަކަދައްކަވަނީ

އިކުއެޑޯ

އެކުއެޑޯގައި ރައީސް ކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

ޑްރަގް ޓްރެފިކް ކުރާ ގޭންގެއްގެ ލީޑަރެއް ވަނީ މަރާލެވުނު ކެންޑިޑޭޓަށް މިދިޔަ ހަފްތާގައި އިންޒާރު ދީފައި

އެކުއެޑޯގެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓެއް ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް ބަޑި ޖަހައި މަރާލައިފި އެވެ.

އެކުއެޑޯގެ ގައުމީ އެސެމްބްލީގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދެވި ފާނަންޑޯ ވިލަވިޗެންސިއޯ ގަޔަށް ބަޑިޖަހާ މަރާލާފައި ވަނީ ވެރިރަށް ކީޓޯގައި އޮތް ކެމްޕެއިން އިވެންޓެއް ނިންމާލެއްވުމަށް ފަހު ވަޑައިގަންނަވަން އުޅުއްވަނި ކޮށެވެ.

ވިލަވިޗެންސިއޯ އަކީ އެކުއެޑޯ ސަރުކާރު އޮފިޝަލުންނާއި ގޭންގުތަކާ ގުޅުންތަކެއް އޮތް ކަމަށް ތުހުމަތު ކުރާ މަދު ކެންޑިޑޭޓުންގެ ތެރެއިން އެއް ބޭފުޅާ އެވެ. އޭނާ މަރާލުމާ ގުޅިގެން އެކުއެޑޯގައި އިމަޖެންސީ ހާލަތު ވަނީ އިއުލާނުކޮށްފަ އެވެ.

ދެކުނު އެމެެރިކާ ބައްރަށް ނިސްބަތްވާ އެކުއެޑޯ އަކީ ތާރީހީ ގޮތުން ރައްކާތެރި އަދި ހަމަޖެހުން އޮތް ގައުމެކެވެ. ނަމަވެސް މިފަހުން ޑްރަގް ކާޓެލްތައް އޮޕަރޭޓު ކުރަން ފެށުމާ އެކު އެގައުމުގައި ބޮޑެތި ކުށްތައް ހިންގާ މިންވަރު ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. މިއީ މިއަހަރުގެ ރިޔާސީ ކެމްޕެއިންގައި ވެސް ބަހުސް ކުރަމުން އަންނަ އެންމެ މުހިންމު މައްސަލަ އެވެ.

ކުރިން ނޫސްވެރިކަމުގެ ދާއިރާގައި އުޅުއްވި އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން މިހާރު ކުރައްވަމުން ގެންދެވި ވިލަވިޗެންސިއޯ ގަޔަށް ތިން ފަހަރު ބަޑިޖެހިކަމަށް މަންޒަރު ދުށް މީހުން ވަނީ ބުނެފަ އެވެ. ފިރިހެނަކު ނުކުމެ ވިލަޗެންސިއޯ ބޮލަށް ބަޑިޖަހާފައި ވަނީ ކާރުކޮޅަށް އަރުއްވަނިކޮށް ކަމަށް އޭނާގެ ކެމްޕެއިން ޓީމުގެ މެމްބަރަކު ލޯކަލް މީޑިއާއަށް ވަނީ މައުލޫމާތު ދީފަ އެވެ.

މި ހަމަލާ ދިން މީހާ އާއި ސެކިއުރިޓީ އޮފިޝަލުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އެ މީހާ މަރާލެވިފައިވާ ކަމަށް ސޯޝަލް މީޑިއާގައި އެކުއެޑޯގެ އެޓާނީ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ. އަދި މި ހާދިސާއާ ގުޅިގެން ކީޓޯއިން ހަ މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

އެކުއެޑޯގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. މި އިންތިހާބުގައި އަށް ކެންޑިޑޭޓަކު ވާދަކުރުމަށް ނިންމާފައި ވާއިރު، އަންބަކާއި ފަސް ކުދިން ތިއްބި ވިލަވިޗެންސިއޯއަށް އާންމުންގެ މެދުގައި މެދުމިންވަރަކަށް ތާއީދު އޮތް ކަމަށް ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަ އެވެ.

ސެކިއުރިޓީގެ އިތުރުން ވިލަވިޗެންސިއޯ ކެމްޕެއިން ކުރައްވަމުން ގެންދެވި އެހެން ކަންތައްތަކުގެ ތެރޭގައި ކޮރަޕްޝަން ނައްތާލުމާއި ތިމާވެށި ހިމާޔަތް ކުރުން ހިމެނެ އެވެ. 

އެކުއެޑޯގައި ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓެއް ބަޑިޖަހާ މަރާލުމާ ގުޅޭ (ވީޑިއޯ/އޭބީސީ ނިއުސް)

ޑްރަގް ޓްރެފިކް ކުރާ ގޭންގެއްގެ ލީޑަރެއް އޭނާގެ ޓީމަށް އިންޒާރު ދީފައިވާ ކަމަށް މިދިޔަ ހަފްތާގައި ވިލަވިޗެންސިއޯ ވަނީ ހާމަކުރައްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް