އޯޝަންގޭޓް ކުންފުނިން ތައްޔާރުކޮށް، ދުނިޔޭގެ ކަނޑުގެ ފުނަން ދަތުރުކުރަން ބޭނުންކުރި ޓައިޓަން

ޓައިޓޭނިކް

ޓައިޓަންއާ މެދު ކުރިން ވެސް އޮތީ ޝައްކު، އިންޒާރު ވެސް ދިން

ފިލްމު ޑައިރެކްޓަރު އަދި ދުނިޔޭގެ އެންމެ ފުން ދިމާލަށް އެކަނި ދަތުރުކުރި ހަމައެކަނި އިންސާނާ، ޖޭމްސް ކެމެރަން ބުނީ މިއީ އިންޒާރުތަކާ މެދު އަޅާނުލުމުގެ ނަތީޖާއެއް ކަމަށް
23 ޖޫން 2023

ޓައިޓޭނިކް ބަލަން ފަސް މީހުން ގޮވައިގެން ކަނޑު އަޑިއަށް ދިޔަ ކުޑަ ސަބްމެރިން ޓައިޓަން ފުނޑުފުނޑުވެ، އަޑީގައި އޮތް އޭގެ ބައިތައް މިހާރު ވަނީ ފެނިފަ އެވެ. އެޓްލާންޓިކް ކަނޑުގެ 12،000 ފޫޓު އަޑީގައި އޮތް ޓައިޓޭނިކާ ގާތްގަނޑަކަށް 1،600 ފޫޓު ދުރުން، ބިންގަނޑު މަތީގައި އޮތް ޓައިޓަންގެ ބައިތައް ފެނުމަކީ، ވަރަށް އަނިޔާވެރި، ހިތްދަތި ގޮތަކަށް، އޭގެ ފަސް ފަޅުވެރިން ދުނިޔެ ދޫކުރުމެވެ.

ޓައިޓަންއަކީ ޓައިޓޭނިކް ބަލަން ވިޔަފާރީގެ އުސޫލުން އޯޝަންގޭޓް ކުންފުނިން ބޭނުންކުރި އުޅަނދެކެވެ. އަދިވެސް ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ، 1912ގައި އަޑިއަށް ދިޔަ ޓައިޓޭނިކް ކައިިރިއަށް ދާން ބޮލަކަށް 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ) ނަގަ އެވެ.

އެކަމަކު ޓައިޓަންގެ ސަލާމަތީ ކަންކަމާ މެދު ޔަގީންކަމެއް ނެތެވެ. އެފަދަ އާދަޔާ ހިލާފު ސަރަހައްދަކަށް އަގު ދީގެން އަޑިއަށް ދެވޭނެ ރައްކާތެރި އެއްޗެއް ކަމުގެ ސެޓްފިކެޓެއް ވެސް އޭގައި ނޯވެ އެވެ. އެހެންކަމުން މިއީ، ތަހުލީލުކުރުމުގެ ނިޔަތުގައި ދުނިޔޭގެ ފުން ކަނޑުތަކަށް އަޑިއަށް ދާ މީހުން ބޭނުންކުރާ އުޅަނދުފަހަރު ގޮތަށް، ރަސްމީ ފަރާތްތަކުން އަޅާނުލާ ދޫކޮށްލެވޭނެ، އެއްޗެއް ނޫން ކަމަށް، ތަޖުރިބާކާރުން ދެކެ އެވެ. ވަކި ފީއެއް ދައްކައިގެން އާންމުން ގޮވައިގެން އެފަދަ މާހައުލުތަކަށް ފީނާ ނަމަ، ހުރިހާ ގޮތަކުން ވެސް ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭނެ ކަމަށް ވެސް އެ މީހުން ގަބޫލުކުރެ އެވެ.

ޓައިޓަންއާ މެދު އެންމެ ބޮޑު ޝައްކެއް ކުރިންސުރެ ކުރަމުން އައި އެއް ތަޖުރިބާކާރަކީ ފިލްމު ޓައިޓޭނިކްގެ ޑައިރެކްޓަރު އަދި ސައިންސްވެރިއެއްގެ ގޮތުގައި ވެސް ބެލެވޭ ޖޭމްސް ކެމެރަން އެވެ.

ސަބްމެރިންގައި ތިބި ފަސިންޖަރުން. ކ-ވ:  ސްޓޮކްޓޮން ރަޝް، ޕޯލް އޮންރީ ނާޖީލިއޯ، ސުލޭމާން ދާއޫދު، ޝަހްޒާދާ ދާއޫދު، ހާމިޝް ހާޑިން

ޓައިޓަންގެ ހާދިސާގައި މަރުވި މީހުން

  • 1-

    ޝަހުޒާދާ ދާއޫދު، 48، ޕާކިސްތާންގެ އެންމެ މުއްސަނދި އެއް އާއިލާގެ މެމްބަރެއް

  • 2-

    ސުލެއިމާން ދާއޫދު، 19، ޝަހުޒާދާގެ ފިރިހެން ދަރިފުޅު

  • 3-

    ހަމިޝް ހާޑިން، 58، އިނގިރޭސި ވިލާތުގެ ބިލިއަނަރެއް

  • 4-

    ޕޯލް-އޮންރީ ނާޖީލިއޯ، 77، ފްރާންސްގެ އެކްސްޕްލޯރާއެއް، މީގެ ކުރިން 30 ފަހަރަށް ވުރެ ގިނައިން ޓައިޓޭނިކް ކައިރިއަށް ދިޔަ

  • 5-

    ސްޓޮކްޓަން ރަޝް، 61، އޯޝަންގޭޓްގެ ސީއީއޯ އަދި އުޅަނދުގެ ޕައިލެޓް

ކެމެރަން ވަނީ ޓައިޓޭނިކް އޮތް ތަނަށް 33 ފަހަރު ޑައިވްކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ޓައިޓަން ގެއްލުނު އިރު އޭނާ ހުރީ ބޯޓެއްގައި ކަމަށާއި އެ ހަބަރު އެނގުނީ އަނެއް ދުވަހު އެވެ. ސަބްމެރިންގެ މުވާސަލާތް ކެނޑުމާއި ވީ ސަރަހައްދު ނޭނގުމުގެ މައުލޫމާތާ އެކު ކާރިސާއެއް ހިނގައިފިކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ.

"ފުނަށް ފީނުމުގެ ދާއިރާގެ ރައްޓެހިންނާ އަހަންނަށް ވަގުތުން ގުޅާލެވުނު. ގަޑިއެއްހާ އިރުގެ ތެރޭގައި އަހަންނަށް ލިބުނު މައުލޫމާތުން އެނގުނީ، އުޅަނދު އަޑިއަށް ދަމުން ދިޔަ ކަން، އޭރު 3،500 މީޓަރަށް ހިނގައްޖެ ކަން، މިސްރާބު އެ ހުރީ އެންމެ ފުނަށް، 3،800 މީޓަރަށް ދާންކަން،" ބީބީސީއާ ވާހަކަ ދައްކަމުން ކެމެރަން ބުންޏެވެ.

"އެ މީހުންގެ މުވާސަލާތް ކެނޑިއްޖެ، ވީ ހިސާބު ގެއްލިއްޖެ. އަހަންނަށް ވަގުތުން ބުނެވުނު އެ ދެ މައްސަލަ އެކުގައި ދިމައެއް ނުވާނެއޭ ބޮޑު ކާރިސާއެއްގައި ނޫނީ، ނުވަތަ ވަރުގަދަ ހަލާކެއް މެދުވެރިވެގެން ނޫނީ. އެހާ ހިސާބުން އެންމެ ފުރަތަމަ ވެސް ހިތަށްއެރީ އުޅަނދު ފުނޑުފުނޑުވިއްޔޭ."

ޓައިޓޭނިކް ޑައިރެކްޓަރު އަދި އެކްސްޕްލޯރާ ކެމެރަން، ކަނޑު އަޑީގައި

ކަނޑު އަޑީގައި އެމެރިކާގެ ކަނޑުގެ ސިފައިން ހަރުކޮށްފައި ހުރި ޖާސޫސީ އާލާތްތަކަށް، ޓައިޓަން ގެއްލުނު ވަގުތު، އާދަޔާ ހިލާފު އަޑުތަކެއް ވަނީ ރެކޯޑްކުރެވިފަ އެވެ. މާނައަކީ ކަނޑު އަޑީގެ އެހާ ފުނުގެ ވަރުގަދަ ޕްރެޝަރުގައި އުޅަނދު ފުނޑުނުކަމުގެ އަޑުތަކެއް، ޓައިޓަން ހޯދުމުގެ މަސައްކަތް ފެށުމުގެ ކުރިން ވެސް، އެމެރިކާގެ ކަނޑުގެ ސިފައިންނަށް އެނގުމެވެ.

ނަމަވެސް އެފަދަ ހާދިސާއެއް ހިނގިކަން ޔަގީންކަމާ އެކު ބުނަން ބޭނުންވާ އެހެން ހެކިތައް ލިބުމުގެ ކުރިން އެކަން އިއުލާންނުކޮށް މަޑުކުރީ އެވެ. ހެކިތަކަކީ އުޅަނދުގެ ބައިތައް ފެނުމެވެ. އެ ބައިތައް ފެނުނީ އަޑިއަށް ފޮނުވި ކެމެރާ ހަރުކޮށްފައި ހުރި އެހެން އުޅަނދަކުން އިއްޔެ އެވެ.

ޓައިޓަންއަށް ދިމާވި މި ހިތާމަވެރި ކާރިސާ، ކެމެރަން އެއްގޮތްކުރީ ޓައިޓޭނިކް ކާރިސާއާ އެއްފަދަ ކަމެއްގެ ގޮތަށެވެ.

"އަހަރެމެންނަށް އަނެއްކާ މި ފެނުނީ ދެމުން ދިޔަ އިންޒާރުތަކަށް ބެލުމެއް ނެތި ފަރުވާކުޑަކޮށްލުމުގެ ހިތާމަވެރި ހާދިސާއަކާ ކުރިމަތިވި އަނެއް އުޅަނދު،" ކެމެރަން ބުންޏެވެ.

"އޯޝަންގޭޓްއަށް ދިޔައީ އިންޒާރު ދެމުން."

ޓައިޓޭނިކް ކަނޑު އަޑީގައި: މި ބޯޓަށް އަދިވެސް ދުނިޔޭގެ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވޭ

ހާއްސަ އުޅަނދުތަކުގައި ކެމެރަން ޑައިވްކުރީ ހަމައެކަނި ޓައިޓޭނިކް އޮތް ހިސާބަކަށް ނޫނެވެ. އޭނާއަކީ މިހާތަނަށް ދުނިޔޭގެ އެންމެ ފުން ދިމާ ކަމަށްވާ ޗެލެންޖާ ޑީޕްއަށް އެކަނިމާއެކަނި ޑައިވްކުރި ފުރަތަމަ މީހާ އެވެ. 'ޑީޕްސީ ޗެލެންޖާ'ގެ ނަމުން ނަން ދިން ކުޑަ ސަބްމެރިންއެއްގައި ކެމެރަން އެ ރެކޯޑް ހެދީ 26 މާޗު 2012 ގަ އެވެ.

ކެމެރަން އާއި ފުނަށް ފީނުމުގެ ދާއިރާގެ އެހެން ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި ތަހުލީލީ ދަތުރުތަކަށް ބޭނުންކުރާ އުޅަނދުތަކަށް ރައްކާތެރިކަމުގެ ހާއްސަ ސެޓްފިކެޓްތައް ނުލިބުނަސް، ވަކި ފީއެއް ނަގައިގެން ޓޫރިސްޓުންގެ ގޮތުގައި، އެހާ އަޑީގެ މާހައުލުތަކަށް ފީނާ އުޅަނދުފަހަރުގެ ރައްކާތެރިކަން ހުރިހާ ގޮތަކުން ވެސް ކަށަވަރުކުރަން ޖެހޭނެ އެވެ.

ކަނޑުގެ އެންމެ އަޑިއަށް އުޅަނދުތައް ފޮނުވުމުގެ ދާއިރާއަށް ހާއްސަ އެތައް ބަޔަކު ވަނީ، ކެމެރަން ބުނި ގޮތުގައި، އޯޝަންގޭޓްއަށް ސިޓީއެއް ވެސް ލިއެފަ އެވެ. އޯޝަންގޭޓުގެ އަމަލްތަކުގެ ސަބަބުން ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެ މީހުން ދިން ކަމަށް، އޭނާ ބުންޏެވެ. 

އޭގެ ކުރިން 2018ގައި މެރިން ޓެކްނޮލޮޖީ ސޮސައިޓީ (އެމްޓީއެސް) އިން ވެސް އޯޝަންގޭޓްއަށް ސިޓީއެއް ފޮނުވި އެވެ. އެ ސިޓީގައި ބުނީ އޯޝަންގޭޓްއިން ގެންގުޅޭ އުސޫލުތަކުގެ ނަތީޖާ ގޯސްވެދާނެ ކަމަށެވެ (އާދައިގެ ހާދިސާއަކުން ފެށިގެން ގޮސް ބޮޑު ކާރިސާއެއް ދިމާވުމެވެ).

އޯޝަންގޭޓްގައި ކުރިން ވަޒީފާ އަދާކުރި މީހަކު ވެސް ވަނީ، އުޅަނދުގައި ސަލާމަތީ މައްސަލަތަކެއް ހުރިކަމުގެ އިންޒާރު 2018 ހިސާބުގައި ދީފަ އެވެ.

އިތުރަށް ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް