ސަބްމެރިންގައި ތިބި ފަސިންޖަރުން. ކ-ވ: ދަތުރު އިންތިޒާމު ކުރި ކުންފުނީގެ ވެރިޔާ ސްޓޮކްޓޮން ރަޝް، ޕޯލް ހެންރީ ނާޖީލިއޯ، ސުލޭމާން ދާއޫދު، ޝަހްޒާދާ ދާއޫދު، ހާމިޝް ހާޑިންގް.

އެމެރިކާ

ގެއްލިގެން ހޯދާ ސަބްމެރިންގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް

މިހާރު ސަބްމެރިންގައި ހުންނާނެ ކަމަށް ބެލެވެނީ އެންމެ ދުވަހަކަށް ބޭނުންކުރެވޭ ވަރުގެ އޮކްސިޖަން

ޓައިޓޭނިކު ބަލާލުމަށް ފަސް ފަސިންޖަރުންނާ އެކު އާދިއްތަ ދުވަހު އުތުރު އެޓްލާންޓިކް ކަނޑުގެ އަޑިއަށް ދިޔަ ކުޑަ ސަބްމެރިން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ހުއްޓުމެއް ނެތި ކުރިއަށެވެ. 

ޓައިޓޭނިކް އޮތް ސަރަހައްދުގައި ހުރި ސޯނާތަކަކަށް އެއްޗެއްގައި ތަޅާއަޑު އިއްޔެ ނަގައިގަނެވިފައިވާ ކަމަށް އެމެރިކާގެ ކޯސްޓުގާޑުން ވަނީ ކަށަވަރުކޮށްދީފަ އެވެ.  

ޓައިޓޭނިކު ބަލާލުމުގެ ދަތުރު: އޯޝަންގޭޓް އެކްސްޕެޑިޝަންސް ކުންފުނިން ބޮލަކަށް 250،000 ޑޮލަރަށް ވިއްކާ މިދަތުރަކީ އަށް ދުވަހުގެ ދަތުރެކެވެ. މި މުއްދަތުގެ ތެރޭގައި ކެނެޑާގެ ނިއުފައުންޑްލެންޑާ 400 މޭލު ދުރުގައި ޓައިޓޭނިކް ފެތިފައި އޮތް ސަރަހައްދަށް ދިޔުމާއި އައުން ވެސް ހިމެނެ އެވެ. އާދިއްތަ ދުވަހުގެ ދަތުރުގައި އެއް ޕައިލެޓަކާއި ހަތަރު ފަސިންޖަރުން ގޮވައިގެން އަޑިއަށް ގޮސްފައި ވަނީ އޯޝަންގޭޓް އެކްސްޕެޑިޝަންސްގެ "ޓައިޓަން" ކިޔާ ކުޑަ ސަބްމެރިންއެއްގަ އެވެ.

ސަބްމެރިން ގެއްލުނީ ކިހިނެއް: މި އުޅަނދު ގެއްލިފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނު ޓައިޓޭނިކް އޮތް ފުންމިނަށް ފައިބަން ފެށިފަހުން 1 ގަޑިއިރާ 45 މިނެޓު ފަހުން ނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 3،900 ވަރަކަށް މީޓަރު އަޑީގައި އޮތް ޓައިޓޭނިކާ ހަމައަށް ދާން ނަގަނީ ދެ ގަޑިއިރެވެ. ސަބްމެރިންއާ ގުޅުންތައް ކެނޑުމުން ހަމަ އެދުވަހު އެ އުޅަނދު ހޯދުމުގެ މަސައްކަތްތައް ވަނީ ފަށާފަ އެވެ. މި އުޅަނދަށް ވީގޮތެއް އަދި މުވާސަލާތީ ގުޅުން ކެނޑުނު ސަބަބެއް އަދި އެ އުޅަނދު ޓައިޓޭނިކާ ކިހާ ގާތްވިކަމެއް ވެސް ދަި ސާފުވެފައެއް ނުވެ އެވެ. 

ވަގުތު ކުޑަތަންވަމުން އަންނަ ރޭހެއް: މި ސަބްމެރިންގައި މިހާރު އޮކްސިޖަން ހުންނާނެކަމަށް ބެލެވިފައި ވަނީ އެއް ދުވަހުގެ މުއްދަތަށް ވުރެ ވެސް މަދުން ކަމަށް ވަނީ ލަފާކުރެވިފަ އެވެ. ޓައިޓަން އުޅަނދުގެ ބައެއް ބައިތައް ހަދާފައިވާ ވަނީ އާދައިގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެންނެވެ. އާންމުކޮށް ހުންނަ ސަބްމެރިންތަކާ ހިލާފަށް ޓައިޓަން އަކީ 'ސަބްމާސިބަލް' އެކެވެ. މީގެ މާނައަކީ މި އުޅަނދު ލޯންޗު ކުރުމަށް ފެން މަތީގައި އޮންނަ ބޯޓެއް ބޭނުންވާނެ އެވެ. އަދި މިސަބަބާ ހުރެ ޓައިޓަން އަށް ފެނު އަޑީގައި މާ ގިނަ އިރުތަކެއް ހޭދަކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ. ޓައިޓެން އިން މަތީގައި އޮންނަ ބޯޓާ މުވާސަލާތު ކުރަނީ ޓެކްސްޓު މެސެޖުތައް ފޮނުވައިގެނެވެ. އަދި ކޮންމެ 15 މިނެޓަކުން އެއްފަހަރު މެސެޖު ކުރަން އަންގާފައި އޮންނަ ކަމަށް އޯޝަންގޭޓްގެ ވެބްސައިޓުގައި ބުނެފައިވެ އެވެ. 

"އަހަރުމެން މިހާރު އަބަދުހެން ބޭނުން ކުރަމުން މިއަންނަ ޖީޕީއެސް، ވައިފައި، ރޭޑިއޯ ލިންކްސް - ކަނޑު އަޑީގައި މަސައްކަތެއް ނުކުރާނެ،" ކުރީގައި ސަބްމެރިން އެއްގައި އޮފިސަރުކަން ކުރެއްވި ކެޕްޓަން ޖޭ ވަން ގާލީ ވިދާޅުވި އެވެ.

ޓައިޓަން ހޯދުމުގެ މަސައްކަތުގައި ލިބިފައިވާ ކުރިއެރުންތައް: ޓައިޓަންގެ އޮކްސިޖަން ހުސްވަމުން އަންނަ އިރު، އެޓްލާންޓިކް ކަނޑުން އެއްޗެއްގައި ތަޅާ އަޑުތަކެއް ނަގައި ގަނެވިފައިވާ ކަމަށް އެމެރިކާ ސަރުކާރުގެ މެމޯއަކާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެހެންކަމުން ދިރިހުރި މީހަކު ފެނުމުގެ އުއްމީދު އަދިވެސް އެބައޮތް ކަމަށް ވަނީ ގަބޫލު ކުރެވިފަ އެވެ. ފުރަތަމަ ތަޅާ އަޑު އިވިފައި ވަނީ ކޮންމެ 30 މިނެޓަކުން އެއް ފަހަރު ކަމަށާއި އަދި ދެން އިވިގެން ގޮސްފައި ވަނީ ހަތަރު ގަޑިއިރު ފަހުން ކަމަށް ސަރުކާރުގެ މެމޯއާ ހަވާލާދީ ސީއެންއެން އިން ރިޕޯޓުކޮށްފައިވެ އެވެ. ނަމަވެސް މި އަޑުތައް އިވިފައި ވަނީ އަންގާރަ ދުވަހުގެ ކޮން ގަޑިއަކު ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

ހޯދުމުގެ އޮޕަރޭޝަނުގައި ބޭނުންކުރަމުން އަންނަ އާލާތްތައް: އިއްޔެ އިވުނު އަޑުތައް ނަގައިގަނެފައި ވަނީ ކެނެޑާގެ ޕީ-3 މަތިންދާބޯޓަކުން ކަނޑަށް ވައްޓާލާފައި  ހުރި ސޯނާތަކަކަށެވެ. މިސަރަހައްދަށް އެމެރިކާއިން އަންނަނީ އަސްކަރީ އަދި ވިޔަފާރި އުޅަނދުތައް އެއްކުރަމުން ނެވެ. އަދި އެމެރިކާގެ ކޯސްޓު ގާޑާއި ކެނެޑާގެ އަސްކަރިއްޔާ އާއި ނިއު ޔޯކުގެ ވައިގެ ސިފައިން އަންނަނީ ފެނުގެ މަތިންނާއި އަޑިން ޓައިޓަންގެ އަސަރެއް ފެނޭތޯ ބަލަމުން ނެވެ. އަދި ފަރަންސޭސިވިލާތުގެ ރައީސް މެކޯން ވަނީ ކަނޑުގެ އެންމެ ފުންމިން ދިރާސާ ކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެއް ވެސް މި ސަރަހައްދަށް ފޮނުވާފަ އެވެ. މި ބޯޓު ކުރިއަށް އޮތް މަދު ގަޑީރެއް ތެރޭ މި ސަރަހައްދަށް ފޯރާނެ އެވެ.

ޓައިޓަން ހޯދުމުގެ މަސައްކަތްތަކާ ގުޅޭ (ވީޑިއޯ/ފޮކްސް5 ނިއުޔޯކު)

ސަލާމަތީ ކަންބޮޑުވުންތަކެއް ހުރި: ޓައިޓަންގެ ސަލާމަތީ ކަންތައްތަކާ ބެހޭގޮތުން ކަންބޮޑުވުންތަކެއް ކުރިން ފާޅުކޮށްފައި ހުރި ނަމަވެސް އޯޝަންގޭޓުން އެކަންތައް ބޮޑު ކަމަކަށް ހަދާފައެއް ނުވެ އެވެ. މި އުޅަނދުގެ ހަލް (ތޮށިގަނޑު) އާ ބެހޭގޮތުން ކަންބޮޑުވުންތަކެއް އެކުންފުނީގައި ކުރިން މަސައްކަތް ކުރި ދެ މުވައްޒަފަކު ވަނީ ތިލަކޮށްފަ އެވެ. މި ކަންބޮޑުވުންތަކުގެ ތެރޭގައި ހަލްގެ ބޯމިން ތުނިވުން ހިމެނެ އެވެ. ދިހަ ހާސް ކިލޯ ހުންނަ 21 ފޫޓުގެ މި އުޅަނދު ހަދާފައި ވަނީ ކާބަން ފައިބާ އާއި ޓައިޓޭނިއަމް އިން ނެވެ. އަދި ޓައިޓަން ގައި ބޭނުންކޮށްފައިވާ ޓެކްނޮލޮޖީގެ އާ ކަމުން ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން މި ޓެކްނޮލޮޖީ ފާސްކޮށްފައެއް ވެސް ނުވެ އެވެ. ނަމަވެސް މިއީ ގާނޫނުން ބޭރުން ހިންގަމުން އަންނަ އޮޕަރޭޝަނެއް ނޫނެވެ.  މިދަތުރުގައި ބައިވެރިވާ އެންމެން ވެސް ބައިވެރި ވަނީ ކޮންމެ ފަދަ ގޮތެއް ވެސް ވެދާނެކަން އެނގި ހުރެ ކުންފުނި ޒިންމާދާރު ނުކުރެވޭނެކަމަށް ސޮއި ކޮށްގެން ނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް