މިއީ ވިއެޓްނާމްގައި ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންނަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފަހުގެ ފިޔަވަޅެއް. (ފޮޓޯ/ރޮއިޓާސް

ވިއެޓްނާމް

ވިއެޓްނާމްގައި ސިއްރު ސޯޝަލް މީޑިއާ އެކައުންޓްތައް ބޭނުންކުރުން މަނާކުރަނީ

އޮންލައިންކޮށް ހިންގާ ހިޔާނާތްތައް ހުއްޓުވުމަށް ވިއެޓްނާމްގައި ސޯޝަލް މީޑިއާ ބޭނުންކުރާ މީހުން ވަރަށް އަވަހަށް އެ މީހުންގެ އައިޑެންޓިޓީ ކަށަވަރުކުރަން ޖެހޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

އެކަމުގެ ސަބަބުން ކާކުކަން ނޭނގޭ އެކައުންޓްތައް ބޭނުންކޮށްގެން ކުށަށް އަރައިގަންނަ މީހުން ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ފޭސްބުކް ފަދަ ޕްލެޓްފޯމްތަކުގައި ހުރި އެފަދަ އެކައުންޓްތަކާ މެދު "ފިޔަވަޅު އަޅާނެ" ކަމަށް ވިއެޓްނާމްގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިއީ ވިއެޓްނާމްގައި ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންނަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފަހުގެ ފިޔަވަޅެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ފޭކް ކަމަށް ބެލެވޭ ހަބަރުތައް ނެގުމަށް ކުރިން ކަނޑައަޅާފައި އޮތް 48 ގަޑިއިރުގެ ބަދަލުގައި، އެ މުއްދަތު މިދިޔަ އަހަރު ވަނީ 12 ގަޑިއިރަށް ކުރުކޮށްފަ އެވެ.

ގޫގުލް އަދި ފޭސްބުކް ފަދަ ޓެކްނޮލޮޖީ ކުންފުނިތަކުން ނަގާ ޑޭޓާތައް ވިއެޓްނާމުގައި ރައްކާކުރަން ޖެހޭ ގޮތަށް 2022 ވަނަ އަހަރު ގާނޫނެއް ވެސް ފާސްކޮށްފަ އެވެ.

އެކަމުގެ ސަބަބުން ކުންފުނިތަކަށް ޕްރެޝަރު ކުރުމުގެ ގާބިލުކަން ސަރުކާރަށް އިތުރުވެ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ޒާތީ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމުގެ ހައްގު ނިގުޅައިގަތުމުގެ ފުރުސަތު އެބައޮތް ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުންޏެވެ.

އެންމެ ފަހުގެ ގަވާއިދަކީ ފާސްކުރަން މަސައްކަތް ކުރާ ޓެލެކޮމިއުނިކޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމެނޭ ގަވާއިދެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފާސްކުރަން ޖެހޭ އަދި 2023 ވަނަ އަހަރު ނިމުމުގެ ކުރިން އަމަލުކުރަން ފަށާނެ ކަމަށް ބެލެވޭ ބިލެކެވެ. ނަމަވެސް އެކަމުގެ ފުރިހަމަ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ވިއެޓްނާމްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިތަކަށް މިހާރު އައިޑެންޓިޓީ ވެރިފިކޭޝަން ހާމަކުރާކަށް ނުޖެހެ އެވެ.

ނަމަވެސް، އާ ގަވައިދު ވުޖޫދަށް އައުމާ އެކު، އެ ގައުމުގެ އަދި ބޭރުގެ ސޯޝަލް ނެޓްވޯކްތަކުން، ވަކިވަކި ފަރުދުން ވިޔަސް އަދި ޖަމިއްޔާތަކުން ވިޔަސް، އާ އުސޫލާ އެއްގޮތަށް އަމަލުކުރަން ޖެހެ އެވެ.

ޑެޕިއުޓީ އިންފޮމޭޝަން މިނިސްޓަރު ގުޔެން ތަން ލާމް ދައުލަތުގެ މީޑިއާގައި ވިދާޅުވީ ސޯޝަލް މީޑިއާ އެކައުންޓް ގެންގުޅޭ މީހުންގެ ތެރެއިން ގާނޫނާ ހިލާފުވާ ދެނެގަނެވޭނެ ކަމަށާއި ނަމަވެސް ބޯޑަރު ހުރަސްކޮށް އެޕްލިކޭޝަންތައް ބޭނުންކުރާތީ އެ މީހުން ތިބި ތަނެއް ނުބެލެވޭނެ ކަމަށެވެ.

ތަޖުރިބާކާރުން ބުނަނީ ދޮގު މައުލޫމާތު ދިނުމާއި ނަފުރަތު އުފެދޭ ވާހަކަތައް އިތުރުވުމަކީ ދެކުނު އިރުމަތީ އޭޝިއާގެ ސަރުކާރުތަކަށް ގާނޫނީ ކަންބޮޑުވުމެއް ނަމަވެސް ވިއެޓްނާމް ފަދަ ސަރުކާރުތަކުން ޑިޖިޓަލް ސްޕޭސްގެ މައްޗަށް ބޮޑު ކޮންޓްރޯލެއް ގެނައުމަށް ބޭނުންކޮށްފައި ވަނީ ނުރަނގަޅު މާނަތަކެއްގައި ކަމަށެވެ.

މި އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ވިއެޓްނާމް އޮތީ 178 ވަނައިގަ އެވެ.

ކޮމެންޓް (1)

ބުރުގާ

9 މޭ 2023
މުސްތަގުބަލުގަ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް"ގަ ރާއްޖޭ އޮންނާނީ ވިއެޓްނާމައްވުެރެވެސް ފުލުގަ. ބަލަންތިބޭ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް