ޕޯޗުގަލްގައި ހުންނަ ބްރެޒިލްގެ އެމްބަސީ ބޭރުގައި މުޒާހަރާކުރަނީ.

ޕޯޗުގަލް

ލޫލާގެ ޕޯޗުގަލް ދަތުރުގައި ޔޫކްރެއިނަށް ތާއީދުކޮށް ބަޔަކު މުޒާހަރާކޮށްފި

ލޫލާ ވަނީ ޔޫކްރެއިން ހަނގުރާމައިގެ ޒިންމާ ކީވް އިން ވެސް ނަގަން ޖެހޭނެ ކަމަށް ވިދާޅުވެފައި

ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ޕޯޗުގަލްއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން ޔޫކްރެއިނު ރައްޔިތުން ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި ހުންނަ ބްރެޒިލްގެ އެމްބަސީ ބޭރުގައި އިއްޔެ މުޒާހަރާކޮށްފި އެވެ.

ފަސް ދުވަހުގެ ދަތުރުފުޅެއްގައި ޕޯޗުގަލްއަށް އިއްޔެ ވަޑައިގެންނެވި ލޫލާ ފާއިތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހު ޔޫކްރެއިނު ހަނގުރާމައާ ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަަފުޅުތަކާ ގުޅިގެން ހުޅަނގުގެ ގިނަ ބަޔަކު ވަނީ ރުޅި އައިސްފަ އެވެ.

ހަނގުރާމައިގެ ޒިންމާ ރަޝިޔާ އާއި ޔޫކްރެއިނާ ދެ ގައުމުން ވެސް އުފުލަން ޖެހޭނެ ކަމަށް ލޫލާ ވަނީ ވިދާޅުވެފަ އެވެ. އަދި އެމެރިކާ އާއި ޔޫރަޕުން ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދީ، ހަނގުރާމަ ދިގުދަންމަމުން ގެންދާ ކަމަށާއި މިކަން ހުއްޓާލަން ޖެހޭ ކަމަށް ވެސް ލޫލާ ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، ފާއިތުވެދިޔަ ދުވަސްތަކުގައި ރާގު ބަދަލުކުރައްވައި ޔޫކްރެއިނުގެ ސަރަހައްދަށް ރަޝިޔާއިން އަރައިގަތުން ކުށްވެރިކުރައްވައި ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް ވެސް ލޫލާ ގޮވާލައްވާފަ އެވެ.

ރަޝިޔާއާ އެއް މިންގަނޑަކުން ޔޫކްރެއިނު ވެސް ކުށްވެރިކުރައްވަމުން ގެންދަވާތީ ކީވް އިން ވަނީ ލޫލާއަށް ފާޑުކިޔާފަ އެވެ. އަދި ޔޫކްރެއިނަށް ވަޑައިގަތުމަށް ކީވް އިން ވަނީ ލޫލާއަށް ދައުވަތު ވެސް ދީފަ އެވެ.

ޕޯޗުގަލްގައި ދިރިއުޅެމުން އަންނަ ޔޫކްރެއިނުގެ ރެފިއުޖީ ޔަނާ ކޮލޮމީޓްސް ވަނީ އިއްޔެ ލިސްބަންގައި އޮތް މުޒާހަރާތަކުގައި ބައިވެރިވެފަ އެވެ. ލޫލާގެ ވާހަކަތައް އަޑުއިވި ވަރަށް ދެރަވި ކަމަށް އޭނާ ނޫސްވެރިންނަށް ބުންޏެވެ.

"އަހަރެން ވަރަށް ކަންބޮޑުވި. ސަބަބަކީ އަހަރެންނަކަށް ނޭނގެ ބްރެޒިލްގެ ރައީސަކު ޕޫޓިންއަށް ތާއީދުކުރަންވީ ކީއްވެ ކަމެއް،" ޕޫޓިންއަކީ "މީހުން މަރާ މީހެއް" ކަމަށް ސިފަކުރަމުން، އުމުރުން 27 އަހަރުގެ ކޮލޮމީޓްސް ބުންޏެވެ.

ލިސްބަންގައި ހުންނަ ބްރެޒިލްގެ އެމްބަސީ ބޭރަށް އިއްޔެ އެއްވި މީހުން ހިފައިގެން ތިބި ބޯޑުތަކުގައި "ރަޝިޔާއަކީ ޓެރަރިސްޓު ގައުމެއް" އަދި "އަހަރެމެންގެ ދަރިން މެރުން ހުއްޓާލާ" ފަދަ ލިޔުންތައް ޖަހާފައި ހުއްޓެވެ.

"ޔޫކްރެއިނުގައި ކޮންމެ ދުވަހަކު މީހުން މަރުވޭ އަދި އަހަރެމެންނަށް ބައިނަލްއަގްވާމީ އެހީތެރިކަން ބޭނުންވޭ،" ޕޯޗުގަލްގެ ޔޫކްރެއިނިއަން އެސޯސިއޭޝަންގެ ރައީސް ޕަވްލޯ ސަދޯކާ ވިދާޅުވި އެވެ.

"މުޅި އުމުރު ދުވަހު ޑިމޮކްރަސީގެ ހައްގުގައި މަސައްކަތް ކުރެއްވި ބޭފުޅެއް މިހާރު ހުދުމުހުތާރުކަމާ އެއް ފަރާތެއްގައި ހުރުމަކީ ހައިރާންވާ ކަމެއް."

ލޫލާގެ ރާގު ހުޅަނގާ ދެކޮޅަށް ބަދަލުވާން ފަށާފައި ވަނީ މި މަހުގެ ކުރީކޮޅު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެވެ. އެ ދަތުރުފުޅަށް ފަހު ލޫލާ ވަނީ ބްރެޒިލްގައި ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވްއާ ވެސް ބައްދަލުކުރައްވާފަ އެވެ.

ލޫލާ މިހާރު ޕޯޗުގަލްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޔޫކްރެއިނު ހަނގުރާމައިގައި ބްރެޒިލް އިން ވަކި ކޮޅަކަށް ނުޖެހޭކަން ދެއްކުމަށް މަސައްކަތް ކުރައްވާނެ ކަމަށް ބްރެޒިލްގެ ދެ އޮފިޝަލަކު ރޮއިޓާސް ނޫހަށް ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފަ އެވެ.

ޕޯޗުގަލްގެ ރައީސް އާއި ބޮޑުވަޒީރާ ލޫލާ މިއަދު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް