ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓް ބޯލާ ޓިނުބޫ ވޯޓު ލައްވަނީ (ފޮޓޯ/ރޮއިޓާސް)

ނައިޖީރާ

ނައިޖީރިއާގެ އިންތިހާބު ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓް ކާމިޔާބުކުރައްވައިފި

އިދިކޮޅު މައި ޕާޓީތަކުން ދެކޮޅު ހަދަނިކޮށް، އެފްރިކާގެ އެންމެ އާބާދީ ބޮޑު ގައުމު، ނައިޖީރިއާގައި ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓް ބޯލާ ޓިނުބޫ އިންތިހާބު ކާމިޔާބުކުރައްވާފައިވާ ކަމަށް މިއަދު އިއުލާންކޮށްފި އެވެ.

ލާގޯސް ސްޓޭޓްގެ ކުރީގެ ގަވަރުނަރަކަށް ހުންނެވި ޓީނުބޫ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ، ގައުމުގެ އިރު އުތުރުގައި ދީނީ ހަރުކަށި ފިކުރުތަކާ ގުޅިފައިވާ ހަމަނުޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ގައުމެއްގެ ލީޑަޝިޕާ އެވެ. އަދި އޭނާ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އިރު، ހަތިޔާރު އެޅި މީހުން ދޭ ހަމަލާތަކާއި މީހުން މެރުމާއި ވަގަށް ނެގުމާއި ޖަނަވާރު ގެންގުޅޭ މީހުންނާއި ދަނޑުވެރިންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ އިތުރަށް، ފައިސާ އާއި ތެލާއި ކަރަންޓުގެ ދަތިކަމާ ހެދި މިހާރު ވެރިކަން ކުރައްވާ މުހައްމަދު ބުހާރީގެ ޕާޓީން ވެފައިވާ ވައުދު ނުފުއްދި، އެކަމުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދެ އެވެ.

ދަ އިންޑިޕެންޑެންޓް ނޭޝަނަލް އިލެކްޓޯރަލް ކޮމިޝަން (އައިއެންއީސީ) އިން ބުނީ އިދިކޮޅު މައި ވާދަވެރިޔާ އާތިކޫ އަބޫބަކުރަށް 6.98 މިލިއަން ވޯޓު ލިބުނު އިރު، ޓިނުބޫއަށް 8.79 މިލިއަން ވޯޓު ލިބިފައިވާ ކަމަށެވެ. ޒުވާނުންގެ މެދުގައި މަގުބޫލު ޕީޓާ އޮބީއަށް ލިބިފައިވަނީ 6.1 މިލިއަން ވޯޓެވެ.

ނައިޖީރިއާގެ އިންތިހާބުތަކާ ބެހޭ ގާނޫނު ބުނާ ގޮތުން، ވާދަވެރިންނަށް ވުރެ ގިނަ ވޯޓު ހޯދާ ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެވޭނީ 36 ސްޓޭޓާއި ފެޑެރަލް ވެރިރަށް އަބޫޖާގެ ތެރެއިން މަދުވެގެން ތިންބައިކުޅަ ދެބައި ސްޓޭޓުން މަދުވެގެން ކޮންމެ ސްޓޭޓަކުން %25 ވޯޓު ލިބިގެންނެވެ.

އައިއެންއީސީން އާ ޓެކްނޮލޮޖީ ތައާރަފްކުރުމާ ގުޅިގެން ޓެކްނިކަލް ގިނަ މައްސަލަތަކެއް ކުރިމަތިވި އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން އިދިކޮޅު ޕާޓީތަކުން ވަނީ ދެކޮޅު ހަދާފަ އެވެ. އަދި އައިއެންއީސީގެ ޗެއާމަން މަހްމޫދު ޔަކުބޫ އިސްތިއުފާ ދެއްވުމަށް ވެސް އެ ޕާޓީތަކުން ވަނީ ގޮވާލައިފަ އެވެ.

އައިއެންއީސީގެ ޗެއާމަން މަހްމޫދު ޔަކުބޫ ނޫސްކޮންފަރެއްސެއް ދެއްވަނީ (ފޮޓޯ/ ރޮއިޓާސް)

ލާގޯސް ސްޓޭޓްގެ ގަވަރުނަރުގެ މަގާމު މީގެ ކުރިން ދެ ދައުރު ފުރުއްވި ޓިނުބޫގެ ޓްރެކް ރެކޯޑަށް ބަލައި އޭނާ ހޮވުމަށް އޭނާ ވަނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ. އޭނާ ގަވަރުނަރުކަން ކުރެއްވި ދެ ދައުރުގައި، ނުރައްކާތެރި ކުށްތައް މަދުކޮށް، އެ ސިޓީގެ ޓްރެފިކް މައްސަލަ ހައްލުކޮށް، އެ ނޫން ވެސް މައްސަލަތައް ރަނގަޅުކުރެއްވި އެވެ.

އޮބީގެ ކެމްޕެއިންގެ ސަބަބުން ޒުވާނުންނާއި ތަރައްގީވެފައިވާ ސަރަހައްދުތަކުގެ މީހުންގެ ޝައުގުވެރިވިކަން އޭނާ ހޯއްދެވި އެވެ. ކުރީގެ ފަސާދަ އަދި ކޮރަޕްޝަންގެ ސިޔާސަތުތަކާ ދެކޮޅަށް އޭނާ މީހުން ހޭލުންތެރި ކުރުވި އެވެ. އަދި 1999 ވަނަ އަހަރު އަސްކަރީ ވެރިކަން ނިމުމަކަށް ގެނައުމަށް ފަހު، ސިޔާސީ މަސްރަހު އަންނަ ދެ ޕާޓީގެ އުމުރުން ދުވަސްވީ މީހުންގެ މައްޗަށް ގަދަވެގަތުމުގެ ވިސްނުން ކުރިއަށް ނެރުނެވެ.

އިދިކޮޅުގެ ނުރުހުން

އިދިކޮޅު ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ އާއި ލޭބާ ޕާޓީ އަދި ކުޑަ ޕާޓީއަކުން ވަނީ ނަތީޖާއާ މެދު ދެކޮޅު ހަދާފަ އެވެ.

"ނޭޝަނަލް ކޮލޭޝަން ސެންޓަރުގައި އިއުލާނު ކުރަމުން އަންނަ ނަތީޖާތަކަކީ ވަރަށް ބޮޑަށް އޮޅުވާލާފައިވާ ނަތީޖާތަކެއް. އެއީ ވޯޓުގައި ފާޅުކުރި ނައިޖީރިއާގެ ރައްޔިތުންގެ އިހުސާސްތައް ދައްކުވައިދޭ ނަތީޖާއެއް ނޫން،" އެ މީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ނަމަވެސް އައިއެންއީސީއިން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ.

"އިންތިހާބެއްގެ ނަތީޖާއާ މެދު ހިތްހަމަނުޖެހިއްޖެ ނަމަ، ހައްގު ގެއްލިފައިވާ ޓީތަކުން ނުވަތަ ކެންޑިޑޭޓުން އަމަލު ކުރާނެ އިޖުރާއަތްތަކެއް ކަނޑައެޅިފައި އެބަހުރި،" އައިއެންއީސީގެ ބަޔާނުގައި ބުންޏެވެ.

މި ފަހަރުގެ އިންތިހާބުގައި ވެސް އެކި ތަންތަނުގައި ހަމަނުޖެހުންތަކެއް ހިނގި އެވެ. ނަމަވެސް ކުރީގެ އިންތިހާބުތަކަށް ވުރެ މަދެވެ.

ކޮންމެ ވޯޓިން ޔުނިޓެއްގެ ނަތީޖާ އެ ޔުނިޓުގެ ވެބްސައިޓަށް އަޕްލޯޑް ކުރާނެ ކަމަށް އައިއެންއީސީން ވައުދުވި ނަމަވެސް ގިނަ ޔުނިޓްތަކަށް ވަގުތުން އެކަން ނުކުރެވި، އެތައް ހާސް ނަތީޖާއެއް އަދިވެސް އަޕްލޯޑް ކޮށްފައެއް ނުވެ އެވެ.

އޭގެ މާނައަކީ ކުރީގެ އިންތިހާބުތަކެކޭ އެއްފަދައިން އަވަށްތަކުގެ އިންތިހާބީ މަރުކަޒުގެ ތެރޭގައި ނަތީޖާ އެއްކުރަން ޖެހުމެވެ. އޮބްޒާވަރުން ވެސް ވަނީ ރޭވުންތެރިކަން ދަށް ކަމަށް ބުނެ ފާޑުކިޔާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް