ބެލްޖިއަމަށް ފޮނުވަން އުޅެނިކޮށް އެކުއެޑޯއިން އަތުލައިގަތް ކޮކެއިން ޕާރުސަލްތައް އަތުރާލާފައި (ފޮޓޮ/އެކުއެޑޯ ފުލުހުން)
ބެލްޖިއަމްއަށް ފޮނުވަން އުޅުނު ދޮންކެޔޮ ޝިޕްމަންޓަކުން 330 މިލިއަން ޑޮލަރުގެ ކޮކެއިން އަތުލައިގެންފި
ޔޫރަޕުގެ ބެލްޖިއަމް އަށް ފޮނުވުމަށް ތައްޔާރުކޮށްފައި ހުރި ދޮންކެޔޮ ޝިޕްމަންޓެއްގެ ތެރެއިން 8.8 ޓަނުގެ ކޮކެއިން އަތުލައިގަނެފައިވާ ކަމަށް އެކުއެޑޯގެ ފުލުހުން ބުނެފި އެވެ.
މި ޝިޕްމަންޓު ބެލްޖިއަމްއާ ހަމައަށް ފޯރި ނަމަ މި މަސްތުވާތަކެތީގެ އަގު އުޅޭނީ 330 މިލިއަން ޑޮލަރުގައި ކަމަށް އެކުއެޑޯގެ ފުލުހުންގެ ކޮމާންޑަރު ފައުސްޓޯ ސަލީނާސް ވިދާޅުވި އެވެ.
އަވަށްޓެރި ޕެރޫ އާއި ކޮލަމްބިއާގައި އުފައްދާ ކޮކެއިން ބޭރުކުރުމަށް ޓްރާންސިޓު ގައުމުކަމަށް އެކުއެޑޯ މިހާރު ބޭނުންކުރެ އެވެ.
އެކުއެޑޯގެ އިދާރާތަކުން މިދިޔަ އަހަރު އެކަނި ވެސް 200 ޓަނުގެ ޑްރަގް އަތުލައިގަތެވެ. މީގެ ބޮޑު މިންވަރެއް އަތުލައިގަތީ ގުއާޔަކުއިލް ބަނދަރުންނެވެ. ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ދޮންކެޔޮ އެކްސްޕޯޓު ކުރަމުން އަންނަ އެކުއެޑޯއިން މަސްތުވާތަކެތި ބޭރުކުރުމަށް ކުށްވެރިން ދޮންކެޔޮ ޝިޕްމަންޓުތަކުގައި އެކި ގޮތްގޮތަށް ޑްރަގް ފޮރުވުން ވަނީ އާންމުވެފަ އެވެ. ގުއާޔަކުއިލް ބަނދަރުން ދުނިޔޭގެ އެކި ސަރަހައްދުތަކަށް ދޮންކެޔޮ ބޭރު ކުރެ އެވެ.
އެކުއެޑޯގެ ފުލުހުން ކޮކެއިންގެ ބޮޑު ޝިޕްމަންޓެއް އަތުލައިގެންފައި މިވަނީ ބެލްޖިއަމްގެ ދާހިލީ ކަންތައްތަކާ ބެހޭ ވަޒީރު އެއްނެލެއީސް ވާލިންޑެން އާއި ޔޫރަޕިއަން ކޮމިޝަނާ ފޮ ހޯމް އެފެއާސް ޔައަލްވާ ޔޮހެންސަން އެކުއެޑޯ އަށާއި ކޮލަމްބިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވަނިކޮށެވެ.
ޑްރަގާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި އެކުއެޑޯ އާއި ކޮލަމްބިއާގެ ބައިވެރިވުން އިތުރަށް ހަރުދަނާ ކުރުމަށް މި ދެ ބޭފުޅުންގެ ދަތުރުފުޅުގައި މަސައްކަތް ކުރައްވާނެ އެވެ.
ފާއިތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި ކޮކެއިންގެ އެންމެ ބޮޑެތި ޝިޕްމަންޓުތައް އަތުލައިގަނެވޭ ޔޫރަޕުގެ ގައުމަކަށް ބެލްޖިއަމް ވަނީ ވެފަ އެވެ.
"އިތުރުވަމުންދާ ކޮކެއިނާ ގުޅިގެން މުޅި ޔޫރަޕިއަން ޔޫނިއަން އަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ" ކަމަށް ޔޫރަޕިއަން މޮނިޓަރިން ސެންޓާ ފޮ ޑްރަގްސް އެންޑް ޑްރަގް އެޑިކްޝަންގެ ޑިރެކްޓަރު އެލެކްސިސް ގޮސްޑީލް ވަނީ މި މަހު ކުރީކޮޅު ވިދާޅުވެފަ އެވެ.
ދެކުނު އެމެރިކާ ބައްރަށް ނިސްބަތްވާ އެކުއެޑޯގައި ޑްރަގާ ގުޅިފައިވާ ހަމަނުޖެހުންތައް އިންތިހާއަށް އިތުރުވެފައި ވާއިރު މެކްސިކޯގެ ބާރުގަދަ ކާޓެލްތަކުން ވަނީ އެކުއެޑޯގެ އަވަށްޓެރި ގޭންގުތަކުގެ ކޮންޓްރޯލު ހޯދާފަ އެވެ.
ކޮމެންޓް (1)
ޔާގޫތް