މިސުރު

މިސުރުގައި އިންސްޓޯލްމަންޓަށް ފޮތް ވެސް ގަނެވޭ ގޮތް ހަދައިފި

އިންސްޓޯލްމަންޓަަށް ކާރު ނުވަތަ ދޮންނަ މެޝިން ފަދަ އަގު ބޮޑު ތަކެއްޗަށް ފައިސާ ދައްކަން އާދަވެފައިވާ މިސްރުގެ ރައްޔިތުންނަށް، ރޮކެޓު ސްޕީޑްގައި އުފެލެމުންދާ އިންފްލޭޝަންގެ އަސަރު ކުޑަކުރަން ލޯނަށް ފޮތް ގަނެވޭނެ ގޮތް ވެސް ހަދައިފި އެވެ.

"މިސްރުގައި ފޮތަކީ ލަގްޒަރީ އެއްޗަކަށް ވެއްޖެ. މިއީ ކާބޯތަކެތި ފަދަ އަސާސީ ބާވަތެއް ނޫން. މީހުން ރައްކާކުރަނީ ތަނަވަސްކަމަށް،" ސެފްސަފާ ޕަބްލިޝިން ހައުސްގެ މުހައްމަދު އެލް ބާލީ ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވީ ގާހިރާ އިންޓަނޭޝަނަލް ބުކް ފެއާގައި ވާހަކަދައްކަވަމުންނެވެ. މިދިޔަ އަހަރު ދެ މިލިއަން މީހުން ޒިޔާރަތް ކުރި ފެއާގެ މި އަހަރުގެ އިވެންޓް މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފަ އެވެ.

ފޮތުގެ އަގުތައް ވަނީ ދެގުނަ އަށް ވުރެ ބޮޑުވެފަ އެވެ. މިސްރުގެ ބައެއް ލިޔުންތެރިން ބުނަނީ އިގްތިސާދީ ގޮތުން މީހުންގެ އަތްފޯރާ ފަށަށް އަގުތައް ގެނައުމަށް ފޮތްތަކުގެ ކެރެކްޓާތަކާއި ތަފްސީލުތައް ކަނޑާލާފައިވާ ކަމަށެވެ.

"ކަރުދާހާއި ދެލީގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެ،" އަލްބާލީ ވިދާޅުވި އެވެ.

"ޓަނެއްގެ ކަރުދާހެއްގެ އަގު އަހަރު ފެށުނު ވަރަށް ވުރެ މިހާރު ގާތްގަނޑަކަށް ހަތަރު ގުނަ ބޮޑު."

އޭނާ ވިދާޅުވި ގޮތުގައި، ގައުމުން ބޭރުގައި ޗާޕުކުރާ ފޮތުގެ އަދަދު ވަނީ މަދުކޮށްފަ އެވެ. އެއީ ޑިމާންޑް ދަށްވާނެ ކަމަށް ބެލެވޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ފެއާގައި ފޮތް ގަންނަ މީހުންގެ އަދަދު ދަށަށް ދިއުމުގެ ބިރަށް ފަހު، އިންސްޓޯލްމަންޓަށް ފައިސާ ދެއްކުމުގެ ވިސްނުން ވަނީ ކުރިއަށް ނެރެފަ އެވެ. އެ ފެއާއަކީ އަރަބި ދުނިޔޭގައި މިބާވަތުގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު އަދި ޕަބްލިޝިން އިންޑަސްޓްރީއަށް ބޮޑު ހަރަކާތެކެވެ.

މިސްރުގެ ޕަބްލިޝާސް އެސޯސިއޭޝަނުން ބުނީ ކަސްޓަމަރުންނަށް މިހާރު %1.5 އިންޓްރެސްޓްގައި، ނުވަ މަސްދުވަހަށް ބަހާލައިގެން ފައިސާ ދެއްކޭނެ ކަމަށެވެ.

ޒުވާން އުމުރުގެ ކުދިންނަށް ހާއްސަ މަގުބޫލު ފިކްޝަން ލިޔުންތެރިޔާ ދީނާ އަފީފީ އުއްމީދުކުރައްވަނީ އެ ސްކީމްގެ ސަބަބުން ފޮތް ވިކޭ ވަރު އިތުރުވާނެ ކަމަށް ބެލެވޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ފިރުއައުނާ ބެހޭ ގޮތުން އޭނާ އެންމެ ފަހުން ލިޔުނު ފޮތުގެ ބައެއް ބައިތައް ބަދަލުކުރީ އެ ފޮތް ހަދަން ދާ ހަަރަދު ކުޑަކުރުމުގެ ގޮތުންނެވެ.

"އަޅުގަނޑުގެ ފޮތް ޑައުންސައިޒްކޮށް، ގާތްގަނޑަކަށް 100 ސަފުހާ އިން އެންމެ 60 ސަފުހާއަށް ތުނިކޮށްލީ، ޗާޕުކުރުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން،" އޭނާ ބީބީސީއަށް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް