ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ބިލަވާލު ބުއްޓޫ އާއި އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު: ބަހުގެ ހަމަލާތައް ބަދަލުކުރެއްވި (ފޮޓޯ/ އޭޕީ)

ޕާކިސްތާން

'ގުޖުރާތުގެ ގާތިލަކީ' ބޮޑުވަޒީރު މޯދީ ކަމަށް ޕާކިސްތާނުގެ ހާރިޖީ ވަޒީރު ވިދާޅުވެއްޖެ

އިންޑިއާގެ "ގުޖުރާތުގެ ގާތިލަކީ" ބޮޑުވަޒީރު ނަރެންދުރަ މޯދީ ކަމަށް ޕާކިސްތާނުގެ ހާރިޖީ ވަޒީރު ސިފަކުރައްވައިފަ އެވެ. ނިއުކްލިއާ ހަތިޔާރު ލިބިފައިވާ އަވަށްޓެރި ދެ ގައުމުން އދ.ގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރަމުންދާ އިރު، ޕާކިސްތާނަކީ "ޓެރަރިޒަމްގެ މައި މަރުކަޒު" ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ބިލާވަލް ބުއްޓޫ-ޒަރްދާރީ އާއި އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުއާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް އުފެދިފައި މިވަނީ ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެދާނެ ކަމުގެ އިންޒާރުދީ އދ.ގެ ސަލާމަތީ މަޖިލީހުން ބުރާސްފަތި ދުވަހު ބަޔާނެއް ފާސްކުރުމާ ގުޅިގެންނެވެ.

ދެކުނު އޭޝިއާގެ މި ދެ ވާދަވެރިންގެ ސިޔާސީ ގުޅުން ވަނީ ހީނަރުވެފަ އެވެ. އެއީ ހާއްސަކޮށް 1947 ވަނަ އަހަރު ކަޝްމީރުގެ ހިމާލިޔާ ސަރަހައްދުގައި ދެބައިވެގެން ދިޔަ ސަރަހައްދާ ގުޅިގެނެވެ. އޭގެ ފަހުން ދެ ގައުމުން ވަނީ ތިން ހަނގުރާމައެއް ކޮށް، ދެ ގައުމުގެ ނުތަނަވަސް ބޯޑަރު ސަރަހައްދުގައި އެތައް ހަމަނުޖެހުންތަކެއް ހިންގައިފަ އެވެ.

ނިއު ދިއްލީއިން ތުހުމަތުކުރާ ގޮތުގައި އިންޑިއާއަށް ހަމަލާދޭ، ހަތިޔާރުއެޅި ހަނގުރާމަވެރިންނަށް ޕާކިސްތާނުން ހިމާޔަތްދެ އެވެ.  އޭގެ ތެރޭގައި 2008 ވަނަ އަހަރު މުމްބާއީއަށް ދިން ހަމަލާގައި 175 މީހުން މަރުވި ހާދިސާ ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ހަމަލާދިން ނުވަ މީހުން ވެސް ހިމެނެ އެވެ.

މުމްބާއީއަށް ހަމަލާދިން މީހުންނަކީ ޕާކިސްތާނުގެ ލަޝްކަރޭ ތާއިބާ ހަތިޔާރު އެޅި ޖަމާއަތަށް ނިސްބަތްވާ މީހުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިންޑިއާގެ އިންވެސްޓިގޭޓަރުން ބުނަނީ އެމީހުންގެ ހަރަކާތްތަކަށް ފޯނުން އިރުޝާދުދީފައިވަނީ ޕާކިސްތާނުގައި ތިބި ބަޔަކު ކަމަށެވެ.

ހޫނު ތުހުމަތުތަކެއް

އދ.ގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖައިޝަންކަރު ވަނީ ޕާކިސްތާނަކީ ޓެރަރިޒަމްގެ މައި މަރުކަޒު ކަމަށް ސިފަކުރައްވައިފަ އެވެ.

"އަޅުގަނޑުގެ ނަސޭހަތަކީ ތިބާގެ އަމަލު ސާފުކޮށް، ރަނގަޅު އަވަށްޓެރިއަކަށް ވުމަށް މަސައްކަތްކުރުން،" ޖައިޝަންކަރު ވިދާޅުވި އެވެ.

"ހިލަރީ ކްލިންޓަން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅެއްގައި ވިދާޅުވީ ގޯތިތެރޭގައި ހަރުފަ ބަހައްޓައިފި ނަމަ ހަމައެކަނި އަވަށްޓެރިންނަށް ވިހަލާނެ ކަމަށް އުއްމީދެއް ނުކުރެވޭނެއޭ. އެންމެ ފަހުން އެ ސޮރުމެން، އެ ސޮރުމެން ގޯތީގެ ފަހަތުގައި ބޭތިއްބި މީހުންގެ ގައިގައި ވެސް ދަތް އަޅާނެ." 

 ޖައިޝަންކަރު އދ.ގެ ސަލާމަތީ މަޖިލީހުގައި، ޕާކިސްތާނުގެ ނަން ނުގަނެ، ވިދާޅުވެފައި ވަނީ "ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ ބިރުވެރިކަމާ އިންޑިއާ ކުރިމަތިލާން ޖެހުނީ މުޅި ދުނިޔެ އެކަމަށް ސީރިއަސް ސަމާލުކަމެއް ދިނުމުގެ މާ ކުރިން" ކަމަށެވެ. އަދި ވިދާޅުވީ "ޓެރަރިޒަމާ ދެކޮޅަށް ސާބިތުކަމާއި ހިތްވަރުގަދަކަމާއި ޒީރޯ ޓޮލަރެންސްގެ ވިސްނުމަކާ އެކު" ހަނގުރާމަ ކުރި ކަމަށެވެ.

ޖައިޝަންކަރުގެ ތުހުމަތަށް ޖަވާބުދާރީވުމަށް ބުއްޓޫ-ޒަރްދާރީ އަށް ދެންނެވުމުން އޭނާ ވިދާޅުވީ، ޕާކިސްތާނުގައި ވިޔަސް އަދި އިންޑިއާގައި ވިޔަސް އިންޑިއާ މީހުން "މުސްލިމުންނާއި ޓެރަރިސްޓުން އެކުގައި" ގުނަމުންދާ ކަމަށެވެ.

ޕާކިސްތާނުގެ އިސް ޑިޕްލޮމެޓް ވިދާޅުވީ ޖައިޝަންކަރު ހަނދާން ބަހައްޓަން ޖެހޭ ކަމަކީ "އުސާމާ ބިން ލާދިން މަރުވެއްޖެ، [އެކަމަކު] ގުޖުރާތުގެ ގާތިލު ދިރިއުޅެމުން އަންނަ ކަމަށާއި އޭނާ އަކީ އިންޑިއާގެ ބޮޑުވަޒީރު" ކަމަށެވެ.

އިންޑިއާގެ ހިންދޫ ނޭޝަނަލިސްޓް ބޮޑުވަޒީރު މޯދީ އަކީ 2002 ވަނަ އަހަރު ގުޖުރާތުގައި ހިންގި ދީނީ ހަމަނުޖެހުންތަކުގައި ގާތްގަނޑަކަށް 2،000 މީހުން މަރުވި އިރު، ގުޖުރާތު ސްޓޭޓްގެ ޗީފް މިނިސްޓަރެވެ. އެ 2،000 މީހުންގެ ތެރޭގައި ގިނައީ މުސްލިމުންނެވެ.

އެ ހަމަނުޖެހުންތަކަށް މޯދީ ކަނު ލޮލެއް ދެއްވި ކަމުގެ ތުހުމަތު ކުރެވެ އެވެ. އަދި 2014 ވަނަ އަހަރު ބޮޑުވަޒީރު ކަމަށް އިންތިހާބުވެވަޑައިގަތުމާ ހަމައަށް ވެސް އޭނާއަށް އެމެރިކާ އަށް ވަނުމުގެ ހުއްދަ ދީފައެއް ނުވެ އެވެ.

ޕާކިސްތާނުގެ ހާރިޖީ ވަޒީރު ވާހަކަދައްކަވަނީ

ބުއްޓޫ-ޒަރްދާރީ ވިދާޅުވީ ޓެރަރިޒަމްގެ ސަބަބުން އޭނާގެ ގައުމަށް އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާ ކަމަށެވެ. އޭނާގެ މަންމާފުޅު އަދި ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫއަށް އިޝާރާތް ކުރައްވައި، އޭނާ އަކީ އަމިއްލައަށް ވެސް ޝިކާރައަކަށްވެފައިވާ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ. ބޭނަޒީރު ބުއްޓޫ ވަނީ 2007 ވަނަ އަހަރު ބޮން ގޮއްވާލައިގެން އަވަހާރަކޮށްލައިފަ އެވެ. ބޭނަޒީރަކީ މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ ގައުމެއްގެ ލީޑަޝިޕަށް އިންތިހާބުވި ފުރަތަމަ އަންހެން ބޭފުޅާ އެވެ.

މުސްލިމެއްގެ ހައިސިއްޔަތުން، ޕާކިސްތާނު މީހެއްގެ ހައިސިއްޔަތުން، ޓެރަރިޒަމްގެ ޝިކާރައަކަށްވެފައިވާ މީހެއްގެ ހައިސިއްޔަތުން، 11 ސެޕްޓެމްބަރު 2001 ގައި އެމެރިކާއަށް ދިން ނުރައްކާތެރި ހަމަލާތަކަށް ފަހު އުފެދިފައިވާ އިސްލާމޮފޯބިއާ އާއި އިސްލާމްދީން ފްރޭމްކުރުމާ ދުރަށް ދާންވީ ވަގުތު ޖެހިއްޖެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ބިލަވާލު ވިދާޅުވި އެވެ. އެ ތާރީހުން ފެށިގެން މިއަދާ ހަމައަށް "އަޅުގަނޑުމެންނަށް ފެނުނު ކަމަކީ، ޓެރަރިޒަމަށް އެއްވެސް ދީނެއް، އިމެއް ނޭނގޭކަން،" ބުއްޓޫ-ޒަރްދާރީ ވިދާޅުވި އެވެ.

"ކީއްވެގެންތޯ އަޅުގަނޑުމެންގެ އަމިއްލަ ރައްޔިތުންނަށް ތަކުލީފެއް ލިބެން ބޭނުންވާނީ؟ އަޅުގަނޑުމެން އެއްގޮތަކަށް ވެސް އެ ގޮތެއް ބޭނުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޕާކިސްތާނުގެ މިނިސްޓަރު ދެއްކެވީ ވަރަށް ދަށު ދަރަޖައިގެ ވާހަކައެއް ކަމަށެވެ.

"ޕާކިސްތާނުގެ ހާރިޖީ ވަޒީރަށް ވަނީ 1971 ވަނަ އަހަރުގެ މި ދުވަސް ވަރަށް ސާފުކޮށް ހަނދާން ނެތިފަ އެވެ. އެއީ ޕާކިސްތާނުގެ ވެރިން ބަންގާޅީންނާއި ހިންދޫންނާ ދެކޮޅަށް ހިންގަމުން ދިޔަ ޖަރީމާތަކުގެ ސީދާ ނަތީޖާ އެވެ. ނަމަވެސް ހިތާމައަކީ ޕާކިސްތާނުން އެ ގައުމުގެ މައިނޯރިޓީންނާ މެދު އަމަލުކުރުމުގައި މާ ބޮޑު ބަދަލެއް އައިސްފައިވާ ކަމަކަށް ނުފެނެ އެވެ. ހަމަ ޔަގީނުން އިންޑިއާއަށް ފުރައްސާރަކުރުމުގެ ގާބިލުކަމެއް އެ ގައުމަށް ނެތްކަން ކަށަވަރެވެ،" ބަގްޗީ ނެރުއްވި ބަޔާނުގައި ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް