އަވަށްޓެރި އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި އޮތީ ހަމަނުޖެހުން: މައްސަލައަކީ ކަޝްމީރު (ފޮޓޯ/ ރޮއިޓާސް)

ޓައިމްލައިން

ޓައިމްލައިން: އިންޑިއާ-ޕާކިސްތާނު ބައިވުމަށް ފަހު މުޅިން ވެސް ހަމަނުޖެހުން

17 އޯގަސްޓު 2022

ނޯޓު: މިއީ އަލްޖަޒީރާގެ ލިޔުމެއްގެ ތަރުޖަމާ

އިންޑިއާ ބައްރު މީގެ 75 އަހަރު ކުރިން އިނގިރޭސީންގެ އަޅުވެތިކަމުން މިނިވަންވެ، ޕާކިސްތާނާއި އިންޑިއާ އުފަންވީ ލޭ އޮހޮރުވުމަކުންނެވެ. އެ ހާދިސާއަށް އާންމުކޮށް ކިޔައިއުޅެނީ ބައިވުން ކަމަށެވެ.

ނިއުކުލިއާ ހަކަތަ ލިބިގެންވާ މި ދެ ގައުމަކީ މިއަދު ވެސް އެއް ގައުމު އަނެއް ގައުމުގެ ދެމެދުގައި ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރޭގައި އުޅޭ ދެ ގައުމެވެ. މައިގަނޑު ގޮތެއްގައި ދެ ގައުމު ތަޅާފޮޅަނީ ކަޝްމީރުގެ މައްސަލައިގަ އެވެ.

ތިރީގައި މިވަނީ ނިއުކުލިއާ މި ދެ ބާރުގެ ދެމެދުގައި ހިނގާފައިވާ ބޮޑެތި ހާދިސާތަކެވެ.

1947: އިންޑިއާ ދެބައިވުން

އެއް ދުވަހެއްގެ އިރުއަރައި އިރު އެރި އިރު، 14-15 އޯގަސްޓް 1947ގައި، ލޯޑް ލުއިސް މައުންޓްބެޓްން، އިނގިރޭސީންގެ ދެ ގަރުނުވީ އިސްތިއުމާރީ ވެރިކަން ނިމުމަކަށް ގެންނެވި އެވެ. އަދި އިންޑިއާ ބައްރު ދެ ބަޔަކަށް ބަހާލި އެވެ؛ ބޮޑަށް ހިންދޫ އިންޑިއާ އާއި މުސްލިމު އަގުލަބިއްޔަތު އޮތް ޕާކިސްތާނުގެ ދެމެދުގަ އެވެ.

ރަނގަަޅަށް އިންތިޒާމު ނުވެ، ދެ ގައުމު ވަކިކޮލުމުން އެ ކަމުގެ ނޭދެވޭ އަސަރުން އަދިވެސް އެ ދެ ގައުމު އުޅެނީ ސަލާމަތްނުވެވިގެންނެވެ. އެ ހާދިސާގައި 15 މިލިއަން މީހުން ވިއްސިވިހާލިވި އެވެ. އަދި ލޭއޮހޮރުވުމެއް ހިނގައި ދެ މިލިއަން މީހުން މަރުވި އެވެ.

1949: ކަޝްމީރު ދެބައިވުން

ހިމާލިޔާގައި އޮންނަ ކަޝްމީރު މައްސަލާގައި ދެ ގައުމުން ހަނގުރާމައެއް ކުރި އެވެ. ކަޝްމީރުގައި ގިނައީ މުސްލިމުންނެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އދ. ގެ ތާއީދާ އެކު ހެދި ވަގުތީ އެއްބަސްވުމަކާ އެކު ޖެނުއަރީ 1947ގައި ކަޝްމީރު ދެބައިވި އެވެ. އަދި ކަނޑައެޅުނު އިމުގެ ދެ ފަރާތަށް ދެ ގައުމުގެ އަސްކަރީ ބާރުތައް ވަނީ ޖަމާކޮށްފަ އެވެ. ކަޝްމީރުގެ %63 ކޮންޓްރޯލް ކުރަނީ އިންޑިއާ އިންނެވެ. ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮތީ %37 އެވެ. ދެ ފަރާތުން ވެސް ދައުވާ ކުރަނީ މުޅި ކަޝްމީރަކީ އެ ބައެއްގެ ތަނެއްގެ ގޮތުގަ އެވެ.

1965: ދެވަނަ ހަނގުރާމަ

ކަޝްމީރުގެ ބާރުވެރިކަން ހޯދުމަށް އޯގަސްޓް 1965ގައި ޕާކިސްތާނުން އިންޑިއާއާ ދެކޮޅަށް ހަނގުރާމަ ފެއްޓި އެވެ. ނަމަވެސް އެ ދެ މެދަށް ސޯވިއެޓް ޔޫނިއަން ވަދެ ހަތް ހަފުތާގެ ތެރޭގައި ސުލްހަ އިއުލާން ކުރި އެވެ. އެއްވެސް ނަތީޖާއެއް ހާސިލެއް ނުވި އެވެ.

1971: ބަންގްލަދޭޝް އުފަންވުން

ދެ އަވަށްޓެރިން ތިންވަނަ ހަނގުރާމެއް 1971ގައި ފެއްޓި އެވެ. އެއީ އިރުމަތީ ޕާކިސްތާނުގެ ވެރިކަން އިސްލާމްއާބާދުން ކުރާތީ އެވެ. ބަންގާލީ ނެޝަނަލިސްޓުން މިނިވަންވުމަށް ކުރި މަސައްކަތަށް އެއްބާރުލުންދިނީ ދިއްލީ ސަރުކާރުންނެވެ. ނަތީޖާއަކީ މާޗު 1971ގައި ބަނގުލާދޭޝް އަކީ ވަކި ދައުލަތެއްގެ ގޮތުގައި އުފަންވުމެވެ. އެ ކުރު ހަނގުރާމާގައި ތިން މިލިއަން މީހުން މަރުވި އެވެ.

1974: ނިއުކުލިއާ ރޭސް

އިންޑިއާއިން 1974ގައި ނިއުކުލިއާ ބޮމެއް ގޮއްވާލި އެވެ. ޕާކިސްތާނަށް އެފަދަ ބޮމެއް އާއްމުކޮށް ހުޅުވާލައިގެން ޓެސްޓްކުރެވޭ ހިސާބަށް ދަތުރު ކުރެވުނީ 1998ގަ އެވެ. އެ އަހަރު އިންޑިއާއިން ނިއުކުލިއާ ފަސް ޓެސްޓް ކުރި އެވެ. ޕާކިސްތާނުން ހަ ޓެސްޓް ކުރި އެވެ. ދުނިޔޭގެ ހަވަނަ އަދި ހަތްވަނަ ނިއުކުލިއާ ބާރު އުފަންވި އެވެ. ނަމަވެސް އެއާ އެކު ދުނިޔޭގެ ގިނަ ބައެއްގެ ކަންބޮޑުވުން އުފެދުނެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތައް އެޅި އެވެ.

1989: ކަޝްމީރުގެ ދެކޮޅުވެރިކަން

ކަޝްމީރުގައި އިންޑިއާއިން ކޮންޓްރޯލް ކުރާ ފަޅިއާ ދެކޮޅަށް 1989ގައި ބަޔަކު ތެދުވި އެވެ. އެ މީހުންނާ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އެތަކެއް ހާސް ހަނގުރާމަވެރިންނާއި އާންމުން މަރުވި އެވެ. އަދި ދެކޮޅަށް ތެދުވި ހަނގުރާމަވެރިންގެ ބާރުގަދަވެގެންދިޔަ އިރު، ދެ ފަރާތުން ވެސް އިންސާނީ ހައްގުތަކަށް އަރައިގަތް މައްސަލަތައް ފެންމަތިވި އެވެ. ހިންދޫންގެ އެތަކެއް ހާސް ބަޔަކު 1990 އިން ފެށިގެން ކަޝްމީރު ދޫކޮށް އިންޑިއާގެ އެހެން ހިސާބުތަކަށް ބަދަލުވި އެވެ.

1999: ކާރުގިލް ހަމަނުޖެހުން

ޕާކިސްތާނަށް ތާއީދު ކުރާ ހަނގުރާމަވެރިން 1999 ވަނަ އަހަރު ކަޝްމީރުގެ، އިންޑިއާއިން ކޮންޓްރޯލް ކުރާ ފަޅިއަށް ވަދެގަނެ، އިންޑިއާގެ އަސްކަރީ ޕޯސްޓްގެ މައްޗަށް ގަދަވެގަތެވެ. އަދި އެ މީހުންގެ ބާރުގެ ދަށަށް ކާރުގިލް ފަރުބަދަތައް ގެންދިޔަ އެވެ.

އެ އާ ވިދިގެން އިންޑިއާ ސިފައިން ފޮނުވައި 10 ހަފުތާގެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރި އެވެ. އެ ކަމުގެ ތެރޭގައި ހަނގުރާމަވެރިންނާއި ސިފައިން ހިމެނޭ ގޮތަށް 1،000 މީހުން މަރުވި އެވެ. އެ ހަމަނުޖެހުން ނިންމާލީ އެ ދޭތެރެއަށް އެމެރިކާ ވަދެގެންނެވެ.

އަދި 2001 އާއި 2002ގައި ވެސް ތަޅާފޮޅުންތަކެއް ހިނގި އެވެ. އިންޑިއާއިން ތުހުމަތު ކުރަނީ ހަނގުރާމަވެރިންނަށް ވާގިވެރިވަނީ ޕާކިސްތާނުން ކަމަށެވެ.

ކަޝްމީރު ދެބައިވެފައިވާ ސަރަހައްދީ ރޮނގުގައި ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން ހުއްޓާލިކަން 2003ގައި އިއުލާން ކުރި އެވެ. ނަމަވެސް ޖެހިގެން އައި އަހަރު ފެށި ސުލްހައިގެ މަސައްކަތްތައް ނިމިގެންދިޔައީ ނަތީޖާއަކާ ނުލަ އެވެ.

2008: މުމްބާއީގެ ހަމަލާތައް

ނޮވެމްބަރު 2008ގައި ހަތިޔާރު އެޅި ބަޔަކު އިންޑިއާގެ މުމްބާއީއަށް ހަމަލާދީ 166 މީހަކު މަރާލި އެވެ. އިންޑިއާއިން ތުހުމަތު ކުރަނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާ އަޑީގައި އޮވެގެން ހިންގި އަމަލެއް ކަމަށެވެ. އަދި އެއާ އެކު ސުލްހައިގެ ވާހަކަތައް ހުއްޓާލި އެވެ.

ބައްދަލުވުންތައް 2011ގައި އަލުން ފެށި ނަމަވެސް، ދޭތެރެދޭތެރެ އިން ހިނގަމުންދިޔަ ހަމަނުޖެހުންތަކުގެ ހިޔަނި ދިޔައީ އެޅެމުންނެވެ.

ވަކިވެގެންނަން މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ކަޝްމީރުގެ ޕާކިސްތާނާވީ ފަޅިއަށް އިންޑިއާ ސިފައިން ހަމަލާ ދިނެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޑިސެމްބަރު 2015ގައި ކުއްލި އަދި ހައިރާން ކުރަނިވި ގޮތެއްގައި ޕާކިސްތާނަށް ޒިޔާރަތްކުރެއްވި އެވެ.

2019: މިނިވަންކަން އަނބުރާ ގެންދިޔަ

އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި 2019 ވަނަ އަހަރު އިންޑިއާ ސިފައިންގެ 41 މީހަކު މަރާލި ހާދިސާގެ ޒިންމާ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކުން ނެގުމުން، އިންޑިއާއިން ބަދަލު ހިފާނެ ކަމުގެ އިންޒާރު ދިނެވެ. އެއާ ވިދިގެން ދެ ގައުމުން އެއް ބަޔަކު އަނެއް ބަޔަކަށް ދެމުންގެންދިޔަ ހަމަލާތަކުގެ ސަބަބުން އިންޑިއާ އާއި ޕާކިސްތާން ހަނގުރާމައަކާ ދާދި ގާތަށް ދިޔަ އެވެ. އަދި އެ އަހަރުގެ ފަހުކޮޅު އިންޑިއާ އިން، ގާނޫނުއަސާސީން ކަޝްމީރަށް ހައްދެއްގެ ތެރޭގައި ލިބިދީފައި އޮތް މިނިވަންކަން، ކުއްލި ގޮތަކަށް އަތުލި އެވެ. އެއާއެކު، ކަޝްމީރުގައި ތިބި ސިޔާސީ އިދިކޮޅު އެތައް ހާސް ބަޔަކު ހައްޔަރުކުރި އެވެ.

އިންޑިއާ އިން ކަޝްމީރުގެ އިންޓަނެޓުގެ ހިދުމަތް ކަނޑާލި އެވެ. އަދި ކަޝްމީރުގައި ތިބި ބައި މިލިއަން ސިފައިންގެ ތެރެއަށް އިތުރު ސިފައިން ފޮނުވި އެވެ.

ކަޝްމީރުގެ ހަމަނުޖެހުންތަކުގައި 1990 އިން ފެށިގެން އެތައް ހާސް ބަޔަކު މަރުވެފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ އާއްމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް