ޖޭމްސް ވެބް ޓެލެސްކޯޕުގެ ކުރެހުމެއް. (ކުރެހުން/ އީއެސްއޭ)
ޖޭމްސް ވެބް ޖައްވީ ޓެލެސްކޯޕުގައި ކުޑަ ގިނިހިލައެއް ޖެހިއްޖެ
ޖޭމްސް ވެބް ޓެލެސްކޯޕުގެ މައި ލޯގަނޑުގައި ކުޑަ ގިނިހިލައެއް ޖެހިއްޖެ އެވެ.
ޖައްވުގައި ދަތުރުކުރަމުން ދިޔަ މި ކުޑަ ގާކޮޅު ވެބްގެ ލޯގަނޑުގައި ޖެހުމުން ފާހަގަކުރެވޭ ވަރުގެ ބަދަލުތަކެއް ޑޭޓާ އިން ފެންނަމުން ދިޔަ ނަމަވެސް، ވެބް ޓެލެސްކޯޕުގެ މިޝަންގެ މައިގަނޑު ނަތީޖާތަކަށް ބަދަލެއް ނާންނާނެ ކަމަށް ބެލެވެ އެވެ.
ޖައްވުގައި ދައުރުކުރަމުން އަންނަތާ ގާތްގަނޑަކަށް 30 އަހަރު ވެފައިވާ ހަބްލް ޓެލެސްކޯޕު މުސްކުޅި ކުރުމަށް ފަހު، އޭގެ ބަދަލުގައި ބޭނުން ކުރުމަށް ފޮނުވި ވެބް ޓެލެސްކޯޕު ޖައްޗަށް ލޯންޗު ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. އަދި މި ޓެލެސްކޯޕުން ނަގާފައިވާ ފުރަތަމަ ފޮޓޯތައް ނާސާ އިން ދައްކާލަން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 12ގަ އެވެ.
ގިނިހިލަ ޖެހުމުގެ ސަބަބުން މި ފޮޓޯތަކުގެ އަޖައިބު ކުރުވަނިވިކަން އެންމެ ތަންފުކެއް ވެސް ކުޑަނުވާނެ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން ވަނީ ބުނެފަ އެވެ.
ގިނިހިލަ ޖެހިފައި ވަނީ، ވެބް ޓެލްކޯޕުގައިވާ 6.5 މީޓަރު ފުޅާ ރަން ކުލައިގެ 18 ކުޑަ ލޯގަނޑުތަކުގެ ތެރެއިން 'ސީ3' ވަނަ ލޯގަނޑުގަ އެވެ. މި ހާދިސާގެ ސަބަބުން އެ ލޯގަނޑުކޮޅުގައި ކުޑަ އަޑިކަމެއް ހެދިފައިވާ ކަމަށް ވެސް ނާސާ އިން ވަނީ ރޮއިޓާސްއަށް ބުނެފަ އެވެ.
ޖައްވުގައި އެއްޗެހި ދަތުރުކުރާ ބާރުމިނުގެ ސަބަބުން ކިތަންމެ ކުޑަ ގާކޮޅަކުން ވެސް ބޮޑެތި އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮވެ އެވެ. އަދި ވެބް ޓެލެސްކޯޕުގައި ފަސް ފަހަރަކު މިފަދަ ޖައްވީ ހިލަތައް މިހާތަނަށް ޖެހިފައި ވާއިރު، އޭގެ ތެރެގައި ހިމެނޭ ހަމައެކަނި ފާހަގަކޮށްލެވޭ ހާދިސާއަކީ މިއީ އެވެ.
ސައިންސްވެރިންނާއި އިންޖިނިއަރުން ވެބް ޓެލެސްކޯޕު އީޖާދުކޮށްފައި ވަނީ މިފަދަ ހާދިސާތައް ހިނގާނެ ކަމަށް ދެކި، އެފަދަ ކަންކަމުން ކުރާނެ އަސަރު ވީހާ ވެސް މަދުވާނެ ފަދަ ގޮތަކަށް ރާވައިގެންނެވެ.