ސަލާމަތުން ޕެސިފިކް ކަނޑަށް އޮރިޔަން ވެއްޓިފައި އޮތް އިރު އެމެރިކާގެ ކަނޑުގެ ސިފައިންގެ ބަޔަކު އޭގެ ކައިރީގައި

އާޓެމިސް

އާޓެމިސް 2، ގަދަ ހޫނުން ސަލާމަތްވެ އެސްޓްރޮނޯޓުން ހެޔޮ ހާލުގައި ދުނިޔެއަށް

ދުނިޔޭގެ އެޓްމޮސްފިއާގެ ތެރެއަށް އޮރަޔަން ވަދެގަތުމާ އެކު ހަ މިނިޓް ވަންދެން ދަތުރުކުރީ 2،700 ޑިގްރީ ސެލްސިއަސްގެ ހޫނުގެ ތެރޭގައި. ދެން ވެއްޓުނީ ޕެސިފިކް ކަނޑަށް. ހަތަރު އެސްޓްރޮނޯޓުންގެ ހާލު ވެސް ރަނގަޅު
11 އޭޕްރީލު 2026

އިންސާނުން އަނެއްކާވެސް ތާރީހުގައި މުހިންމު ސަފުހާއެއް އެ ލިއެލީ އެވެ.

ހަނދަށް އިންސާނުން ފޮނުވަން އެމެރިކާއިން ކުރިއަށް ގެންދާ ޕްރޮގްރާމް، އާޓެމިސް 2ގެ ފަޅުވެރިން ސަލާމަތުން އެނބުރި ދުނިޔެއަށް އައިސް، ދަތުރުގެ ބޮޑު ކާމިޔާބު ފާހަގަކުރަން ފަށައިފި އެވެ.

އޮރަޔަން އުޅަނދު ދުނިޔޭގެ ޖައްވަށް ވަނުމާ އެކު ވައިކުޑަތަކުގެ އެހީގައި ކަނޑަށް ވެއްޓެނީ (ފޮޓޯ/ނާސާ)

އާޓެމިސް 2ގައި ތިބެގެން ޖައްވުގައި ހަތަރު އެސްޓްރޮނޯޓުން ނުވަ ދުވަސް ހޭދަކުރީ އޮރަޔަން އުޅަނދުގަ އެވެ. އެނބުރި ދުނިޔޭގެ އެޓްމޮސްފިއާގެ ތެރެއަށް އުޅަނދު ވަނުމާ އެކު ހަ މިނިޓް ހޭދަކުރީ ދުނިޔެއާ އެއްވެސް ގުޅުމެއް ނެތި އަދި 2،700 ޑިގްރީ ސެލްސިއަސް ހޫނުގަ އެވެ. މިއީ އެންމެން ނޭވާ ހިފަހައްޓާލަން ޖެހުނު އަދި އެހާމެ ނުރައްކާތެރި ވަގުތުކޮޅެވެ.

އެއީ އިރުގެ ހޫނުމިނުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަ އެވެ. ދެން ވިސްނާލާށެވެ. އޮރަޔަންގެ ދަށުގައި ހަރުކޮށްފައި ހުރި އެފަދަ ހޫނަކުން ހިމާޔަތް ލިބޭ ހީޓްޝީލްޑަށް ވާނެ ގޮތް ނޭނގުމަކީ އެންމެ ބޮޑު ބިރެވެ.

އެ ވަގުތުކޮޅުގައި އުޅަނދު ދުނިޔެއަށް ވެއްޓެމުން އެ އައީ ގަޑިއަކު 39،692 ކިލޯމީޓަރުގެ ބާރުމިނުގަ އެވެ.

އޮރަޔަން ޖައްވީ އުޅަނދުގައި ހަނދުގެ ސަރަހައްދަށް ދަތުރުކުރި އެސްޓްރޮނޯޓުން (ކަނާތުން ވާތަށް) ޖެރެމީ ހެންސަން، ކްރިސްޓީނާ ކޯޗް، ވިކްޓާ ގްލޯވާ، އަދި ރީޑް ވައިޒްމަން (މިޝަން ކޮމާންޑަރު) (ކެނެޑާ ސްޕޭސް ސެންޓަރު

އާޓެމިސް 2ގެ ހަތަރު އެސްޓްރޮނޯޓުން:

  • ރީޑް ވައިޒްމަން، މިޝަން ކޮމާންޑަރު

  • ވިކްޓާ ގްލޯވާ

  • ކްރިސްޓީނާ ކޯޗް

  • ޖެރެމީ ހެންސަން (ކެނެޑާ ސްޕޭސް ސެންޓަރު)

އެމެރިކާގެ ސެން ޑިއެގޯގެ އައްސޭރި ފަށާ ގާތްގަނޑަކަށް 30 ކިލޯމީޓަރުގެ ބޭރަށް އޮރަޔަން ވެއްޓުމާ އެކު އެމެރިކާގެ ކަނޑުގެ ސިފައިންގެ ހާއްސަ ޓީމެއް ތިބީ ތައްޔާރަށެވެ. އޮރަޔަންއިން ނެރެގެން އެސްޓްރޮނޯޓުން މަނަވަރަށް ގެންދިޔައީ ހެލިކޮޕްޓަރުގަ އެވެ.

ނާސާއިން ބުނީ ހަތަރު އެސްޓްރޮނޯޓުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

އޮރަޔަން އުޅަނދުގައި ދެ ބައެއް ހިމެނެ އެވެ. އެއީ އެސްޓްރޮނޯޓުން ތިބޭ ބަ އާއި އޭގެ މަތީގައި ހަރުކޮށްފައި ހުރި، ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ)އިން ތައްޔާރުކުރި ސާވިސް މޮޑިއުލް އެވެ. މިއީ އޮރިޔަންގެ ދަތުރުގައި މިސްރާބު ހިފަހައްޓައިދިން އިންޖީނާއި ކަރަންޓް އުފައްދައިދިން ސޯލާ ޕެނެލްތައް ވެސް ހިމެނޭ މޮޑިއުލް އެވެ. ދުނިޔޭގެ އެޓްމޮސްފިއާގެ ތެރެއަށް ވަނުމުގެ ކުޑައިރުކޮޅެއް ކުރިން ސާވިސް މޮޑިއުލް، އޮރަޔަންއާ ވަކިވި އެވެ. އޭގެ މާނައަކީ ހޫނުގައި އެ ބައި އަނދާ ހުލިވުމެވެ.

ޖައްވީ ދަތުރުތަކުން ކުޑަކުދިންނަށް ވެސް ގެނެސްދެނީ އުފާވެރިކަން: ސަލާމަތުން އޮރަޔަން ދުނިޔެއަށް އައުމުން އެމެރިކާގެ ކުޑަކުދިންތަކެއް ހަތް ޖަަހަނީ
އޮރަޔަން ވެއްޓުނު ތަން ބަލަން ނާސާގެ ހާއްސަ މަރުކަޒަކަށް ހާޒިރުވި ބަޔަކު ވަގުތުން މައުލޫމާތު ހޯދަނީ

އާޓެމިސް 2ގެ މުހިންމު ޕޮއިންޓްތައް

  • ދަތުރުގައި ހޭދަވީ މުޅިއަކު، 9 ދުވަސް، 1 ގަޑިއިރާއި 32 މިނިޓް އަދި 15 ސިކުންތު

  • ހަނދުުގެ އަނދިރި ފަރާތަށް އިންސާނުން ދަތުރުކުރި ފުރަތަމަ ފަހަރު

  • 406،771 ކިލޯމީޓަރު (252،756 މޭލު): ދުނިޔެއާ އެންމެ ދުރަށް ދިޔަ ރާސްތާ. އޭގެ ކުރިން އެހާ ދުރަށް އިންސާނުން ދަތުރުކޮށްފައެއް ނުވޭ

  • 40 މިނިޓް: ހަނދުގެ އަނދިރި ފަރާތުން ހުރަސްކުރި ދަތުރުގައި ދުނިޔެ އާއި އޮރެޔަންގެ މުވާސަލާތީ ގުޅުން ކެނޑުނު

  • 53 މިނިޓް: ހަތަރު އެސްޓްރޮނޯޓުންނަށް ފެނުނު އިރުކޭތައިގެ ވަގުުތު. އިރުކޭތައަކީ ހަނދުގެ ހިޔަނި އިރަށް އެޅުމުން އިރު ފޮރުވިގެންދާ ވަގުތު

  • އޭގެ ކުރިން ނަގާފައިނުވާ ހަނދުގެ ސަރަހައްދުން ދުނިޔޭގެ ފޮޓޯތަކެއް ތަފާތު އެންގަލްތަކުން ނެގި. އޭގެ ތެރޭގައި ހަނދަށް 'ދުނިޔެއަރާ' މަންޒަރު ހިމެނޭ. އެއީ ދުނިޔޭގައި އަހަރެމެން ތިބޭއިރު އިރުއަރާ ނުވަތަ ހަނދުއަރާ ގޮތަށް

އޮރަޔަންގެ ފަޅުވެރިން ނެގި ދުނިޔެއަރާ ތަނުގެ ފޮޓޯ: މިއީ ވަރަށް ހިތްގައިމު ފޮޓޯއެއް (ފޮޓޯ/ނާސާ)
މި އިރުކޭތަ 40 މިނެޓު ވަންދެން އާޓެމިސް 2ގެ އެސްޓްރޮނޯޓުންނަށް ފެނުނު. އޭރު އޮރަަޔަން ދަތުރުކުރީ ހަނދުގެ އަނދިރި ފަރާތުން (ފޮޓޯ/ނާސާ)

ހީޓްޝީލްޑާ މެދު އޮތް ކަންބޮޑުވުން

އޮރަޔަންގައި ހިމެނޭ ހީޓްޝީލްޑްއާ މެދު ބައެއް ތަޖުރިބާކާރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އުފެދުނެވެ. އެއީ އިންސާނުންނާ ނުލައި ހަނދު ސަރަހައްދަށް ފޮނުވި އާޓެމިސް 1 ދަތުރުގައި އޮރަޔަން ދުނިޔެއަށް ވެއްޓުނު އިރު އޭގެ ހީޓްޝީލްޑަށް ލިބިފައި އޮތް ގެއްލުމާ ހެދި އެވެ. ބައެއް ތަންތަން ހުރީ ވަކިވެފަ އެވެ.

އޭގެ ސިއްރު ހޯދަން ހާއްސަ ތަހުގީގެއް ހިންގި އެވެ. ނަމަވެސް ބައެއް ތަޖުރިބާކާރުން ބުނީ އެ މައްސަލައިގެ އަސްލު ދެނެގަނެ ހައްލެއް ނުހޯދައި، ހަމަ ކުރީގެ ހަމަތަކަށް ބިނާވެގެން ތިބެ އިންސާނުން ޖައްވަށް ފޮނުވުމަކީ ބޮޑު ނުރައްކަލެއް ކަމަށެވެ.

އިންސާނުން ނުލައި އޮރަޔަން 2022ގައި ޖައްވުގައި ދަތުރުކޮށް ދުނިޔެއަށް ވެއްޓުނުއިރު އެޓްމޮފިސްއާގެ ތެރެއިން ކުރިމަތިވި ގަދަ ހޫނުގައި އޭގެ ހީޓްޝީލްޑް އޮތް ގޮތް: ބައެއް ތަންތަން ހުރީ ވެއްޓިފައި. އެއީ ބޮޑު ނުރައްކަލެއް ކަމަށް ބައެއް ތަޖުރިބާކާރުން ގަބޫލުކުރި (ފޮޓޯ/ނާސާ)

ނާސާގެ ޗެލެންޖާ 1986ގައި އަދި ކޮލަމްބިއާ 2003ގައި ޖައްވުގައި ގޮވައި އެސްޓްރޮނޯޓުން މަރުވި ހާދިސާއަކީ ހިތާމައިގެ ފިލާވަޅުތަކެވެ. އޭގެ ތެރެއިން ކޮލަމްބިއާ ގޮވީ ދުނިޔޭގެ އެޓްމޮސްފިއާގެ ތެރެއަށް ވަނުމާ އެކު އެވެ. ސަބަބަކީ ހަލާކުވެފައި ހުރި ހީޓްޝީލްޑެވެ.

ނަމަވެސް ނާސާގެ ތަޖުރިބާކާރުންނަށް އޮރަޔަންގެ ހީޓްޝީލްޑާ މެދު ޔަގީންކަން އޮތެވެ. އެހެންވެ ބައެއް މީހުންގެ ފާޑުކިއުންތަކާ އެކު ވެސް ދަތުރު ކުރިއަށް ގެންދިޔައީ އެވެ. އާ ގޮތަކަށް ހީޓްޝީލްޑް ބަދަލުކުރަން އުޅުނު ނަމަ އެތައް އަހަރަކަށް މި ޕްރޮގްރާމް ފަހަތަށް ސޮއްސާލީހެވެ.

ކުރިއަށް އޮތީ ހަނދުގެ ބިމަށް ސީދާ އިންސާނުން ފޭބުމުގެ ދަތުރެވެ. އާޓެމިސް 4 އުދުއްސާލެވޭނީ 2028ގައި ކަމަށް ލަފާކުރެ އެވެ.

އާޓެމިސް 3 ހާއްސަކޮށްްފައި ވަނީ ހަނދުގެ ބިމަށް އިންސާނުން ފޮނުވަން ބޭނުންކުރާ އުޅަނދުތަކުގެ އަޖުމަބެލުމަށެވެ. އެ ދަތުރު އޮންނާނީ އަންނަ އަހަރު އެވެ.

މިހާތަނަށް ހަނދުގެ ބިމަށް އިންސާނުން ފޮނުވި ހަމައެކަނި ގައުމަކީ އެމެރިކާ އެވެ. އެޕޯލޯގެ ނަމުން މަޝްރޫއު ހުއްޓާލިތާ މިހާރު ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް