އެސްޓްރޮނޯޓުން އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކާއިރު އާޓެމިސް-2ގެ ރޮކެޓާއި އުޅަނދު ލޯންޗު ޕެޑަށް ގެންދަން އުފުލަނީ (ފޮޓޯ/ނާސާ)

ހަނދަށް އިންސާނުން ކުރާ ދަތުރުގެ ރޮކެޓާއި އުޅަނދު ލޯންޗު ޕެޑަށް

އޮރަޔަން އުޅަނދުގައި ހަތަރު އެސްޓްރޮނޯޓުން ކުރާ މި ދަތުރުގައި ހަނދަކަށް ނުޖައްސާނެ. އެކަމަކު މިއީ 1972ގެ ފަހުން ހަނދުގެ ސަރަހައްދަށް އިންސާނުން ދާ ފުރަތަމަ ފަހަރު
18 ޖެނުއަރީ 2026

ބިޔަ ރޮކެޓް އާއި އޭގެ މަތީކޮޅުގައި ހަރުކޮށްފައި ހުރި ޖައްވީ އުޅަނދު މިހާރު އެ ހުރީ ފްލޮރިޑާގެ ކޭޕް ކެނެރެވަލްގެ ލޯންޗު ޕެޑްގަ އެވެ. މިއީ އެމެރިކާގެ ނާސާއިން ހިންގާ އާޓެމިސް ޕްރޮގްރާމްގެ ދެވަނަ އުދުއްސާލުމެވެ. އާޓްމިސް-2ގެ ނަން ދީފައި އޮތް މި ދަތުރު ވަރަށް ތަފާތެވެ. ފަންސާސް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިންސާނުން ހަނދަށް އުދުހެން ތައްޔާރުވެ ގާތްގަނޑަކަށް މިހާރު ނިމުނީ އެވެ.

އުސްމިނުގައި 98 މީޓަރު ހުރި ބިޔަ ރޮކެޓް، ސްޕޭސް ލޯންޗު ސިސްޓަމް (އެސްއެލްއެސް) އާއި އޭގައި ހަރުކޮށްފައި ހުރި އެސްޓްރޮނޯޓުން ގޮވައިގެން ދަތުރުކުރާ އޮރަޔަން ޖައްވީ އުޅަނދު އިއްޔެ، ގަރާޖުން ނެރެގެން ލޯންޗު ޕެޑަށް ގެންދިޔަ ދުވެލި މަޑު ދަތުރު ލައިވްކޮށް އެތައް މިލިއަން ބަޔަކު ބެއްޔެވެ.

ރޮކެޓްގެ ބައިތައް ގުޅުވައި، އޭގައި އޮރަޔަން ހަރުކުރުމުގެ ހުރިހާ ކަމެެއް ހިންގި ގަރާޖު ނުވަތަ ވެހިކަލް އެމެސްބްލީ ބިލްޑިންގުން އެސްއެލްއެސް ނެރެގެން، 6.5 ކިލޯމީޓަރު ދުރުގައި ހުރި ލޯންޗު ޕެޑަށް އެ ގެންދަން ގާތްގަނޑަކަަށް 12 ގަޑިއިރު ނެގި އެވެ.

ހަނދުގެ އޯބިޓަށް ދަތުރުކުރާ ހަތަރު އެސްޓްރޮނޯޓުންގެ ތެރެއިން އަންހެން އެސްޓްރޮނޯޓް، ކްރިސްޓީނާ ކޯޗް، އިއްޔެ ކެނެޑީ ސްޕޭސް ސެންޓަރުގައި ކުޑަކުދިންތަކަކާ ސަލާންކުރަނީ (ފޮޓޯ/ނާސާ)

އެސްއެލްއެސް އާއި އޮރަޔަން ތައްޔާރުކުރަން ނާސާއިން 40 ބިލިއަން ޑޮލަރު (1.8 ޓްރިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ. އެކަމަކު އާޓެމިސް މަޝްރޫއު ކުރިއަށް އެ ދަނީ ކަނޑައެޅި ލަނޑުދަނޑިއަށް ވުރެ މާ ލަސް ދުވެއްޔެއްގަ އެވެ.

އެންމެ ފަހުން މިހާރު މި އޮތީ ޑިސެމްބަރު 1972ގައި އެޕޯލޯ-17 ހަނދަށް ޖެއްސި ފަހުން ފުރަތަމަ ފަހަރަށް އިންސާނުން ހަނދާ ދިމާއަށް އުދުއްސާލުމުގެ ހުރިހާ ކަމެއް ނިމޭ ހިސާބުގަ އެވެ. އޮރަޔަންގައި ހަތަރު އޮސްޓްރޮނޯޓުން ދަތުރުކޮށް ހަނދުގެ އަނދިރި ފަރާތުގެ ޖައްވުގައި ފަސް ދުވަސް ހޭދަކުރާނެ އެވެ. އެކަމަކު ހަނދުގައި އެ އުޅަނދު ނުއެއްޖައްސާނެ އެވެ. ހަނދުގެ ބިމަށް އިންސާނުން ފޮނުވުމުގެ ދަތުރު އޮންނާނީ އާޓެމިސް-3ގައި، ގާތްގަނޑަކަށް 2028 ހިސާބުގަ އެވެ.

އޮރަޔަންގެ ހަތަރު އޮސްޓްރޮނޯޓުންނަކީ:

  • ރީޑް ވައިޒްމަން، މިޝަން ކޮމާންޑަރު

  • ވިކްޓާ ގްލޯވާ

  • ކްރިސްޓީނާ ކޯޗް

  • ޖެރެމީ ހެންސަން (ކެނެޑާ ސްޕޭސް ސެންޓަރު)

ހަނދުގެ އަނދިރި ފަރާތަކީ ދުނިޔެއަށް ނުފެންނަ ބަ އެވެ. އެއީ އަވި ނުފޯރާ ހިސާބު ވެސް މެ އެވެ. މީގެ ކުރިން އެ ސަރަހައްދަށް އެއްވެސް އިންސާނަކު ދަތުރުކޮށްފައެއް ނުވެ އެވެ. އެހެންކަމުން އާޓެމިސް-2ގެ އެސްޓްރޮނޯޓުންނަކީ އެ ސަރަހައްދު ހަމަ ލޮލުން ބަލައިލުމުގެ ފުރުސަތު ލިބޭ ފުރަތަމަ އިންސާނުންނެވެ.

އިންސާނުން އަލުން ހަނދަށް ފޮނުވަން ތައްޔާރުކޮށްފައިވާ އޮރަޔަން އުޅަނދު

އާޓެމިސް-2 ފޮނުވާލަން ނާސާއިން މިހާރު ވަނީ ދުވަސްތަކެއް ކަނޑައަޅައިފަ އެވެ. ރޮކެޓް އުދުއްސާލާނެ ދުވަހެއް ސީދާ ނިންމާނީ، ލޯންޗު ޕެޑްގައި ހަރުކޮށް ދެން ފަށާ ރިހާސަލްގެ ހުރިހާ ކަމެެއް ބަރާބަރަށް ދިއުމުންނެވެ.

މިހާރު ކަނޑައަޅާފައިވާ ދުވަސްތަކަކީ:

  • ފެބްރުއަރީ 6 ،7 ،8، 10 ،11

  • މާޗު 6, 7, 8, 9 ،11

  • އެޕްރީލް 1, 3, 4, 5 ،6

ނާސާއިން ބުނާ ގޮތުގައި އާޓެމިސް މަޝްރޫއު ލަސްވަމުން ދިޔަ ނަމަވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭނީ އެސްޓްރޮނޯޓުންގެ ރައްކާތެރިކަމަށެވެ.

"އުދުއްސާލާނެ ދުވަހެއް އަހަރެމެން ކަނޑައެއް ނާޅާނަން ރިހާސަލްގެ ހުރިހާ ކަމެއް ނިމިގެން ނޫނީ،" ނާސާގެ އެޑްމިނިސްޓްރޭޓަރު ޖެރެޑް އިސާކްމެން ވިދާޅުވި އެވެ.

އެޕޮލޯ 17 (އިންސާނުން އެންމެ ފަހުން ހަނދަށް ޖެއްސި ދަތުރު)

  • ފުރުން: 7 ޑިސެމްބަރު 1972

  • ހަނދަށް ޖެއްސުން: 11 ޑިސެމްބަރު 1972

  • ސަރަހައްދު: ޓޯރަސް-ލިޓްރޯ ވާދީ

  • އެސްޓްރޮނޯޓުން: ޔޫޖީން ސާނަން، ހެރިސަން ޝްމިޓް، ރޮނަލްޑް އެވަންސް (ކޮމާންޑް މޮޑިއުލް ޕައިލެޓް އޯބިޓްގައި)

  • ހަނދުގައި ހޭދަކުރި ވަގުތު: ގާތްގަނޑަކަށް 22 ގަޑިއިރު

  • ހާއްސަ ކަންތައްތައް: ހަނދަށް ދިޔަ ފުރަތަމަ ސައިންޓިސްޓް (ޖިއޮލޮޖިސްޓް ޝްމިޓް)

  • ބިމަށް އެނބުރި އައުން: 19 ޑިސެމްބަރު 1972

އިތުރު އާޓިކަލް

އިތުރު އާޓިކަލް